ފޯސީޒަން ކުޑަހުރާ ރިސޯޓުގެ ފްރޮންޓް އޮފީހުގައި މަސައްކަތް ކުރަމުން ގެންދިޔަ ފުވައްމުލަކު، ފެހިގިރި، އައިސަތު ސަފާ އަކީ އަބަދުވެސް ޑައިވް ކުރުމުގެ ޝައުގުވެރި ކަން ހުންނަ ހީވާގި ޒުވާނެކެވެ. އާދައިގެ މަތިން މިދިޔަ ހޮނިހިރު ދުވަހަކީ އޭނާއަށް އޮފް ލިބުނު ދުވަހެކެވެ. ނަމަވެސް އޮފް ދުވަހު މާލެ ނުގޮސް ރިސޯޓްގައި އޭނާ މަޑުކޮށްލީ އެެ ރަށުން ގެސްޓުން ގޮވައިގެން ޑައިވް އަށް ދާ ދޯނީގައި ޑައިވްއަކަށް ގޮސްލުމުގެ އުއްމީދުގަ އެވެ. ނަމަވެސް އެ ޑައިވްއަކީ އޭނާގެ ހަޔާތުގައި ކުރެވޭނެ އެންމެ ފަހު ޑައިވް ކަމަށް އޭރަކު އޭނާއަކަށް ވެސް ނޭނގެ އެވެ. ސަފާ މަރުވީ އެ ދުވަހުގެ އެ މީހުންނާ އެކު ޑައިވްއަށް ގޮސް ޑައިވް ފުރިހަމަ ނުވަނީސް މައްޗަށް އެރި ވަގުތު އެސަރަހައްދުގައި އޮތް ޑައިވް ދޯނީގެ ބުރަފަތީގައި ޖެހި މޫނުން ބައެއް ކަފައިގެން ގޮހެވެ.

ސަފާގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ސަފާއަކީ ޓްރެވަލް އެންޑް ޓޫރިޒަމްގެ ދާއިރާ އިން މެލޭޝިއާ އިން ޑިގްރީއަށް ކިޔެވުމަށް ފަހު ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ޒުވާނެކެވެ. އޭނާ އެންމެ ފުރަތަމަ ވަޒީފާ އަދާކޮށްފައި ވަނީ ވަން އެންޑް އޮންލީ ރީތި ރަށުގައި ބަޓްލާއެއްގެ ގޮތުގަ އެވެ. އެއަށް ފަހު ތާޖް އެގްޒޯސްޓިކާގައި ވެސް ބަޓްލަރެއްގެ ވަޒީފާ އަދާކުރުމަށް ފަހު ފޯސީޒަން ރިސޯޓަށް ބަދަލުވި ފަހުން މިހާރު އަހަރެއް ވެދާނެ ކަމަށް ވެސް އެމީހާ ބުންޏެވެ.

ޑައިވްއަށް ގޮސް އުޅެނިކޮށް ހިނގި ހިތާމަވެރި ހާދިސާއެއްގައި މަރުވި ސަފާއަކީ ފެތުމުގެ ހުނަރު މާބޮޑަށް ލިބިފައިވާ މީހެއް ނޫން ކަމަށް ވެސް އާއިލާ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

"އެއް ދުވަހަކު އަޅުގަނޑަށް ގުޅާފައި ސަފާ ބުނި މިހާރު ތިމަންނާއަކީ ސެޓިފައިޑް ޑައިވަރެކޭ، ދެން އެ ދުވަހު އަޅުގަނޑު ބުނިން ދެ މީހުން އެއްކޮށް ޑައިވްއަކަށް ދާންވާނެ އޭ، ސަފާއަކީ ސެޓިފައިޑް އޯޕަން ވޯޓާ ޑައިވަރެއް، ނަމަވެސް އޭނާއަކީ އަދި ހަމަ ބިގިނާއެއް، އެހެންވެ އޯޕަން ޑައިވްއަށް އޭނާ އަދި ވަރަށް އާ ވާނެ، އެ ހާދިސާ ހިނގީ ޑައިވް ރަނގަޅަށް ނުވެސް ފެށެނީސް، އަހަރެން ދެކޭ ގޮތުގައި އެކަން ހިނގާފައި ވަނީ ބައެއްގެ އިހުމާލުން،" ދުނިޔޭގެ އެކި ގައުމުތަކުގައި ޑައިވަރެއްގެ ގޮތުގައި ވަޒީފާ އަދާކޮށްފައިވާ އަދި ޑައިވަރެއްގެ ގޮތުގައި 17 އަހަރުގެ ތަޒުރިބާ ހުރި ޑައިވިން އިންސްޓަރެއް ކަމުގައިވާ ސަފާގެ ބޭބެ އަކު ނަން ހާމަނުކުރުމަށް ޝަރުތުކޮށް ބުންޏެވެ.

