ދިރާގު ދިވެހި ލީގުގައި ރޭ ފަސޭހަކަމާއެކު ކްލަބް އީގަލްސް 3-0 ން ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ލީގުގެ ދެވަނަ މަގާމްގައި ހަމަ ޖެހިލައިފި އެވެ.

ލީގު ތާވަލްގެ ދެވަނަ މަގާމްގައި 28 ޕޮއިންޓާއެކު މާޒިޔާ އޮތް އިރު، ފަހަތުން އެންމެ ކައިރީގައި އޮތް ކްލަބް ވެލެންސިޔާއަށް ލިބިފައިވަނީ 18 ޕޮއިންޓެވެ. އަދި މާޒިޔާ ރޭގެ މެޗުން މޮޅުވުމުން، ލީގުގެ އެއްވަނައިގައި 42 ޕޮއިންޓާއެކު އޮތް ނިއުރޭޑިއެންޓަށް ވަނީ ލީގު ކަށަވަރު ކުރުމަށް ތިންވަނަ ބުރާ ހަމައަށް އިންތިޒާރު ކުރަން ޖެހިފަ އެވެ.

މާޒިޔާއަށް ރޭގެ މެޗުގައި ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ، މެޗުގެ 32 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ހިލޭ ޖެހުމަކުން، ސަމްދޫހު މުހައްމަދު އެވެ. އަދި ދެވަނަ ލަނޑު، މެޗުގެ 77 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ އަހްމަދު ނާޝިދު (ނާއްޓޭ) އެވެ. މާޒިޔާގެ ފަހު ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައިވަނިކޮށް ހަސަން ޝިފާޒް، އީގަލްސްގެ އޭރިޔާތެރެއަށް ނަގައިދިން ރީތި ހުރަހެއް ގޯލްގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދިނީ، ރޫމެން ޖޯޖީވް އެލެކްސެންޑްރޯ އެވެ.

ދިރާގު ދިވެހި ލީގުގެ ދެވަނަ ބުރުގެ ފަހު ދެމެޗު މިއަދު ކުޅޭނެ އެވެ. އެގޮތުން ހަވީރު 4:00ގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ވާދަ ކުރަނީ ތާވަލުގެ ތިން ވަނައިގައި އޮތް ވެލެންސިޔާއާއި ތާވަލުގެ ފުލުގައި އޮތް ވީބީ އައްޑު އެފްސީ އެވެ.

ރޭގަނޑު 9:00ގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ވާދަކުރާނީ ތާވަލުގެ ހަތަރު ވަނައިގައި އޮތް ބީޖީ ސްޕޯޓްސް އާއި، ހަތް ވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބެވެ.