ކޮންމެ އަހަރަކު ރޯދަމަހާއި ދިމާކޮށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ސިފައިންނާއި ސިފައިންގެ އާއިލާތަކަށް އަމާޒުކޮށްގެން ބާއްވާ "ސިފްކޯ ރޯދަ ސޭލް 2013" ފަށައިފި އެވެ.

ކަޅުތުއްކަލާ ކޮށީގައި ހުންނަ "ކާކީ ފިހާރާ"ގައި ބޭއްވި އެ ސޭލް ފައްޓަވައިދެއްވީ ލެފްޓިނެންޓް ކާނަލް (ރޓ) އިބްރާހީމް ރަޝީދު އެވެ.

އެމްއެންޑީއެފުން ބުނީ މިއަންނަ މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް އެމްއެންޑީއެފް އޭރިއާތަކުގައި ހުންނަ ކާކީ ފިހާރަތަކާއި ސިފްކޯ ފެމެލީ މާޓްގަ އާއި ބީކޭގައި އަދި ކޭކޭގައި ހުންނަ ފިހާރަތަކުގައި އެ ސޭލް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ސޭލުގައި ރޯދަމަހަށް ބޭނުންވާ ގިނަމުދާ ހެޔޮއަގުތަކެއްގައި ލިބެން ހުންނާނެ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފް އިން ބުނީ މިފަހަރުގެ ރޯދަސޭލްގައި ހާއްސަ ކްރެޑިޓް ފެސިލިޓީޒް އެއް ދިނުމަށް ނިންމާފައިވާ ކަމަށާއި އެގޮތުން 2000ރ. އަށްވުރެ މަތިން ވިޔަފާރިކޮށް ފައިސާ ދެއްކުން ދެމަސް ދުވަހުގެ މުއްދަތަށް މުސާރަ އިން ކެނޑޭގޮތަށް ބަހާލެވޭ އިރު 3000ރ. އިން މަތިން ވިޔަފާރިކޮށް ތިން މަސް ދުވަހުގެ މުއްދަތަށް މުސާރަ އިން ކެނޑޭގޮތަށް ބަހާލެވޭނެ ކަމަށެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ އެ ސޭލްގައި 500 ރުފިޔާގެ ވިޔަފާރިން މަތިން ކުރާ ވިޔަފާރިތަކަށް ކޫޕަނެއް ލިބޭނެ ކަމަށާއި އަދި ލަކީ ޑްރޯއިން ހޮވޭ ނަސީބުވެރިޔާ އަށް 32 އިންޗީގެ ޓީވީއަކާއި ޑީވީޑީ ޕްލޭއަރެއް ލިބޭނެ ކަމަށެވެ.