ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމް ކޮށްގެން ބާއްވާ 44 ވަނަ ނިޕޯން ނޭޝަނަލް ޓެނިސް ޗެމްޕިއަންޝިޕް 2013ގެ ގިނަ މެޗުތަކެއް އިއްޔެވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ޖުމުލަ 90 ކުޅުންތެރިން، ހަތް އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ގައުމީ ޓެނިސް ޗެމްޕިއަންޝިޕް މިފަހަރު ސްޕޮންސާ ކޮށްފައިވަނީ އެސީޓީއޯގެ ފަރާތުންނެވެ. އަދި މިދިޔަ ހޮނިހިރު ދުވަހު 4:30ގައި ފެށި މުބާރާތުގެ ކުޅުން ކުރިއަށް ގެންދާނީ އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށެވެ.

މުބާރާތުގައި މިހާތަނަ ޖުމުލަ 50 މެޗު ކުޅެވިފައިވާއިރު، އިއްޔެވެސް ވަނީ 14 މެޗު ކުޅެފަ އެވެ. އެގޮތުން 8 އަހަރުން ދަށުގެ އުމުރު ފުރައިގެ ފިރިހެން ސިންގަލްސްގައި، އަމީން އުމަރު މޫސާއާއި އިތިއާން އަލީ ޝާހިދު ވާދަކުރި މެޗް ކާމިޔާބު ކުރީ އަމީން އެވެ. އަދި 10 އަހަރުން ދަށުގެ އަންހެން ސިންގަލްސް ފުރަރަމަ މެޗު، ތާރާ ނައީމްއާ ވާދަކޮށް ކާމިޔާބު ކުރީ އިޝާ ޝަރަތު އެވެ. އަދި ދެވަނަ މެޗު، އީން މުހައްމަދުއާ ވާދަކޮށް ކާމިޔާބު ކުރީ ސަރާހް އަކްރަމް އެވެ. 10 އަހަރުން ދަށުގެ އުމުރު ފުރައިގެ ފިރިހެން ސިންގަލްސް ފުރަތަމަ މެޗުގައި ނާމިގް ޝާހިދުއާ ވާދަކޮށް މެޗު ކާމިޔާބު ކުރީ މާކިން މުއާދު އެވެ. ދެވަނަ މެޗުގައި ޒަހާން ނަޒީރުއާ ވާދަކޮށް މެޗު ކާމިޔާބު ކުރީ ރައްޔާން ޔޫސުފް ރިޒާ އެވެ. ތިންވަނަ މެޗު، ޔޫސުފް ތަފްހީމް މުހައްމަދާ ވާދަކޮށް ކާމިޔާބު ކުރީ އަބްދުﷲ ރާއިދު ރަޝީދު އެވެ. ހަތަރުވަނަ މެޗު، ރިފާ ޔޫސުފް ނަޖީބާ ވާދަކޮށް ކާމިޔާބު ކުރީ އީމާން ޖަލީލު އެވެ. އަދި ފަސް ވަނަ މެޗު ޖަނާ ޖަމީލްއާ ވާދަކޮށް ކާމިޔާބު ކުރީ މަލްސާ މައުމޫން އެވެ.

އިއްޔެ ކުޅުނު 14 އަހަރުން ދަށުގެ އުމުރުފުރައިގެ އަންހެން ސިންގަލްސްގައި އީނާ ޝާހިދުއާ ވާދަކޮށް މެޗު ކާމިޔާބު ކުރީ ބަލްގިޝް ޖަލީލް އެވެ. އަދި އެ އުމުރުފުރައިގެ ފިރިހެން ސިންގަލްސްގައި ޔޫސުފް އަހްމަދު އަކްރަމްއާއި ވާދަކޮށް މެޗު ކާމިޔާބުކުރީ ރާހިން ޝާމް އެވެ. 16 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ފުރަތަމަ މެޗުގައި ޔުހާން އާތިފްއާ ވާދަކޮށް މެޗު ކާމިޔާބު ކުރީ، ރާކިން ޔޫސުފް ރިޒާ އެވެ. އަދި ދެވަނަ މެޗުގައި ޑެނިއެލް މުހައްމަދު އަމީންއާ ވާދަކޮށް މެޗު ކާމިޔާބު ކުރީ ދާއޫދު ފަޒީހް އެވެ.

މުބާރާތުގައި އިއްޔެ ކުޅުނު މެންސް އޯޕަން ޑަބަލްސްގައި ފާއި އަދި ފަރީޒް ފަރީދުއާ ވާދަކޮށް 6-3، 6-2ން މެޗު ކާމިޔާބު ކުރީ ނާފިޒް ހުސައިން އަދި ހަސަން ޝާމް އެވެ. މެންސް އޯޕަން ސިންގަލްގައި މުހައްމަދު ފަޒީހުއާ ވާދަކޮށް 6-4، 6-3ން މެޗު ކާމިޔާބު ކުރީ އަހްމަދު މުސްތަފާ އެވެ.

އެ މުބާރާތުގައި މިއަދު ވެސް 20 މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން މުބާރާތުގެ ކުޅުން ކުރިއަށް ގެންދާނީ، މާފަންނު ސްޓޭޑިއަމްގައި ހުންނަ ނޭޝަނަލް ޓެނިސް ސެންޓަރުގެ އެއް ނަންބަރު ކޯޓާއި ދެ ނަންބަރު ކޯޓުގަ އެވެ.