23 Jun 2013, 22:01
މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބު ކަވަރު ކުރުމަށް ރާއްޖެ ހުރިހާ ރަށެއްގައި ސަންގެ ފަރާތުން މޮނިޓަރުން ބައިތިއްބަން ނިންމައި އެކަމަށް އެދޭ ފަރާތްތަކަށް މިއަދު އެވެ.
ސަން މީޑިއާ ގުރޫޕުން މިއަދު ނެރެފައިވާ ޢާންމު އިއުލާނުގައިވާ ގޮތުން މި ކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހު ހަވީރު 05:00 އާއި ހަމައަށް އޮންނާނެ އެވެ. މި ކަމަށް އެދި ހުށަހަޅަން ޖެހޭ ފޯމު ވަނީ ސަން އިން މިއަދު ކުރި އިއުލާނާ އެކު ސަން އޮންލައިން ގައި ޝާއިއު ކޮށްފަ އެވެ.
މި ކަމާ ގުޅޭ ގޮތުން ސަން މީޑިއާ ގުރޫޕުގެ ޗީފް އެގްޒެކެޓިވް އޮފިސަރު ސިނާން ޢަލީ މިއަދު ވިދާޅުވީ މި އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ކަވަރޭޖް ސަން ގެ މީޑިއާ ތަކުން ވީހާ ވެސް ތާޒާ ކަމާ އެކު ގެނެސްދިނުމަށް ޚާއްސަ މަސައްކަތް ތަކެއް ކުރަމުން އަންނަ ކަމަށެވެ. އެ ގޮތުން ސަން ޓީވީ ޕްލަސް އާއި ސަން އެފްއެމް އަދި ސަން އޮންލައިން އިން މި އިންތިޚާބުގެ އެންމެ ފަހުގެ މައުލޫމާތު އެންމެ ތާޒާ ކަމާ އެކު ގެނެސްދިނުމަށް ވާން ޖެހޭ އެންމެހާ ތައްޔާރުތައް ވަރަށް ބާރަށް ކުރިޔަށް ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއަދު މިފެނިގެން ދިޔައީ ރިޔާސީ އިންތިޚާބަށް އަޅުގަނޑުމެން ވަމުން އަންނަ ތައްޔާރީ ތަކުގެ ފެށުން. އިންތިޚާބުގެ ޚަބަރުތައް އަދި ނަތީޖާތައް އެންމެ އަވަހަށް ސައްހަ ކަމާ އެކު ގެނެސްދިނުމަށް ރާއްޖޭގެ ކޮންމެ ރަށެއްގައި ސަންގެ މޮނިޓަރަކު ބެހެއްޓޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަމުން މި އަންނަނީ. ހަމަ އެއާއި އެކު މި އިންތިޚާބާ ގުޅޭ ޚާއްސަ ސަފުހާއެއް ސަން އޮންލައިން ގައި ވަރަށް އަވަހަށް ތަޢާރަފު ކުރެވޭނެ. އަދި އިތުރު ކަންކަން ވެސް ފެންނަމުން ދާނެ،" ސިނާން ވިދާޅުވި އެވެ.
ސިނާން އިތުރަށް ވިދާޅުވީ ސަންގެ މޮނިޓަރުންގެ ގޮތުގައި ވޯޓުލާ ދުވަހު ހަރަކާތްތެރިވާ ފަރާތްތަކަށް އެލަވަންސެއް ވެސް ދިނުމަށް ނިންމަވާފައިވާ ކަމަށެވެ.
ރިޔާސީ އިންތިޚާބަށް ސަން އިން އެކުލަވައިލާފައިވާ އިލެކްޝަންސް ޓީމުގެ ހެޑް އަދި ސަން އޮންލައިންގެ ޗީފް އެޑިޓަރު އަހުމަދު ޒާހިރު މުހައްމަދު (ހިރިގާ) މިއަދު ވިދާޅުވީ ސަން ގެ މަގުސަދަކީ ރިޔާސީ އިންތިޚާބުގެ އެންމެ ފަހުގެ މައުލޫމާތުތަކާއި ނަތީޖާތަކުގެ ތެދު މައުލޫމާތު ވީހާ ވެސް އަވަހަކަށް ގެނެސްދިނުން ކަމަށެވެ. އަދި މިކަމަށް ޓަކައި މުޅި ރާއްޖޭގައި އެކުލަވައިލެވޭ ސަންގެ އިލެކްޝަންސް ކަވަރޭޖް ޓީމުގެ މެންބަރުންނާ މާލޭގައި ހުންނަ ސަން މީޑިއާގެ ހެޑް އޮފީހާ ގުޅައިލެވޭނެ ކަމަށެވެ. އަދި ވަގުތުން ވަގުތަށް ނަތީޖާތައް ރައްޔިތުންނާ ހަމަޔަށް ފަސޭހަ ކަމާ އެކު ގެނެސްދޭވެނެ ޚާއްސަ ނިޒާމެއް ސަންގައި ގާއިމު ކުރައްވަން މަސައްކަތް ކުރައްވާ ކަމަށް ވެސް ހިރިގާ ވިދާޅުވި އެވެ.
"އަބަދުވެސް މި ދިމާވާ އެންމެ ދަތި މައްސަލަ އަކީ އަތޮޅުތަކުން ނަތީޖާ ލިބުމާއި އަތޮޅުތަކުގެ މައުލޫމާތުތައް ލިބުމުގައި ހުންނަ ދަތިކަން. މި ފަހަރު އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ސަން އަށް މައުލޫމާތު ދިނުމަށް ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ސަންގެ ފާސް އެޅި މޮނިޓަރަކު ބަހައްޓަން. އޭރުން ވަރަށް ބޮޑު ބައެއް ހައްލުވާނެ،" ހިރިގާ ވިދާޅުވި އެވެ.
ސަންގެ ކްރިއޭޓިވް ޑައިރެކްޓަރު މުހައްމަދު އަފުޒަލް (އަޕޯ) ވިދާޅުވީ ރިޔާސީ އިންތިޚާބުގެ މައުލޫމާތު ތައް އަޕްޑޭޓްކޮށް ގެނެސްދިނުމުގެ އިތުރުން މިފަހަރު އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް ކަމަކީ މި މުޅި މަސައްކަތުގައި ރައްޔިތުންގެ ބައިވެރިވުން ވެސް ހިމެނޭނެ ގޮތަކަށް ރޭވުން ކަމަށެވެ. އެ ގޮތުން އޮންލައިން ކޮށް ފަރުމާ ކުރެވިގެން އަންނަ ބައިތަކުގެ ތެރެއިން ރައްޔިތުންގެ ޚިޔާލާއި އޯޑިއޯ ކޮމެންޓް ތައް ފަދަ ބައިތަކަށް ޖާގަ ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް އަޕޯ ވިދާޅުވި އެވެ.