ގެސްޓް ހައުސްއެއްގެ ކޮޓަރިއެއްގެ ތެރޭގައި ބަނގުރާ ބޭނުންކޮށްގެން ތިބެ ބަދުއަޚްލާގީ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ ތިން މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ދައުވާ ކުރުމަށް ފޮނުވާފައި ވަނީ އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކާއި ސ.ހިތަދޫ ފޮނުތޮށިމާގޭ ނާޒިމް އަލީ 37، އަދި ވ.ހެދޭކުރި މަރިޔަމް ދޫމާ 31، ގެ މައްޗަށް ކަމަށެވެ.

އެ އެންމެންގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުގެ ރޭ 10:00 ހާއިރު މާލޭގައި ހުންނަ ގެސްޓް ހައުސްއެއްގެ ތެރޭގައި ބަނގުރާ ބޭނުންކޮށްގެން ތިބެ ބަދުއަޚްލާގީ އަމަލު ހިންގަމުންދިޔަ ކަމުގެ ތުހުމަތުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ތިން މީހުންގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައި ވަނީ މި މަހުގެ ހަ ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ބުންޏެވެ.