ލ. ކައްދޫ ސިފައިންގެ ޕޯސްޓްގައި މަސައްކަތްކުރާ ސިފައިންގެ މީހަކަށް އަނިޔާކޮށް ޒަޚަމްކޮށްލުމަށް ފަހު ލ. ފޮނަދޫ މަގެއްގެ މައްޗަށް އެއްލާލާފައި އޮއްވައި ފެނިއްޖެ އެވެ.


އަނިޔާކުރުމަށް ފަހު އެއްލާފައި ވަނީ ލ. މާވަށު ލައިޓް ހައުސް އަލީ އާދިލު ހަސަނެވެ. އޭނާއަކީ ލ. ކައްދޫގައި ހުންނަ ސިފައިންގެ ޕޯސްޓްގައި މަސައްކަތް ކުރައްވާ ކޯޕްރަލް އެކެވެ. ބަޔަކު އާދިލަށް ހަމަލާދީ ޒަހަމްކޮށްލުމަށް ފަހު އެއްލާލާފައި އޮއްވައި ފެނުނީ ރޭ 10:00 ޖަހާ އެހާކަންހާއިރު އެ ރަށުގެ ޓެކްސީ ޑްރައިވަރަކަށެވެ.


އެމްއެންޑީއެފުން ބުނީ ރޭގެ އެ ހަމަލާގައި އާދިލުގެ އެއް އަތް ބިނދި ބޯ ފަޅައިގެން ދިއުމުގެ އިތުރަށް ވެސް ބައެއް ގެއްލުންތައް ދީފައިވާ ކަމަށެވެ.


ފުލުހުންގެ ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ ފޮނަދޫގައި ރޭ އެފަދަ ހާދިސާއެއް ހިނގާފައިވާ ކަމަށާއި އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.


އެމްއެންޑީއެފުން ބުނީ އާދިލަށް ގަމު ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުން އަންނަ ކަމަށާއި އާދިލަށް ހަމަލާދީފައި ވަނީ ކާރެއްގައި މާސްކް އަޅައިގެން ތިބި ބަޔަކު ކަމަށެވެ. އަދި ބުނީ އާދިލު ފޮނަދޫއަށް ދިޔައީ އޮފް ޑިއުޓީގައި އޭޓީއެމްއިން ފައިސާ ނަގަން ކަމަށާއި އޭނާ އަށް ހަމަލާދިނީ ފައިސާ ނެގުމަށް ފަހު ފިހާރައަކުން ބާޒާރުކޮށްގެން ސައިކަލްގައި ކައްދުއަށް ދަތުރުކުރަނިކޮށް ކަމަށެވެ. ކޯޕްރަލްއަށް  އަނިޔާ ކުރުމަށް ފަހު އެއްލާލާފައި އޮތީ ފޮނަދޫ އާއި ކައްދޫއާ ގުޅޭ ކޯޒުވޭގެ ކައިރިއަށެވެ.  


މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ވެސް ކާރެއްގައި ދަތުރުކުރި ބަޔަކު ފޮނަދޫ ދަނޑުބިންތަކުގައި ތިބި ބިދޭސީންގެ އަތުން ފޭރުމަށް ފަހު ފުލުހުންނަށް ފިލަން ދުއްވަނިކޮށް ކާރު ރުކެއްގައި ޖެހި އޭގައި ތިބި މީހުނަށް އަނިޔާވުމުގެ ހާދިސާއެއް ހިނގާފައިވެ އެވެ.