24 Jun 2013, 13:24
ބިޑް ކުރުމެއްނެތި 22 ރަށެއްގެ ބަނދަރުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
މިއަދު ހެނދުނު ޝީ ބިލްޑިންގައި އޮތް ރަސްމިއްޔާތެއްގައި 22 ރަށެއްގެ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ. އެމްޓީސީސީގެ ފަރާތުން އެގްރިމެންޓްގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޑރ. އަހުމަދު އަދުހަމް އަބުދުﷲ އެވެ.
މުއިއްޒު ވިދާޅުވީ އެމްޓީސީސީ އަކީ ސަރުކާރުގެ ބޮޑު ހިއްސާއެއް އޮންނަ ކުންފުންޏެއް ކަމަށާއި ބީލަމަކާ ނުލައި އެ ކުންފުންޏާ ސަރުކާރަށް މަސައްކަތް ހަވާލުކުރެވޭނެ ކަމަށެވެ.
"އެމްޓީސީސީއަކީ ސަރުކާރުގެ މިފަދަ މަސައްކަތް ހަވާލުކުރާ އެންމެ ބޮޑު އެއް ކުންފުނި. ސަރުކާރުގެ އެންމެ ބޮޑު ހިއްސާއެއް ވެސް އޮންނަ ކުންފުންނި. ބިޑް ކުރުމެއް ނެތި އެ މަސައްކަތް ހަވާލު ކުރެވޭނެ ކުންފުންޏަކީ އެމްޓީސީސީ. އަދި އެމްޓީސީސީއަކީ އެ މަސައްކަތް އެންމެ ފުޅާ ދާއިރާއެއްގައި ކުރާ ސަރުކާރަށް އެންމެ އިތުބާރު ކުރެވޭ ކުންފުނި،" މުޢިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ބަނދަރުތަކަކީ މި އަހަރުގެ ބަޖެޓްގައި ހިމަނާފައިވާ މަޝްރޫއުތަކެއް ކަމަށް ވެސް ހައުސިން މިނިސްޓްރީ އިން ބުންޏެވެ. ނަމަވެސް 22 ރަށުގެ ބަނދަރުގެ މަސައްކަތް ކުރުމަށް ލޯނު ނަގާ ގޮތަށް ހަމަޖެހިފައިވާ އިރު، އެކަމާ ބެހެ ތަފްސީލެއް މިނިސްޓްރީއަކުން ހާމައެއް ނުކުރެ އެވެ. އެ މަސައްކަތަށް ފައިސާ ޚަރަދު ކުރާނެ ގޮތެއް އަދި އެ މަސައްކަތަށް ޚަރަދުވާނެ ފައިސާ ހައުސިން މިނިސްޓަރު ވެސް އަދި އެމްޓީސީސީއަކުން ވެސް ބުނެފައެއް ނުވެ.
"ކޮންމެ ރަށަކަށް ވަކި އަދަދެއް ބަޖެޓްގައި ހިމަނާފައި ވަނީ ބަޖެޓް ފާސްކުރި އިރު. އަންނަ އަހަރަށާ އެއްކޮށް ހިމަނާފައި ވަނީ،" ޑރ. އަހުމަދު މުޢިއްޒު ވިދާޅުވި އެވެ.
އެ މަސައްކަތަށް ބޭނުންވާ ލޯނު ނަގާނީ އެމްޓީސީސީން އެވެ. އަދި ސަރުކާރަށް ލޯނަށް ގެރެންޓީ ދެވޭނީ މަޖިލީހުން އެ މަސައްކަތް ކުރުމަށް ލޯނު ނެގުމަށް ރުހުން ދިނުމުންނެވެ.
އެމްޓީސީސީން ބުނީ ލޯނު ދޭނެ ފަރާތްތަކާ މުއާމަލާތް ކޮށްފައިވާނެ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލް ނުދެއްވަ އެވެ. ހައުސިން މިނިސްޓަރު ވިދާޅުވީ އެކަމާ ގުޅޭ ތަފްސީލު ދެއްވޭނީ ލޯނުގެ ކަންތައް ހަމަޖެހުމުން ކަމަށެވެ. އަދި ބާޒާރުގައި ތަކެތީގެ އަގު ހުންނަ ގޮތަށް ބަލައިގެން ކޮންޓްރެކްޓަށް ބަދަލުގެނައުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ.
