އޭޝަސް 2013، ކްރިކެޓް ސީރީޒްގައި ވާދަކުރާ އޮސްޓްރޭލިޔާގެ ކްރިކެޓް ޓީމްގެ ކޯޗް މިކީ އަރުތުރު، އެ ޓީމުގެ ކޯޗުކަމުން ވަކިކޮށްފި އެވެ.

އޭޝަސް ކްރިކެޓް ސީރީޒް ފެށެން އެންމެ 16 ދުވަހަށް ވެފައި ވަނިކޮށް އޮސްޓްރޭލިޔާ ޓީމުގެ ސައުތު އެފްރިކާ ކޯޗް، އެ މަގާމުން ވަކިކޮށްފައިވަނީ، އޭނާގެ އިރުޝާދުގެ ދަށުން، މިފަހަކަށް އައިސް އެޓީމް ދައްކަމުންގެންދާ ކުޅުމުގެ ފެންވަރު ދަށްވުމާއި އަދި ޓީމްގެ ކޭމްޕްގައި ހިނގާފައިވާ އަހްލާގީ ބައެއް މައްސަލަތަކުގެ ސަބަބުން ކަމަށް ކްރިކްޓް އޮސްޓްރޭލިޔާއިން ވަނީ ބުނެފަ އެވެ.

އޮސްޓްރޭލިޔާ ކްރިކެޓް ޓީމްގެ ކޯޗިން ސްޓްރަކްޗާ ހާމަކުރުމަށް، ކްރިކެޓް އޮސްޓްރޭލިޔާގެ ޗީފް އެގްޒެކެޓިވް ޖޭމްސް ސޫދަލެންޑްއާއި އެ ޓީމުގެ ޕާފޮމެންސް މެނޭޖަރު ޕެޓް ހަވާޑް ވަރަށް އަވަހަށް ޕްރެސް ކޮންފަރެންސެއް ބާއްވާނޭ ކަމަށް އެފަރާތުން ވަނީ ބުނެފަ އެވެ.

އޮސްޓްރޭލިޔާގެ ކޯޗު ކަމުން 2011 ވަނަ އަހަރު ޓިމް ނީލްސެން ވަކިކުރުމަށްފަހު ކޯޗުކަމާ ހަވާލުކުރި އަރުތުރު އަކީ، އޮސްޓްރޭލިޔާ ކްރިކެޓް ޓީމާ ހަވާލުވި އެގައުމުން ބޭރުގެ ފުރަތަމަ ކޯޗެވެ. އޭނާ ކޯޗުގެ މަގާމުން ދުރުކުރިއިރު އޭނާގެ އެއްބަސް ވުމުގައި ބާކީ ދެ އަހަރު އެބަ އޮތެވެ.