އޭނާ ބުނީ އެ ދުވަހު އެ ރަށުގެ ގެސްޓުންނާ އެކު ޑައިވިންއަށް ގޮސް އުޅެނިކޮށް ސަފާ މަރުވި ހާދިސާ ހިނގީ (އީކުއަލައިޒް) ނުވެގެން ޑައިވް މާސްޓަރުންގެ އިރުޝާދުގެ މަތިން މަޑުމަޑުން މައްޗަށް އެެރި ވަގުތު ކަމަށެވެ. ނަމަވެސް "ކޮންމެ ވެސް ވަރެއްގެ ކޮމިއުނިކޭޝަން އެރާއެއް އަރައިގެން އެ ހާދިސާ ހިނގާފައި މިވަނީ" އޭނާ ބުންޏެވެ. "ޑައިވް މާސްޓަރުންގެ އަތްމަތީގައި އޮންނަ ކަމެއް މުޅި ސީން [ސަރަހައްދު] އެއްކޮށް ކޮންޓްރޯލްކޮށް ދޯނި ކޮންޓްރޯލް ކުރުމަކީ، ދޯންޏަށް ކައިރި ކުރެވޭނީ ވެސް ޑައިވް މާސްޓަރުންގެ އޯކޭ ދިނީމާ،" ޑައިވިން ކޯސްތަކުގައި ކިޔަވާދިނުމުގައި ވެސް ހަރަކާތްތެރިވަމުން އަންނަ ސަފާގެ ބޭބެ ބުންޏެވެ.

އޭނާ ބުނީ އެފަދަ ހާދިސާތައް ހިނގަން މެދުވެރި ވަނީ ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާ އެއްގޮތަށް އަމަލުކުރަމުން ނުގެންދާތީ ކަމަށެވެ. އެގޮތުން 1993 ގައި އިމްޕްލިމަންޓްކޮށް 2011ގައި ރިމޮޑިފައިކޮށްފައިވާ ރާއްޖޭގެ ޑައިވިން ކުރުނާ ބެހޭ ގަވާއިދުގައިވާ ގޮތުން ޑައިވިން އަށް ގޮސް އޮންނަ ދޯނި އޮންނަން ޖެހޭނީ ޑައިވިންއަށް ގޮސް އޮންނަ ސަރަަހައްދު ވަކިކުރުމަށް ޖަހާފައި އޮންނަ ބޮއިގެ 150 ފޫޓާ ދުރުގަ އެވެ. ނަމަވެސް އެދުވަހު ހާދިސާ ހިނގާފައިވާ ގޮތަށް ބަލާއިރު އެކަމުގައި ގަވާއިދާ ހިލާފާށް ކަންތައްތަކެއް ގޮސްފައިވާ ކަމަށް ބެލެވެ އެވެ.

އެ ދުވަހު ހިނގި ހިތާމަވެރި ހާދިސާގައި ސަފާ މަރުވެގެން ދިޔައީ ޑައިވް އަށް ފެށުމުގެ ކުރިން އީކުއަލައިޒް ކުރެވޭތޯ އުޅެގެން އެކަން ނުވެގެން އޭނާ މައްޗަށް އެރި ވަގުތެވެ.

ސަފާގެ އާއިލާއިން ވާހަކަ ދެެއްކި މީހަކު ބުނިގޮތުގައި ސްރީލަންކާގައި ކިޔަވަމުން އަންނަ ދިވެހި ޒުވާނަކާ ސަފާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ހަތަރު ވަރަކަށް އަހަރު ވެއްޖެ ކަމަށާއި އެ ދެ މީހުންނާއި ދެެ ފަރާތުގެ އާއިލާ އިން ވެސް ނިންމާފައި ވަނީ ފިރިހެން ކުއްޖާ މި އަހަރު ކިޔަވައި ނިމިގެން ކައިވެނިކުރުމަށް ކަމުގަ އެވެ. އެ ދެ މީހުންގެ އުއްމީދަކީ ވެސް ވަރަށް މައްޗަށް ކިޔެވުމެވެ. ސަފާގެ ލޯބިވެރިޔާ އައިޓީ ދާއިރާ އިން މަތީ ތައުލީމް ހާސިލު ކުރަމުން އަންނަ އިރު ސަފާ ވަނީ ޓެރެވަލް އެންޑް ޓޫރިޒަމްގެ ދާއިރާ އިން މާސްޓާޒް ހެދުމުގެ ޝައުގުވެރިކަން ފާޅުކޮށް އެކަމަށް ޕްލޭންތައް ވެސްކޮށްފައި ކަމަށް ވެސް އޭނާ ބުންޏެވެ.

