ޝެއިޚް ހުސައިން ރަޝީދު އަހްމަދު ލިޔުއްވާފައިވާ "ސަހީހުލް މުސްލިމް"ގެ ތަރުޖަމާއާ ޝަރަހައިގެ ދެވަނަ ބައި މިރޭ ނެރެފި އެވެ.

މާލެ ސިޓީކައުންސިލްގެ ހޯލުގައި މިރޭ ބޭއްވި ހާއްސަ ރަސްމިޔާތުގައި ޝަހީހުލް މުސްލިމްގެ ތަރުޖަމާގެ ދެވަނަ ބައި ނެރެދެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

އެ ފޮތް ނެރެދެއްވުމަށްފަހު ރައީސް ނަޝީދު ވިދާޅުވީ ޝެއިހް ހުސެއިން ރަޝީދު ކުރައްވަނީ އަގުވަޒަން ނުކުރެވޭ ފަދަ ބޮޑު ހިދުމަތެއް ކަމަށާއި އެ ހިދުމަތުގެ އަގު ވަޒަން ކުރެއްވުމަށް ކުރެވޭނެ އެންމެ ބޮޑު ކަމަކީ އެ ފޮތްތައް ފަސޭހައިން އާންމުނަށް ލިބޭނެ ގޮތް ހަދައިދިން ކަމަށެވެ. އަދި ހުސެއިން ރަޝީދު އެ ކުރައްވާ މަސައްކަތުގައި ދެއްވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ޝެއިހް ހުސައިން ރަޝީދު މި ކޮށްދެއްވި ހިދުމަތުގެ އަގު ވަޒަން ކުރުމަށް ދެން އަޅުގަނޑުމެނަށް ކުރެވެން އޮތް ކަމަކާއި ގުޅޭ ގޮތުން ވިސްނުން ހިންގާލުން އަޅުގަނޑުގެ ނަޒަރުގައި ބޭނުންތެރި. އެންމެ ބޮޑަށް ބޭނުމީ މި ފޮތްތައް ވީހާ ވެސް ގިނަ ބަޔަކަށް ފެންނާނެ ގޮތަކަށް ހެދުން،، ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ވާހަކަފަޅުގައި ދީނީ އިލްމްވެރިއަކަށްވެހުރެ ސިޔާސީ މަންފާއަކަށް އެދިގެން ދީނުގެ ނަމުގައި އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.

އެ ފޮތުގެ އިތުރުން ޝެއިޚް ހުސެއިން ރަޝީދު ލިޔުއްވާފައިވާ "ނަމާދު ކުރާނީ ކިހިނެތް" ފޮތުގެ ދެވަނަ ބަޔާއި ތިން ވަނަ ބައި ވެސް މިރޭ ވަނީ ނެރެފަ އެވެ.

މިރޭގެ ހަފްލާގައި "ނަމާދުކުރާނީ ކިހިނެތް" ފޮތުގެ ދެވަނަ އަދަދު ނެރެދެއްވީ ރައީސް ނަޝީދުގެ ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީލް އަބްދުލް ބާރީ އެވެ. އަދި އެ ފޮތުގެ ތިން ވަނަ އަދަދު ނެރެދެއްވީ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އެވެ.

އެ ރަސްމިޔާތުގައި ޝެއިޚް ހުސައިން ރަޝީދު ވިދާޅުވީ ޝަހީހުލް މުސްލިމްގައި ރިވާވެގެން އައިސްފައިވާ ހަދީސްގެ ތަރުޖާމާގެ ތިންވަނަ ބަޔާއި ހަތަރުވަނަ ބައި ވަރަށް އަވަހަށް ނެރުއްވާނެ ކަމަށެވެ. އަދި ވިދާޅުވީ އެ ފޮތުގެ ތަރުޖަމާ 12 ބައިއިން އެއްކޮށް ނެރެ ނިމޭނެ ކަމަށާއި އެ މައްސައްކަތް މިހާރު ނިމުމަކާހަމައަށް ގޮސްފައިވާ ކަމަށެވެ.

އެ ރަސްމިޔާތުގައި ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ދެއްކެވި ވާހަކަފުޅުގައި ޝެއިޚް ހުސައިން ރަޝީދު ލިޔުއްވާފައިވާ "ނަމާދުކުރަނީ ކިހިނެތް ތޯ" ފޮތުގައި އަދަބިއްޔާތަށް އިސްކަން ދީފައިވާކަން ފާހަގަކުރައްވައި އެ ފޮތުގައި އެކި މައްސަލަތައް ތަފްސީލުކޮށް ހިމަނާފައިވާކަމަށް ވިދާޅުވި އެވެ.

އެ ރަސްމިޔާތުގައި ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ދެއްކެވި ވާހަކަފުޅުގައި ސައްތަ އިން ސައްތަ މުސްލިމުން ދިރުއުޅޭ މި ރާއްޖޭގައި ދިވެހި ބަހުން ލިޔެފައިވާ ދީނީ ފޮތްތައް ވަރަށް މަދުކަމަށް ވިދާޅުވި އެވެ. އެހެންކަމުން އެފަދަ ފޮތްތައް ނެރުއްވުގައި ދީނީއިލްމުވެރިން މަސައްކަތް ކުރައްވަން ޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

މިރޭ ބޭއްވި ރަސްމިޔާތުގައިވަނީ އެ ފޮތްތައް ގައުމީ ޔުނިވަސީޓީއަށާއި އެހެން ލައިބްރުއަރީތަކަށް ވަނީ ހަދިޔާ ކޮށްފަ އެވެ.