ރޭ މާލޭގައި ހިންގި ކަޓަރު ހަމަލާތަކެއްގައި ތިން މީހަކަށް ސީރިއަށް ގެއްލުންތަކެއްވެއްޖެ އެވެ.


ފުލުހުންގެ މީޑިއާ ކޯޑިނޭޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ރޭ އިރާކޮޅު ބިންމާ ސްޓޯރު ކައިރިން ދިން "ތޫނު ހަތިޔާރު"ގެ ހަމަލާ އަށް ފަހު ސީރިސް ޒަހަމުތަކެއްވެ، ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އަންނަ، ބަނޑޭރިކޮށި ނިޝާތު ނަސީރު، 27،ގެ ހަމަލާ އާ ރޭ ދަންވަން ގާތްވެފައި ވަނިކޮށް ހެންވޭރު ސަހަރާކައިރިން ހަމަލާދީ ޒަހަމުކޮށްލި ދެ މީހުންގެ ހާދިސާއާ ގުޅުންތަކެއްވާ ކަމަށެވެ.


ނަމަވެސް އެ ދެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.  


ފުލުހުންގެ މީޑިއާ ކޯޑިނޭޓަރު ވިދާޅުވީ ރޭ ހެންވޭރު ސަހަރާކައިރިން ސައިކަލެއްގައި ދިޔަ ދެ މީހުންނަށް ދިން ހަމަލާގައި، ސައިކަލް ދުއްވަން އިން މީހާގެ އޮޅަބޮށި ޒަހަމުވެ އަދި ސައިކަލްގެ ފަހަތުގައި އިން މީހާގެ ނިއްކުރި އާއީ ވައަތު ކޮޑަށާއި ބުރަކައްޓަށް "ތޫނު އެއްޗެއް"ގެ ހަމަލާ އަރާފައިވާ ކަމަށެވެ. ނަމަވެސް ޝިޔާމް ވިދާޅުވީ އެ ދެ މީހުންނަށް ސީރިއަސް ޒަހަމުތަކެއް ލިބިފައި ނުވާ ކަމަށާއި ދެ މީހުންނަށް ވެސް ހޮސްޕިޓަލުން ދިނުމަށް ފަހު ރޭ ދޫކޮށްލާފައިވާ ކަމަށެވެ.


ރޭގެ އިރާކޮޅުގެ ހަމަލާގައި ހަށިގަނޑުގެ ގިނަ ތަންތަނަށް ވަޅިން ހަމަލާ ދީފައިވާ ނިޝާތު އޮތީ ސީރިއަސް ހާލަތެއްގައި ކަމަށް އައިޖީއެމް ހޮސްޕިޓަލުން ރޭ ބުންޏެވެ. އަދި އޭނާގެ ހާލު ސީރިއަސް ކަމުން އޭނާ އަށް އިތުރު ފަރުވާ ދިނުމަށް ރާއްޖެ އިން ބޭރަށް ގެންދިއުމުގެ ހުއްދަ ވެސް ޑޮކްޓަރުން ދީފައި ނުވާ ކަމަށް އޭނާގެ އާއިލާ އިން ބުންޏެވެ.