24 Jun 2013, 13:12
މަސްތުވާތަކެތީގެ މައްސަލަތަކުގައި 37 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ މީހަކު ރިހެބިލިޓޭޝަން ފަރުވާ ފުރިހަމަ ކުރުމުން އޭނާ މުޖުތަމައުއަށް ދޫކޮށްލައިފި އެވެ.
ޑްރަގް ކޯޓުގެ ރިހެބިލިޓޭޝަން އަމުރުގެ ދަށުން ފަރުވާ ފުރިހަމަކުރުމާއެކު، މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 85 ވަނަ މާއްދާގެ ދަށުން މުޖުތަމައުއަށް ދޫކޮށްލާފައި ވަނީ ސ.ހިތަދޫ ރިހިދޯދި ޝަރަފުއްދީން އެވެ.
ޑްރަގް ކޯޓުން ބުނީ ނޭޝަނަލް ޑްރަގް އެޖެންސީގެ ކޮމިއުނިޓީ ސާވިސް ސެންޓަރުން ހިންގި ހަ މަސްދުވަހުގެ ކޮމިއުނިޓީ ފަރުވާގެ ޕްރޮގްރާމްގައި ބައިވެރިވެ ރީހެބިލިޓޭޝަން އަމުރާ އެއްގޮތަށް އޭނާ ފަރުވާ ފުރިހަމަކޮށްފައިވާ ކަމަށެވެ.
ޝަރަފުއްދީން ފަރުވާގެ ޕްރޮގްރާމު ފުރިހަމަކުރުމާއެކު އޭނާގެ ފުރަތަމަ ހުކުމުގެ ގޮތުގައި ހިފެހެއްޓިފައިވާ އުމުރަށް ޖަލަށް ލުމުގެ ހުކުމާއި އެ ހުކުމަށްފަހު ތަންފީޒުކުރަން ޖެހިފައިވާ 12 އަހަރަށް ޖަލަށްލުމުގެ ހުކުމްވަނީ ޑްރަގް ކޯޓުން ބާތިލްކޮށްފައެވެ.
ޝަރަފުއްދީންގެ މައްޗަށް ފަހުގެ ހުކުމްކުރެވުމާއެކު ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރި މީހުންގެ އަދަދު ހަތް މީހުންނަށް އިތުރުވެފައިވާ ކަމަށް އެ ކޯޓުން ބުންޏެވެ.