24 Jun 2013, 12:26
ކުރީގެ ސަރުކާރުން 2011 ވަނަ އަހަރު ބޭއްވި ސާކް ސަމިޓާއި ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލް އޮފީހުން ހަދާ އޮޑިޓް ރިޕޯޓް ނެރުން ލަސްވެފައި ވަނީ އެ އޮޑިޓް ރިޕޯޓް އައި އިރު ފުރިހަމަނުވާ ކަންތައްތަކެއް ހުރުމުން އެކަންކަން ފުރިހަމަކުރުމަށް މަސައްކަތް ކުރާތީ ކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވެއްޖެ އެވެ.
އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް މިއަދު "ސަން" އަށް ވިދާޅުވީ ސާކް ސަމިޓާ ގުޅޭ ގޮތުން އެއޮފީހުން ނެރެން ނިންމާފައިވާ އޮޑިޓް ރިޕޯޓް ރިވިއުކުރުމުގެ ތެރޭގައި ބަލަން ޖެހޭ ކަންކަން ހުރި ކަމަށް ފާހަގަކުރެވުމާ އެކު އެފަދަ ކަންކަން ބެލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި އެ އޮޑިޓް ރިޕޯޓް ނެރުން ލަސް ވަނީ އެސަބަބަށް ޓަކައިކަމަށް އޭނާ ވިދާޅުވި އެވެ.
"ރިޕޯޓް މިކޮޅާ ހަމައަށް އައި އިރު އެހާ ހިތްހަމަޖެހޭ ވަރަކަށް ނޫން އޮތީކީއެއް ތައްޔާރުކުރެވިފައެއް. ދެން އަޅުގަނޑުމެން އެ ރިޕޯޓް ރިވިއުކުރި އިރު އަޅުގަނޑުމެން އިތުރަށް ބަލަން ޖެހޭ ކަންތައްތަކެއް ހުރިކަން އަޅުގަނޑުމެނަށް ފާހަގަކުރެވޭ، އެހެންވީމާ އެކަންކަން ރަނގަޅުކޮށްފައި ނެރެން ވެގެން ލަސްވަނީ،" އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ.
އޮޑިޓާ ޖެނެރަލް ވިދާޅުވީ މިހާރު މަސައްކަތް ކުރަމުންދަނީ މި މަސް ނިމުމުގެ ކުރިން އެ ރިޕޯޓް ނެރުމަށް ކަމަށެވެ. މީގެ ކުރިން އޮޑިޓް އޮފީހުން ބުނެފައި ވަނީ އެ ރިޕޯޓް މިމަހުގެ 15 ވަނަ ދުވަހު ނެރޭނެ ކަމަށެވެ.