ހޮންގް ކޮންގް (ޖޫން 24): އެމެރިކާ އިން ދުނިޔޭގެ އެތައް ގައުމެއްގެ ސަރުކާރުތަކާއި ކުންފުނިތަކުގެ ކޮންޕިއުޓަރު ސިސްޓަމްތަކަށް ޖާސޫސުކޮށްގެން މަޢްލޫމާތު ހޯދަމުން ގެންދިޔުމުގެ އިތުރުން އެމެރިކާ ޚުދު އެގައުމުގެ ރައްޔިތުންނަށް ވެސް ޖާސޫސުކުރަމުން ގެންދިޔަ މައްސަލަ ބޭޒާރުވުމުން އެމެރިކާއަކީ ދުނިޔޭގެ އެންމެ ބޮޑު "ވަގު"ކަމަށް ޗައިނާ ސިފަކޮށްފި އެވެ.

ޗައިނާގެ ރަސްމީ ނޫސްއެޖެންސީ ކަމަށްވާ ނިއުޗައިނާ ނޫސްއެޖެންސީން އިއްޔެ ބުނެފައި ވަނީ އެމެރިކާއަކީ ބައިނަލްއަޤްވާމީ ފެންވަރުގެ އެންމެ ބޮޑު ވަގުކަމަށާ އެމެރިކާއަކީ އޮޅުވާލައިގެންނާއި ޖާސޫސުކޮށްގެން ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ ގައުމެއްކަން އެމެރިކާ ސަރުކާރުން ދުނިޔެ އަށް ސާބިތުކޮށްދީފިކަމުގަ އެވެ. އެމެރިކާ އިން ދުނިޔޭގެ ގައުމުތަކާ ދެކޮޅަށް ފުޅާދާއިރާއެއްގައި ހިންގަމުންގެންދިޔަ ޖާސޫސީ ޙަރަކާތްތައް ބޭޒާރުކޮށްލީ އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ އެޖެންސީގެ ކުރީގެ މުސްތަޝާރެއް ކަމަށްވާ އެޑްވަޑް ސްނޯޑަން އެވެ. ސްނޯޑަން ވަނީ ޗައިނާގެ ކޮމްޕިއުޓަރުތަކާއި އައިޕީއަށް އަމާޒުކޮށް އެމެރިކާ އިން ސައިބާ ހަމަލާތައް ދެމުންގެންދިޔަ ގޮތުގެ ތަފްސީލާއި އެކަމާ ބެހޭ ލިޔެކިޔުންތައް ޗައިނާގެ ސަރަހައްދެއް ކަމަށްވާ ހޮންގްކޮންގްގެ ނޫހެއް ކަމަށްވާ ސަންޑޭ މޯނިންގް ޕޯސްޓަށް ދީފަ އެވެ.

އެނޫހަށް ދިން މައްލޫމާތުގައި ސްނޯޑަންވަނީ ޗައިނާގެ ބައެއް ޔުނިވަސިޓީތަކަށާއި ޢިލްމީ ދިރާސާތަކާބެހޭ މުއައްސަސާތަކުގެ އިތުރުން އޭޝިއާ ޕެސިފިކްފައިބަރއޮޕްޓިކް ނެޓްވޯކް އޮޕަރޭޓްކުރާ ޕެކްނެޓަށް ވެސް އެމެރިކާގެ ހެކަރުންޙަމަލާތައް ދީފައިވާކަން ހާމަކުރައްވާފަ އެވެ. އަދި އެމެރިކާ އިންޗައިނާގެ މޯބައިލް ފޯނު ކުންފުނިތައްވެސް ހެކްކޮށް، ޗައިނާ ރައްޔިތުންގެއެސްއެމް އެސް ތައްވެސް ސިއްރިޔާތުގައި ބަލަމުންދާކަން ސްނޯޑަންވަނީބޭޒާރުކޮށްލައްވާފަ އެވެ.

