ގއ. މާމެންދޫގައި ޕީޕީއެމްގެ ލައުޑް ސްޕީކަރެއް ހަރުކުރުމަށް ދަނގަނޑު ހޮޅިއެއް ޖަހަން އުޅެނިކޮށް، އެ ހޮޅި ބިންދައިގެން ވެއްޓި އެ ތަނުގައި ހުރި މީހެއްގެ ބޮލުގައި ޖެހުމުގެ ސަބަބުން އެމީހާ އަށް ސީރިއަސް އަނިޔާތަކެއްވެއްޖެ އެވެ.

މާމެންދޫން ވާހަކަ ދެއްކި މީހަކު ބުނީ 48 ފޫޓު ދިގު ތިން އިންޗީގެ ދަގަނޑު ހޮޅި ވެއްޓި ޖެހުނީ ވިލިމާލޭ، އޭޝިޔަންވިލެޖު މުހައްމަދު އަނީސް،45، އަށް ކަމަށެވެ.

މާމެންދޫ ކައުންސިލްގެ ނައިބް ރައީސް ސައުދުއްﷲ ރަޝީދު މިއަދު "ސަން" އަށް ވިދާޅުވީ އެ ދަނގަޑުން ޖެހުމުގެ ސަބަބުން އަނީސްގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސް މިހާރު ވެސް އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ. އަދި އޭނާ އެ ވަގުތު ހޭނެއްތުނު ކަމަށާއި ނަމަވެސް މިހާރު އޭނާ ހޭއަރާފައިވާ ކަމަށް ވެސް ސައުދުއްﷲ ވިދާޅުވި އެވެ.

މާމެންދޫ ސިއްހީ މަރިކަޒުން ފަރުވާދިނުމަށް ފަހު މިހާރު އޭނާ އަށް ތިނަދޫ ހޮސްޕިޓަލުން ފަރުވާ ދެމުންދާ ކަމަށާއި އޭނާގެ ބޮލުގެ ނާށިގަނޑުން ރެދެއް ލާފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ސައުދުއްﷲ ވިދާޅުވި އެވެ.

"އޭނާގެ ހާލު ވަރަށް ސީރިއަސް ޑޮކްޓަރުން ލަފާދެނީ މިކޮޅުން ޓެސްޓްތައް ހެދެން ނެތީމަ މިހާރުން މިހާރުން މާލެ ގެންދިއުމަށް. ނަމަވެސް އަޅުގަނދުމެން އަދި މިއުޅެނީ މާލެ ދެވޭނެ ގޮތެއް ނެތިގެން،" ސައުދުއްﷲ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އަނިޔާ ލިބުނު އަނީސް އަކީ ޕީޕީއެމްގެ ކެމްޕެއިންގައި ހަރަކާތްތެރިވި މީހެއް ނޫން ކަމަށާއި އޭނާބޮލުގައި އެ ދަނގަޑުން ޖެހުނީ އެ ދަގަނޑު ނަގާތަން ބެލުމަށް އޭނާ މަޑުކޮށްލައިގެން އެ ތަނުގައި ހުއްޓައި ކަމަށެވެ.