ގިނަ ވެގެން ދެ އަހަރުގެ މުއްދަތުގެ ތެރޭ މަސައްކަތް ނިންމާ ގޮތަށް އެމްޓީސީސީއާ ހަވާލުކުރި 22 ރަށުގެ ތެރޭ ހިމެނެނީ ދ. ބަނޑިދޫއާއި ތ. ބުރުނީއާއި އދ. ދަނގެއްޗާއި، ށ. ފޯކައިދުއާއި ކ. ގާފަރާއި އަދި އެ އަތޮޅު ގުޅި އާއި އއ. ހިމަންދޫ އެވެ. މީގެ އިތުރުން ވެސް ބ. ހިތާދޫ، ލ. ހިތަދޫ، ނ. ހޮޅުދޫ، ރ. އިނގުރައިދޫ ށ. ކަނޑިތީމު، ގއ. ކޮލަމާފުށި، ހދ. ކުމުންދޫ، ގދ. މަޑަވެލި، ރ. މަޑުއްވަރި، ތ. މަޑިފުށި، ފ. މަގޫދޫއާއި އެއަތޮޅު ނިލަންދޫގެ އިތުރުން ށ. މަރޮށި ވެސް ހިމެނެ އެވެ. އަދި ބ. ތުޅާދޫގައި ކުރުމަށް ހަމަޖެހިފައި ވަނީ ބްރޭކް ވޯޓާގެމަސައްކަތެވެ.
އެމްޓީސީސީން ބުނީ އެ މަސައްކަތް ކުރުމަށް ބޭނުންވާ ސާމާނާއި މީހުން ލިބިފައިވާ ކަމަށެވެ. އެ ކުންފުނިން މިހާރު ތ. ތިމަރަފުށީ އެއާޕޯޓުގެ މަސައްކަތް ވެސް ކުރަމުން އަންނައިރު، 16 ރަށެއްގެ ބަނދަރުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ. އަދި 22 ރަށުގެ ބަނދަރުގެ މަސައްކަތަށް ބޭނުންވާ ކެޕޭސިޓީ އިތުރު ކުރެވޭނެ ކަމަށާއި އެ ކުންފުނިން ހަދާ ބަނދަރެއް ހަދާނީ އެންމެ ފެންވަރު ރަނގަޅުކޮށް ކަމަށެވެ.
ބަނދަރުގެ މަސައްކަތް ކުރުމަށް ނިންމާފައި ވަނީ ހުރިހާ ރަށެއްގެ މަސައްކަތް އެއްފަހަރާ ކުރުމުގެ ބަދަލުގައި ތާވަލްތަކަކަށް ބަހާލައިގެން ފަސް ޓީމެއް ފަސް ސަރަހައްދަކަށް ފޮނުވައިގެނެވެ. އަދި އީއައިގޭ މަސައްކަތް 28 ދުވަހުގެތެރޭ ނިންމާލެވޭނެ ކަމަށް އެމްޓީސީސީ ބުންޏެވެ.
އެމްޓީސީސީއާ 22 ރަށެއްގެ ބަނދަރުގެ މަސައްކަތް ހަވާލުކުރި އިރު ބައެއް ރަށްތަކުގެ ބިޑް ދެވަނަ ފަހަރަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ. އަދި މިހާރު ވެސް އިތުރު 45 ރަށެއްގެ ބަނދަރުގެ، މަސައްކަތް ކުރިއަށްދާ ކަމަށް ހައުސިން މިނިސްޓަރު ވިދާޅުވި އެވެ.
މިދިޔަ އަހަރުތެރޭ ސަރުކާރުން ވަނީ 14 ރަށެއްގެ ބަނދަރު ހަދާފަ އެވެ.