ސްނޯޑަން ވިދާޅުވެފައިވާގޮތުން އެމެރިކާ އިން ދުނިޔޭގެ ތަފާތުގައުމުތަކަށް އަމާޒުކޮށްގެން ހެކް ކުރުމުގެ 61 ހާހަށް ވުރެ ގިނަ އޮޕަރޭޝަންތައް ވަނީ ހިންގާފައެވެ. އެމެރިކާ ގެ ޖާސޫސީ އިދާރާ އިން ހިންގާ ހެކް ކުރުމުގެ ޢަމަލުތަކުގައި އަމިއްލަ މީހުންގެ އެތައް ލައްކަ ކޮމްޕިއުޓަރުތައް ގުޅިފައިވާ ވިއުގަ ތަކުގެބެކަޕްތަށްވެސް ހިމެނޭކަން އޭނާ ވަނީ ހާމަކުރައްވާފަ އެވެ. މީގެއިތުރުން އެމެރިކާ ރައްޔިތުންކުރާ ފޯންކޯލްތަކާއި އިންޓަނެޓް މެދުވެރިކޮށް އެމެރިކާ ރައްޔިތުން ހިންގާ މުޢާމަލާތްތައް ވެސް ސިއްރިޔާތުގައި އެމެރިކާރެކޯޑްކުރަމުން ގެންދާ މައްސަލަސްނޯޑަންވަނީ ބޭޒާރު ކޮށްލާފަ އެވެ.

ސްނޯޑަން ގެ މިމަޢްލޫމާތުތަކާ ގުޅިގެން ލަދުގެންފައިވާ އެމެރިކާ އެންމެފަހުންވަނީ އޭނާގެ މައްޗަށް ޝަރީޢަތް ހިންގުމަށްޓަކައި އޭނާ އެމެރިކާއާ ޙަވާލުކުރުމަށްއެދި އޭނާ ފިއްލަވައިގެން ހުންނެވި ހޮންގްކޮންގްއަށް ހުށަހަޅާފަ އެވެ. ނަމަވެސް ހޮންގްކޮންގުން މިކަމަށް އިޖާބަނުދީ ސްނޯޑަން އެސަރަހައްދުން ފުރުމުގެ ފުރްސަތު ދިނުމުން ވެނެޒުއެލާގެ ވެރިރަށް ކަރަކާސްއަށް ވަޑައިގަތުމަށްޓަކައި ސްނޯޑަން އިއްޔެވަނީ ރަޝިޔާއަށް ވަޑައިގެންފަ އެވެ. މޮސްކޯ އިން ދެން އޭނާ ވަޑައިގަންނަވާނީ ވެނެޒުއެލާއަށް ކަމަށާ ވެނެޒުއެލާއިން ސްނޯޑަން އަށް ޙިމާޔަތް ދިނުމަށް ނިންމާފައިވާ ކަމަށް ޚަބަރު ލިބެ އެވެ.

މިމަޢްލޫމާތުތައް ބޭޒާރުވުމުގެ ކުރިން އެމެރިކާ ބުނަމުން ގެންދިޔައީ އެމެރިކާއަކީ ޗައިނާފަދަ ގައުމުތަކުގެ ސައިބާ ޙަމަލާތަކުގެ ޝިކާރައަކަށް ވެފައިވާ ގައުމެއް ކަމުގައެވެ. އެމެރިކާގެ ކޮންޕިއުޓަރު ވިއުގަތަކަށް ޖާސޫސުކޮށްގެން ޗައިނާ އިން ފުޅާދާއިރާއެއްގައި މަޢްލޫމާތު ހޯދަމުން ގެންދާ ކަމަށާ ޗައިނާ ޓެކްނޮލޮޖީގޮތުން ކުރިޔަށް ދަނީ ޖާސޫސުކޮށްގެން އެމެރިކާ އިން ހޯދާ މަޢްލޫމާތުތަކުގެ އަލީގައި ކަމަށް ވެސް އެމެރިކާ ބުނެފައިވެ އެވެ. (ނޫސްއެޖެންސީތައް)