24 Jun 2013, 12:05
މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗާގެ ނައިބުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.
އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ހެންވޭރު ރިއަލްނައިޓް އަނިލް އާދަމެވެ.
އަނިލް އަކީ އިނގިރޭސި ވިލާތުން ޑިގްރީ ހާސިލު ކުރައްވާފައިވާ، ގައުމީ ޔުނިވަސިޓީގެ ލެކްޗަރާއެއް މަގާމު އަދާކުރެއްވި ބޭފުޅެއް ކަމަށް، ގައުމީ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މުސީރު ޑރ. ހަސަން ސައީދު ވަނީ ވިދާޅުވެފަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ނައިބުގެ މަގާމަށް ބޭފުޅަކު ހަމަޖައްސަވާފައި މި ވަނީ އެމަގާމުގައި ކުރިން ހުންނެވި ގައުމީ ޕާޓީގެ ޒުވާނުން ގޮފީގެ ރައީސް މުހަންމަދު މަލީހު ޖަމާލު އެ ޕާޓީން އެދިގެން މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.
މަލީހު މަގާމުން ވަކިކުރުމަށް ގައުމީ ޕާޓީ އިން ރައީސުލްޖުމްހޫރިއްޔާ އަށް ސިޓީ ފޮނުވާފައި ވަނީ ގައުމީ ޕާޓީ އިން ރައީސް ޑރ. ވަހީދާ އެކު ކޯލިޝަން ހަދައިގެން މިފަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ނިންމި ނިމުމަށް މަލީހު ދެކޮޅު ހެއްދެވުމުގެ ސަބަބުންނެވެ.