24 Jun 2013, 12:22
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އަށް ސަރުކާރުގެ ޑިރެކްޓަރުން އައްޔަން ނުކުރާތީ އެ ކުންފުނީގެ މަސައްކަތް ހުއްޓިއްޖެ އެވެ.
އެ ކުންފުނީގެ އަސާސީ ގަވައިދުގައިވާ ގޮތުން ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުންޏަށް ސަރުކާރުން ހަތަރު ޑިރެކްޓަރުން އައްޔަންކުރަން ޖެހެ އެވެ. އަދި އެ ކުންފުނީގެ ޑިރެކްޓަރުންގެ މުއްދަތަކީ އެއް އަހަރީ އާއްމު ޖަލްސާ އިން އަނެއް އަހަރުގެ އަހަރީ އާއްމު ޖަލްސާއާ ދެމެދުކަމަށް އަސާސީ ގަވައިދުގައި ބުނެފައިވެ އެވެ. ނަމަވެސް ކުންފުނީގެ ޗެއާމަނާއި މެނޭޖިން ޑިރެކްޓަރު އައްޔަން ނުކުރާތީ ކުންފުނީގެ މަސައްކަތް ވަނީ ހުއްޓިފަ އެވެ.
އެމްޓީޑީސީގެ މިދިޔަ ދައުރުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މަތީން މިއަދު ވިދާޅުވީ އާއްމުކޮށް އަމަލުކޮށްފައިވާ އުސޫލަކީ އަހަރީ އާއްމު ޖަލްސާ ފެށުމުގެ ކުރިން ސަރުކާރުން ނަންތައް ފޮނުވުން ކަމަށެވެ. ނަމަވެސް މިއަހަރުގެ އަހަރީ އާއްމު ޖަލްސާ މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި އިރު ސަރުކާރުން ކަނޑައަޅާ ޑިރެކްޓަރުންގެ ނަންތަކެއް ނުފޮނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވެ އަޅުގަނޑުމެން ނިންމީ މިހާރު އަޅުގަނޑުމެންގެ ގާނޫނީ ހައިސިއްޔަތެއް ނެތް ކަމަށް. އަސާސީ ގަވައިދުގައި ވަނީ ޑިރެކްޓަރުންގެ މުއްދަތަކީ އެއް އަހަރީ އާއްމު ޖަލްސާ އިން އަނެއް އަހަރީ އާއްމު ޖަލްސާއާ ދެމެދު ކަމަށް. ނަމަވެސް މިފަހަރު ޖަލްސާ ބޭއްވި އިރު އަޅުގަނޑުމެންނަށް އަންގާފައެއް ނެތް ބޯޑަށް އައްޔަންކުރި ކަމެއް. އެކަން ނާންގާތީ ބޯޑަށް އިންތިހާބު މެމްބަރުންގެ ނަންތައް އެކަނި އަޅުގަނޑުމެން އިއުލާންކުރީ،" މަތީން ވިދާޅުވި އެވެ.
އެ ކުންފުނީގެ ބޯޑުގައި މިވަގުތު ތިބީ އާންމު ހިއްސާދާރުން ތަމްސީލް ކުރާ މެމްބަރުން އެކަންޏެވެ. އާއްމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރުންނަކީ އަހުމަދު ނިޔާޒް އާއި އަހުމަދު ވާފިރު އާއި އަބުދުﷲ ނިސާމް އާއި އަބުދުﷲ ލީމާން ޒާހިރު އަދި އަލީ މުހައްމަދެވެ.
އޭނާ ވިދާޅުވީ އެ ކުންފުނީގެ ބޯޑަށް އައްޔަންކުރިކަން ސަރުކާރުން އަންގާފައިނުވާތީ މިއަދު ހާޒިރުވާން އަންގާފައި އޮތް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ވެސް ހާޒިރުނުވާ ކަމަށެވެ. އަދި އެ ކުންފުނީގެ ބޯޑަށް ސަރުކާރުން މެމްބަރުން އައްޔަންނުކުރާތީ ބޯޑުން ނިންމަން ޖެހޭ އެތައް ކަމެއް ނުކުރެވި އެބަހުރި ކަމަށް މަތީން ވިދާޅުވި އެވެ.
"އެތައް މިލިއަން ޑޮލަރެއްގެ ވިޔަފާރި ކޮންމެ ދުވަހަކު ހިނގާ ކުންފުންޏެއްގެ ބޯޑު އެކުލަވާނުލެވި އޮތުމުން ވަރަށް ބޮޑު ގެއްލުމެއް ލިބިގެންދާނެ. އަޅުގަނޑު އުއްމީދުކުރަން މި މައްސަލަ ވީއެންމެ އަވަހަކަށް ހައްލުކޮށްދެއްވާނެ ކަމަށް،" މަތީން ވިދާޅުވި އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބެލެނިވެރިޔާ، ކޯޕަރަޓައިޒޭޝަން އެންޑް ޕްރައިވެޓައިޒޭޝަން ބޯޑުގެ ޗެއާމަން މުހައްމަދު އަމްޖަދު މިއަދު ވިދާޅުވީ އެމްޓީޑީސީއަށް ޑިރެކްޓަރުން ވަރަށް އަވަހަށް އައްޔަންކުރާނެ ކަމަށެވެ.
"ތިކަމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީއާ އެކު މަޝްވަރާކުރުމަށް ފަހު ވީއެންމެ އަވަހަކަށް ބޯޑަށް މެމްބަރުން އައްޔަންކުރާނަން. އަޅުގަނޑުމެންނަށް އެނގިފައެއް ނެތް އެ މެމްބަރުން އައްޔަންނުކުރާތީ މަސައްކަތް ހުއްޓާލިކަމެއް. ތިކަންވެފައި އޮތް ގޮތެއް ބެލުމަށްފަހު ހައްލުކުރާނަން،" އޭނާ ވިދާޅުވި އެވެ.