24 Jun 2013, 13:40
ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ޓޯކޮށްފައިވާ ވެހިކަލްތަކުގެ ތެރެއިން ވެރިފަރާތުން ގެންގޮސްފައިނުވާ 242 ވެހިކަލެއް ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ގަވާއިދާއި ހިލާފަށް ޕާކްކޮށްގެން 2008 ވަނަ އަހަރުން ފެށިގެން 2012ގެ ނިޔަލަށް ޓޯކުރެވިފައިވާ ސައިކަލްތަކުގެ އަދަދު 244 އަށް އަރާއިރު އޭގެތެރެއިން ވެރިފަރާތުން ގެންގޮސްފައި ވަނީ 25 ސައިކަލް ކަމަށެވެ. އަދި 2008 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރުގެ ނިޔަލަށް ހަތަރު ފުރޮޅުލީ 25 ވެހިކަލް ޓޯކޮށްފައިވާ އިރު އޭގެތެރެއިން މިހާތަނަށް ވެރިފަރާތުން ގެންގޮސްފައި ވަނީ ދެ ވެހިކަލް ކަމަށެވެ.
މީގެ އިތުރުން ޓޯކޮށްފައިވާ 560 ބައިކަލް ވެސް މިހާތަނަށް ނުގެންގޮސް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުން ބުނީ ގަވާއިދާ ހިލާފަށް 2008 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 31 އިން ފެށިގެން ފުލުހުން ޓޯކޮށްފައިވާ އެއްގަމު އުޅަނދުތަކުގެ ޖޫރިމަނާއަށްވާ ފައިސާ ދެއްކުމަށް އެ ވެހިކަލްތަކުގެ ވެރިފަރާތްތަކަށް ދީފައިވާ ތިން މަސް ދުވަހުގެ މުހުލަތު މި ޖޫން މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެ ކަމަށާއި އެމުއްދަތުގުގެ ނިޔަލަށް ނުގެންގޮސް ހުރި ވެހިކަލްތައް ގަވާއިދުގެ މަތިން ނައްތާލެވޭނެ ކަމަށެވެ.
ޓޯކޮށްފައިވާ އުޅަނދުތައް މި އަހަރުގެ މާޗް މަހުގެ 28 ވަނަ ދުވަހުން ފެށިގެން ދޫކުރާނެކަން މީގެކުރިން ފުލުހުން ވަނީ އިއުލާންކޮށްފަ އެވެ. އަދި ޓޯކޮށްފައިވާ ވެހިކަލްތަކުގެ ޖޫރިމަނާ ފައިސާ ތިން ބަޔަކަށް ބަހަލާއިގެން ދެއްކޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.