24 Jun 2013, 12:44
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޗެއާމަން ކަމަށް މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ހަމަޖައްސަވައި، އެ ކުންފުނީގެ ބޯޑު އަލުން އެކުލަވާލައިފި އެވެ. އެމްއޭސީއެލްގެ ބޯޑުގެ މެމްބަރުންގެ ގޮތުގައި މިހާރު ހިމެނިވަޑައިގަންނަވަނީ ޔުނިވާސަލް އެންޓަޕްރައިސަސްގެ ޗެއާމަން އެމްޔޫ މަނިކުގެ އިތުރުން މެނޭޖިން ޑިރެކްޓަރު ބަންދު އިބްރާހިމް ސަލީމާއި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޑރ. އިބްރާހިމް މަހުފޫޒާއި އިބްރާހިމް މުހައްމަދާއި އަހުމަދު މުނައްވަރު، ތޯރިގު އިބްރާހިމް އަދި އަބްދުﷲ ޔަޒީދެވެ. އެމްއެމްސީއެލްގެ ބޯޑަށް އަލަން އައްޔަންކުރެއްވި ގިނަ ޑިރެކްޓަރުންނަކީ އެއާޕޯޓު ހިންގުމަށް ސަރުކާރުން އަލަށް އުފެއްދި މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީގެ ޑިރެކްޓަރުންގެ ބޯޑުގައި ވެސް ހިމެނިވަޑައިގެންނެވި ބޭފުޅުންނެވެ. އެގޮތުން އެމްޔޫ މަނިކާއި ބަންދު ސަލީމާއި މުނައްވަރާއި ތޯރިގު އަދި ޔަޒީދަކީ އެ ބޯޑުގައި ހިމެނިވަޑައިގެންނެވި ބޭފުޅުންނެވެ. އެމްއޭސީއެލްގެ ބޯޑު އަލަށް މެމްބަރުން އައްޔަންކުރެއްވި އިރު ކުރީގެ ޗެއާމަން މުހައްމަދު ސައީދާއި ކުރިން މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރެއްވި މުހައްމަދު އިބްރާހިމް އާއި އިބްރާހިމް ހާލިދާއި އިބްރާހިމް އިޔާސާއި ހުސެއިން ޝިހާމް ހިމަނުއްވާފައެއްނުވެ އެވެ. ޕްރައިވެޓައިޒޭޝަން ބޯޑުގެ ޗެއާމަން މުހައްމަދު އަމްޖަދު ވިދާޅުވީ ކުރިން އެމްއައިއޭއެލްގެ ބޯޑުގައި ތިއްބެވި މެމްބަރުން އެމްއޭސީއެލް އަށް އަލަށް އައްޔަންކުރެއްވީ އެ ބޯޑުން ވަކިކުރެއްވުމަށް ފަހު ކަމަށެވެ. އަދި ބަންދު ސަލީމް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކުރެއްވީ އައިލެންޑް އޭވިއޭޝަން ސާވިސަސްގެ ޗެއާމަންކަމުން ވެސް ވަކިކުރެއްވުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ. އެމްއޭސީއެލްގެ ބޯޑު އަލުން އެކުލަވާލީ، އެއާޕޯޓް ހިންގުމަށް ސަރުކާރުން އަލަށް އުފެއްދި ކުންފުނީގެ ބޯޑު މިދިޔަ ފެބްރުއަރީ މަހު ރައީސް މުހައްމަދު ވަހީދު އުފައްދާފައި ވަނީ ޕްރައިވެޓައިޒޭޝަންގެ ގާނޫނާ ހިލާފަށް ކަމަށް ބުނެ ބަންޑާރަ ނައިބު ލަފާ ދެއްވުމާ ގުޅިގެން، އެ ކުންފުނީގެ ބޯޑު އުވާލެއްވުމަށް ފަހު އެވެ. އަދި އެއާޕޯޓުގެ އެއްބަސްވުން އުވާލުމުގެ މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅާފައި ވާތީ، އެއާޕޯޓު ހިންގުން ވެސް އެމްއޭސީއެލް އިން ކުރިޔަށް ގެންދާ ގޮތަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.