23 Jun 2013, 22:20
ބްރެޒިލްގެ ކޮރިންތިއާންސްގެ ޕައުލީނިއޯ ހޯދުމަށް އިނގިރޭސި ކްލަބް ޓޮޓެންހަމް ހޮޓްސްޕާއިން ރަސްމީކޮށް ހުށަހަޅައިފި ކަމަށް 24 އަހަރުގެ ބްރެޒިލް މިޑްފީލްޑަރު ބުނެފި އެވެ.
ކޮންފެޑެރޭޝަންސް ކަޕްގައި ރޭ އިޓަލީ އަތުން 2-4 ން ބްރެޒިލް މޮޅުވި މެޗަށްފަހު ބީބީސީ ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ޕައުލީނިއޯ ބުނީ، އޭނާ ހޯދުމަށް ޓޮޓެންހަމްއިން ރަސްމީކޮށް ކޮރިންތިއާންސްގައި އެދިފައިވާ ކަމަށާއި އެހެން ނަމަވެސް ކޮންފެޑެރޭޝަންސް ކަޕް ނިމުމުގެ ކުރިން އޭނާ ގޮތެއް ނުނިންމާނޭ ކަމަށެވެ.
"ޓޮޓެންހަމްއިން ވަނީ އޮފިޝަލް އޮފާއެއް ކޮރިންތިއާންސް އަށް ހުށަހަޅާފައި،" ޕައުލީނިއޯ ބުންޏެވެ. "އެކަމަކު އަހަރެން ހޯދުމަށް ކުރިން އޭސީ މިލާނުން ހުށަހެޅުމުންވެސް ކަންތައް ކުރިގޮތަށް އަހަރެން ގޮތެއް ނިންމާނީ، އަހަރެންގެ އާއިލާއާ ވާހަކަ ދެއްކުމަށް ފަހުގައި،"
ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއެއްގެ ސަބަބުން އިޓަލީއާ ދެކޮޅަށް ބްރެޒިލް ކުޅުނު މެޗުގައި ކުޅުމުގެ ފުރުސަތު ނުލިބުނު ޕައުލީނިއޯ ހޯދުމަށް ޓޮޓެންހަމްއިން 17 މިލިޔަން ޕައުންޑުގެ ފީއެއް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
"އަހަރެން ގޮތެއް ނިންމާނީ ކޮންފެޑެރޭޝަންސް ކަޕަށް ފަހު. ސަބަބަކީ، މި ހުރިހާ ކަމަކާ އެއްފަހަރާ ވިސްނުމަކީ ފަސޭހަ ކަމެއް ނޫން،" ޕައުލީނިއޯ ބުންޏެވެ.
ބްރެޒިލްގެ ގައުމީ ޓީމަށް މިހާތަނަށް 15 މެޗް ކުޅެފައިވާ ޕައުލީނިއޯ ވަނީ އެ ޓީމަށް ހަތަރު ލަނޑު ކާމިޔާބު ކޮށްދީފަ އެވެ. އެގޮތުން ކޮންފެޑެރޭޝަންސް ކަޕްގައި، ހުސްވި ހަފްތާގައި ޖަޕާނު އަތުން 3-0 ބްރެޒިލް މޮޅުވި މެޗުގައި ވެސް އޭނާ ވަނީ ލަނޑެއް ކާމިޔާބު ކޮށްފަ އެވެ.
ބްރެޒިލްގެ މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ޕައުލީނިއޯ އާއި ބްރެޒިލްގެ ޑިފެންސިވް މިޑްފީލްޑަރު ލުއިސް ގުސްޓާވޯ ހޯދުމަށް ޗެލްސީގެ ކޯޗު ހޯސޭ މޮރީނިއޯ ވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.