ސައުތު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާގެ ހާލުކޮޅު ސީރިއަސް ވެއްޖެ ކަމަށް އެ ގައުމުގެ ރަސްމީ ފަރާތްތަކުން ބުނެފި އެވެ.

މި މަހު 8 ވަނަ ދުވަހު ހޮސްޕިޓަލްގައި އެޑްމިޓް ކުރި ސައުތު އެފްރިކާގެ މިނިވަންކަމުގެ ބާނީ މަންޑޭލާގެ ހާލުކޮޅު ބޮޑަށް ސީރިއަސްވީ، ހަފްތާ ބަންދުގެ ތެރޭގައި ކަމަށް ރަސްމީ ފަރާތްތަކާ ހަވާލާދީ ސީއެންއެން އިން ބުންޏެވެ.

މަންޑޭލާ، 94، ހޮސްޕިޓަލްގައި އެޑްމިޓް ކުރީ ނޭވާލާ ނިޒާމަށް މައްސަލަތަކެއް ދިމާވެގެންނެވެ. އެ މަނިކުފާން 2010 ވަނަ އަހަރު އެ ގައުމުގައި އޮތް ވޯލްޑް ކަޕްގެ ތެރޭގައި އާންމުގެ ތެރެއަށް ނުކުންނެވި ފަހުން އާންމުންގެ ތެރެއަކަށް ނުނިކުންނަވަ އެވެ.

މަންޑޭލާ މި މަހުގެ ކުރީ ކޮޅު ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ވަނީ އެމްބިއުލަންސްގެ އިންޖީނު ހުއްޓިފަ އެވެ. އަދި ވިންޓައިގެ ގަދަ ފިނީގައި ދެވަނަ އެމްބިއުލާންސެއް ގެނެސް މަންޑޭލާ އެ އެމްބިއުލާންސަށް ބަދަލު ކުރުމަށް 40 މިނިޓް ނެގި ކަމަށް ވެސް ބީބީސީ އިން ބުންޏެވެ.

މަންޑޭލާއަކީ ސައުތު އެފްރިކާ އަޅުވެތިކޮށްގެން އޮތް ދޮން މީހުންގެ ނަސްލީ ތަފާތުކަމުން އެ ގައުމުގެ ރައްޔިތުން މިނިވަންކޮށްދެއްވި ލީޑަރެވެ. އެ މިނިވަންކަން ހޯއްދެވުމަށް އެ މަނިކުފާނު ޖަލުގެ ތޭރިތަކުގެ ފުރަގަހުގައި 27 އަހަރު ހޭދަކުރައްވާފައިވެ އެވެ. އަދި އެ އަށް ފަހު 1994 ވަނަ އަހަރު ސައުތު އެފްރިކާގެ ކަޅު ނަސްލަށް ނިސްބަތްވާ ބޭފުޅެއްގެ ގޮތުން ފުރަތަމަ އެ ގައުމުގެ ވެރިކަން ކުރެއްވި ބޭފުޅެއްގެ ރެކޯޑް ހެއްދެވި އެވެ.

މަންޑޭލާގެ ފުއްޕާ މޭގެ އާލާސްކަންފުޅެއް ޖެހުނީ ރޮބިން އައިލެންޑްގެ ޖަލުގައި ހޭދަ ކުރައްވަނިކޮށް 1980 ވަނަ އަހަރު އެވެ. މަންޑޭލާ ހޮސްޕިޓަލުން ފަރުވާ ހޯއްދަވަނީ ވެސް އެ ބައްޔަށެވެ. -- މައުލޫމާތު/ ބީބީސީ، ސީއެންއެން