24 Jun 2013, 13:09
ފީފާ ކޮންފެޑެރޭޝަންސް ކަޕްގައި ރޭ ސްޕެއިން އަތުން 3-0 ން ބަލިވެ ނައިޖީރިއާ އެމުބާރަތުން ކަޓައިފި އެވެ.
ރޭގެ މެޗުގައި ސްޕެއިންއަށް ލަނޑުތައް ކާމިޔާބު ކޮށްދީފައި ވަނީ ބާސެލޯނާގެ ޑިފެންސިވް މިޑްފީލްޑަރު ޖޯޑީ އަލްބާ ދެލަނޑު އަދި ޗެލްސީގެ ފޯވަޑް ފެނާންޑޯ ޓޮރޭޒް އެއް ލަނޑެވެ.
ރޭގެ މެޗުގައި ނައިޖީރިއާއިން ސްޕެއިންގެ ޑިފެންސަށް އުނދަގޫތަކެއް ކުރިމަތި ކުރިއެވެ. އަދި މެޗުގައި ނައިޖީރިއާއަށް ލަނޑު ޖަހަން ލިބުނު ރަނުގެ ފުރުސަތެއް، ފަހުހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުން ގަމްބޯ މުހައްމަދު ވަނީ ބޭކާރު ކޮށްލާފަ އެވެ.
ރޭގެ މެޗުން މޮޅުވުމުން 9 ޕޮއިންޓާއެކު ގްރޫޕް ސްޓޭޖް ނިންމާލި ސްޕެއިން، ސެމީ ފައިނަލުގައި ވާދަކުރާނީ ގްރޫޕް އޭ ގެ ދެވަނަ ހޯދި އިޓަލީއާ އެވެ.
ރޭގެ މެޗާ ބެހޭގޮތުން ސްޕެއިންގެ ކޯޗް ވިންސެންޓް ޑެލް ބޯސްކް ބުނީ، ނައިޖީރިއާ ކުޅުންތެރިން ބޯޅަ ހޯދައިގެން ރަނގަޅަށް ކުޅެއް މަސައްކަތް ކޮށްފައި ވާތީރޭގެ މެޗަކީ އުނދަގޫ މެޗެއް ކަމަށާއި އެހެން ނަމަވެސް ސްޕެއިންއިން އެންމެ ފަހުން މެޗު ކާމިޔާބު ކުރީ ކަމަށެވެ. އަދި ސެމީ ފައިނަލާ ބެހޭ ގޮތުން ސްޕެއިންގެ ކޯޗު ބުނީ އިޓަލީ އަކީ ވަރުގަދަ ޓީމެއް ކަމަށެވެ. އަދި ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުގެ ބަދަލު ހިފަން އެޓީމުން ބޭނުން ވާނޭ ކަށާއި އެހެން ނަމަވެސް ފައިނަލްގައި ކުޅެން ސްޕެއިން ބޭނުން ކަމަށެވެ.
ނައިޖީރިޔާގެ ކޯޗު ސްޓެފަން ކޭޝީ ބުނީ އެނާގެ ޓީމު ކުޅުނީ ދުނިޔޭގެ އެންމެ މޮޅު ޓީމާ ކަމަށާއި އަދި ސްޕެއިންގެ ޓީމަކީ އެކުގައި ގިނަދުވަސްތަކެއް ވަންދެން ކުޅެފައި ތިބި ކުޅުންތެރިން ތަކެއް ތިބި ޓީމެއް ކަމަށެވެ.
ސްޕެއިންއާއި އިޓަލީ ވާދަކުރާ ސެމީފައިނަލް މެޗުގެ ކުޅުން އޮންނާނީ، ޖޫން 27 ވާ ބުރާސްފަތި ދުވަހުގެރޭ ބްރެޒިލްގެ ފޯޓަލޭޒާގަ އެވެ.