ސަރުކާރުން މި އަހަރުގެ ޖެނުއަރީ މަހު ގެލެކްސީ އެންޓާ ޕްރައިސަސް އަށް ކުއްޔަށް ދިން ނަސަންދުރަ ޕެލެސް ހޮޓެލް ބޮޑު މަރާމާތަކަށް ފަހު 18 ކޮޓަރި އާ އެކު ރޭ ވިޔަފާރި އަށް ހުޅުވާލައިފި އެވެ. 


ރޭ އެ ހޮޓަލުގައި ބޭއްވި ހަފުލާއެއްގައި ހޮޓަލުގެ ޖެނެރަލް މެނޭޖަރު އަހުމަދު ނަސީމު ވިދާޅުވީ ހޮޓާ ހުޅުވީ ފުރަތަމަ ވިންގުގައި 18 ކޮޓަރިއާ އެކު ކަމަށް ވިއަސް، ދެވަނަ ވިންގުގައި ހިމެނޭ 12 ކޮޓަރި ދޮޅު މަސް ދުވަހުގެ ތެރޭގައި ވިޔަފާރި އަށް ހުޅުވާލާނެ ކަމަށެވެ.


ނަސީމު ވިދާޅުވި ގޮތުގައި ފުރަތަމަ ވިންގުގެ 18 ކޮޓަރިއަށް ތިން މިލިއަން ޑޮލަރު ހަރަދުވެފައިވެ އެވެ.


އޭނާ ވިދާޅުވީ ނަސަންދުރަ ޕެލެސް ހޮޓަލުގައި ވީހާ ވެސް ގިނަ އަދަދެއްގެ ދިވެހި މުވައްޒަފުން ގެންގުޅުމަކީ ގެލެކްސީގެ އަމާޒެއް ކަމަށެވެ.


"އަލަށް މި ހުޅުވުނީ ވަރަށް ބޮޑު ބަދަލުތަކާ އެކު. ކޮޓަރިތަކުގެ ފެންވަރު މިވަނީ ވަރަށް ބޮޑަށް ރަނގަޅު ކުރެވިފައި. އަޅުގަނޑުމެންގެ ވަރަށް ބޮޑު އަމާޒެއް މިތާގައި ވިހާވެސް ގިނަ ދިވެހި މުވައްޒަފުން ގެންގުޅުމަކީ. ނަސަންދުރައަކީ ކުރިން ވެސް ގިނަ އަދަދަކަށް ދިވެހި މުވައްޒަފުން އުޅުނުތަނެއް،" ސަރުކާރުން އެ ހޮޓާ ހިންގި އިރު ވެސް ހުންނެވި މެނޭޖަރު ނަސީމް ވިދާޅުވި އެވެ.


ކުރިއެކޭ ވެސް އެއްގޮތަށް ނަސަންދުރާގައި ދިވެހިންނަށް ކައިވެނި ޕާޓީ އާއި އުފަންދުވަހުގެ ޕާޓީ ބޭއްވުމަށް ހާއްސަ ޕެކޭޖުތަކެއް ތައްޔާރު ކުރައްވާނެ ކަމަށް ވެސް ގެލެކްސީން ބުންޏެވެ.


ނަސަންދުރަ ސްޕެޝަލް ޕްރޮމޯޝަންގެ ނަމުގައި އެ ހޮޓަލުން ވަނީ މި މަހު ފުރަތަމަ ދުވަހުން ފެށިގެން އަންނަ އަހަރު އޭޕްރީލް މަހުގެ ނިޔަލަށް ހާއްސަ ޕްރޮމޯޝަނެއް ހުޅުވާލައިފަ އެވެ. ހޮޓަލުން ބުނީ ޕްރޮމޯޝަނުގައި ކޮޓަރި ވިއްކާނީ އާންމުކޮށް ކޮޓަރި ވިއްކާ އަގަށްވުރެ ހެޔޮކޮށް ކަމަށެވެ.


ނަސަންދުރަ އިން ތިން ފެންވަރެއްގެ ކޮޓަރި ދޫކުރުމަށް ވަނީ ނިންމާފައި އެވެ. އެއީ ސުޕްރީމް ރޫމާއި ޑުލެކްސް ރޫމާއި ޕްރިމިއާ ރޫމާއި ސުއިޓް ރޫމެވެ.


އެއް ތިރީސް އެނދުގެ ނަސަންދުރަ މި އަހަރުގެ ޖެނުއަރީ 31 ގައި އަށް އަހަރު ދުވަހަށް ސަރުކާރުން ކުއްޔަށް ދިނީ އެނދަކަށް އަހަރަކު 11095 ޑޮލަރަށެވެ.