24 Jun 2013, 10:16
ނިއުދިއްލީ (ޖޫން 24): އިންޑިޔާގެ އުތުރަށް ކުރަމުންދާ މޫސުމީ ވިއްސާރައިގާ މަރުވި މީހުންނާއި ގެއްލިފައިވާ މީހުންގެ ޢަދަދު ހާހަކާ ގާތްކުރާ ކަމަށް އިންޑިޔާ ސަރުކާރުން ބުނެފި އެވެ.
އިންޑިޔާގެ މަސްއޫލުވެރިންނާ ޙަވާލާދީ އެގައުމުގެ ޚަބަރު ފަތުރާ ވަސީލަތްތައް ބުނާ ގޮތުން އިންޑިޔާގެ އުތުރުގެ ސްޓޭޓްތަކަށާ އަދި ޚާއްސަކޮށް އުއްތުރާ ޚާންދު ސްޓޭޓަށް މެދުކެނޑުމެއްނެތި ކުރަމުންދާ ވިއްސާރައިގާ މަރުވި މީހުންގެ ޢަދަދު 650 އަށް އަރާފައިވާއިރު ގެއްލިފައިވާ މީހުންގެ އަދަދު އެތަށް ސަތޭކައަކުން ގުނާލެވެއެވެ. ގެއްލިފައިވާ މީހުންގެ ތެރެއިން ގިނަބަޔަކު މަރުވެފައިވުމުގެ ފުރްސަތު ބޮޑުކަމަށާ ފެނުގެ ސަބަބުންނާއި ކިސަޑު ފޭބުމުގެ ސަބަބުން ފަރުބަދަތަކުގައާއި ގަސްގަހަށް އަރައި ރައްކާތެރިކަން ހޯދައިގެން އެތަންތަނުގައި ތާށިވެ އެކަހެރިވެފައިވާ މީހުންގެ އަދަދު 40 ހާހަށް އަރާކަމަށް ލަފާކުރެވޭ ކަމަށްވެސް އިންޑިޔާގެ މަސްއޫލުވެރިން ވިދާޅުވެ އެވެ.
އިންޑިޔާގެ މޫސުމާބެހޭ އިދާރާ ބުނާ ގޮތުން މިއަހަރު ކުރަމުން މިދާ މޫސުމީ ވިއްސާރައަކީ ފާއިތުވި 60 އަހަރު ތެރޭގައި ވެސް ނުކުރާހާ ބޮޑު އަދި ގަދަ ވިއްސާރައެކެވެ. މިވިއްސާރައިގާ އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ އުތުރުގެ ސްޓޭޓެއް ކަމަށްވާ އުއްތުރާ ޚާންދަށެވެ. އުއްތުރާ ޚާންދުގެ ސްޓޭޓް މިނިސްޓަރު ވިދާޅުވެފައި ވަނީ އެސްޓޭޓުން އެކަނި ވެސް ހާހެއްހާ މީހުން މަރުވެފައިވާނެ ކަމަށް ލަފާކުރެވޭ ކަމުގައެވެ. ވިއްސާރައިގެ ސަބަބުން އިންޑިޔާގެ އުތުރުގައި ޙާލުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނުން ގުނާލެވޭއިރު އެމީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ކަންތައް ވަރަށް ދޯދިޔާ ކަމަށް އިންޑިޔާގެ ދާޚިލީ ވަޒީރު ސުސިލްކުމާރު ޝިންޑޭ ވަނީ އެއްބަސްވެ ވަޑައިގެންފަ އެވެ.
މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އިންޑިޔާ ސިފައިންގެ ހެލިކޮޕްޓަރުތައް މިހާރު ޙަރަކާތްތެރިވަމުންދާއިރު މިހާތަނަށް 35 ހާސް މީހުން ސަލާމަތް ކުރެވިފައިވާ ކަމަށް ޚަބަރު ލިބެ އެވެ. އިންޑިޔާގެ ބޮޑުވަޒީރު މަންމޯހަން ސިންގް ވަނީ އުއްތުރާ ޚާންދު ސްޓޭޓެއް 170 މިލިޔަން އެމެރިކާ ޑޮލަރުގެ އެހީ އިންޑިޔާގެ މައިސަރުކާރުން ދިނުމަށް ނިންމެވިކަން އިޢްލާން ކުރައްވާފަ އެވެ. (ނޫސްއެޖެންސީތައް)