ސަފާ މަރުވި ހާދިސާއާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާ ހިނގި ގޮތް ފުލުުހުން ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެކަމާ ގުޅިގެން މައުލޫމާތު ސާފުކުރަން ޖެހޭ ފަރާތްތަކުގެ މައުލޫމާތު ވެސް ނަގަމުން އަންނަ ކަމަަށެވެ. އަދި އެކަން ހިނގި ގޮތް ސީދާ ބުނެދޭން އެނގޭނީ ތަހުގީގަށް ފަހު ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. "މިހާތަނަށް މައުލޫމާތު ލިބޭ ގޮތުގައި އެ ހާދިސާ ހިނގީ ޑައިވިންއަށް ދިޔަ މީހަކު ނަގަން ދޯނި ފަހަތަށް ޖެހި ވަގުތު،" އޮފިޝަލް ވިދާޅުވި އެވެ.

އެ ހާދިސާ އާ ގުޅިގެން ފޯސީޒަން ކުޑަހުރާގެ އިން ބުނެފައި ވަނީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ގެންދާ ކަމަށާއި އެ ހާދިސާގައި މަރުވި ސަފާއަކީ ސެޓިފައިޑް ޑައިވަރެއް ކަމަށެވެ.

ހިންމަފުށީގެ ބޭރަށް ގެސްުޓުންނާ އެކު ޑައިވަށް ގޮސް ގޮސް އޮތް ދޯނީގެ ބުރަފަތީގައި ޖެހި ހިނގި އެ ހާދިސާގައި ސަފާގެ މޫނުން ބައެއް ކަފައިގެން ގޮސް ވަރަށް ބޮޑަށް ވަނީ ޒަހަމްވެފަ އެވެ. އެ ހާދިސާ އަށް ފަހު އޭނާ މާލެ ގެނެސް އައިޖީއެމްއެޗުން މަރު ކަށަވަރުކުރުމާ އެކު އިއްޔެ ރޭގެ ފަތިސް ނަމާދަށް ފަހު އޭނާ ވަނީ އާ ސަހަރާގައި ވަޅުލައިފަ އެވެ. އެނާގެ ލޯބިވެރިޔާ ވެސް އެ ހާދިސާގެ ހަބަރު ލިބުމާ އެކު ވަނީ މާލެ އައިސްފަ އެވެ.

ރާއްޖޭގައި މިއަހަރުގެ ކުރީ ކޮޅު ވެސް ޑައިވިންއަށް ގޮސް އުޅެނިކޮށް މިފަދަ ހިތާމަވެރި ބައެއް ހާދިސާތައް ހިނގާފައިވާއިރު މިކަމަކީ މިހާރު އަޅާ ނުލާ ދޫކޮށްލެވޭ ވަރަށް ވުރެ ބޮަޑަށް ސީރިއަސް މައްސަލަައެއްގެ ގޮތުގައި މިވަނީ ބަލަންޖެހިފަ އެވެ.

* އިކުއަލައިޒް ކުރުން:- ޑައިވް ކުރުމުގެ ކުރިން އީކުއަލައިޒް ކުރަން ޖެހެ އެވެ. އިކުއަލައިޒް ކުރުމަކީ ޑައިވްއަށް ދިއުމުގެ ކުރިން ފެނުގެ ޕްރެޝާއި ކަންފަތުގެ ތެރޭގައި ހުންނަ އެއާ (ވައި) ގެ ޕްރެޝާ އެއްވަރުކުރުމެވެ. އެގޮތަށް އެއްވަރު ނުވެއްޖެ ނަމަ ނޭފަތުގައި ހިފަހައްޓައިލައިފައި ވެސް ބައެއް މީހުންނަށް އެ ޕްރެޝާ އެއްވަރު ކުރެވޭނެ އެވެ. އެގޮތުން ވެސް އެއްވަރު ނުވެއްޖެ ނަމަ ކޮންމެވެސް ވަރަކަށް ފެންގަނޑުން މައްޗަށް އެރުމުން ފެނުގެ ޕްރެޝާ ދަށްވުމުން ވެސް އިކުއަލައިޒް ކުރެވޭނެ އެވެ. ނޫން ނަމަ ކަންފަތަށް ގެއްލުންތަކެއް ލިބުމަކީ އެކަށީގެންވާ ކަމެކެވެ.