ދިރާގު ދިވެހި ލީގުގައި މިއަދު ހަވީރު އޯލްޔޫތު ލިންކޭޖް (އޭވައިއެލް) 5-0ގެ ބޮޑު ތަފާތަކުން ބަލިކޮށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް، މި ސީޒަންގެ ދިވެހި ލީގު ކަށަވަރު ކުރުމަށް އެންމެ ދެ ޕޮއިންޓާ ގާތަށް ޖެހިލައިފި އެވެ.

މިއަދުގެ މެޗުގެ ނަތީޖާއާއެކު 42 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އޮތް ނިއުއާއި ދެ ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާ ދެމެދު 17 ޕޮއިންޓުގެ ތަފާތެއް އެބަ އޮތެވެ. އެހެން ކަމުން މިރޭ ކްލަބް އީގަލްސްއާ ދެކޮޅަށް ނުކުންނަ މާޒިޔާ އެ މެޗުން ބަލިވިޔަސް އަދި އެއްވަރުވިޔަސް ނިއުއަށް ލީގު ކަށަވަރުވާނެ އެވެ. ސަބަބަކީ ލީގުގެ ތިންވަނަ ބުރުގައި ކޮންމެ ޓީމަކަށް ފަސް މެޗް ކުޅެން ޖެހޭއިރު މިރޭގެ މެޗް އެއްވަރު ވެއްޖެ ނަމަ މާޒިޔާ އަށް އެންމެ ގިނަވެގެން ވެސް ހަމަ ކުރެވޭނީ 41 ޕޮއިންޓް ކަމަށް ވާތީ އެވެ. އަދި މިރޭގެ މެޗުން މާޒިޔާ މޮޅުވެއްޖެނަމަ ނިއު ޖެހޭނީ ދެވަނަ ލީގު ކަށަވަރު ކުރުމަށްޓަކައި ތިންވަނަ ބުރުގެ ކުޅުން ފެށެންދެން އިންތިޒާރު ކުރާށެވެ.

މި ބުރުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ އޮތް އޭވައިއެލްއާ ދެކޮޅަށް ރަނގަޅު ޓެމްޕޯއެއްގައި މެޗް ފެށި ނިއުއަށް އޭވައިއެލްގެ ގޯލް ހުޅުވާލަ ދިނީ މެޗުގެ 21 ވަނަ މޮނިޓުގައި އޭވައިއެލްގެ ހާފްގެ މެދެއްހާ ހިސާބުން ނިއުއަށް ލިބުނު ޖިލޭ ޖެހުމެއް އޭވައިއެލްގެ ގޯލަށް ވައްދާލައިގެން މުހައްމަދު އުމެއިރު އެވެ. އަދި އޭގެ ނުވަ މިނިޓުފަހުން ނިއުގެ އަލީ އަޝްފާގު (ދަގަނޑޭ)އަށް އޭވައިއެލްގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެ ޓީމުގެ ޑިފެންޑަރު އަހްމަދު ޒުބައިރު ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ނިއަށް ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ދަގަނޑޭ އެވެ.

ދެވަނަ ހާފްގެ ކުޅުން ނިއުއިން ފެށީ އެކުލަބަށް އަލަށް ގުޅުނު އަކްރަމް އަބްދުލް ޣަނީ (އަކޫ) އާއި އިސްމާއިލް އީސާ (މެސީ) ގޮވައިގެންނެވެ. އަދި އެ ހާފްގެ ކުޅުން ފެށުނުތާ ހަ މިނިޓުގެ ތެރޭގައި އަޝްފާގު ވަނީ އޭނާ މެޗުގައި ކާމިޔާބު ކުރި ދެވަނަ ލަނޑު އަދި ނިއުގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްދީފަ އެވެ. އަދި މެޗުގެ 71 ވަނަ މިނިޓުގައި އަޝްފާގު ތަނަވަސް ކޮށްދިން ފުރުސަތަކުން ނިއުގެ 4 ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ކުލަބަށް އަލަށް ގުޅުނު ޒުވާން މިޑްފީލްޑަރު މެސީ އެވެ. 87 ވަނަ މިނިޓުގައި ނިއުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ ހުސައިން ނިޔާޒް (ބޮކުރީ) ނަގައިދިން ރީތި ހުރަހެއް ގޯލްތެރެއަށް ފޮނުވާލައިގެން ނިއުގެ އަހްމަދު ނިޔާޒު އެވެ.

މިއަދުގެ މެޗުން ބަލިވުމުން އޭވައިއެލް އޮތީ 15 ޕޮއިންޓާއެކު ތާވަލުގެ ފަސް ވަނައިގަ އެވެ.

މިއަދުގެ މެޗާބެހޭ ގޮތުން ނިއުގެ އެސިސްޓެންޓް ކޯޗު އިގްބާލު ބުނީ، މެޗުގައި ނިއުގެ ކުޅުންތެރިން ވަރަށް ގުޅިގެން، ރީތި ޕާސްތަކެއް ދީގެން ވަރަށް ރަނގަޅަށް ކުޅުނުތަން ފެނިގެން ދިޔަ ކަމަށާއި އަދި ޓީމަށް އަލަށް ގެނައި ދެ ކުޅުންތެރިންގެ ކުޅުމާ ދޭތެރޭގައި ވެސް ހިތްހަމަ ޖެހޭ ކަމަށެވެ.

އޭވައިއެލްގެ ކޯޗް އަޙްމަދު ނާޝިދު (ނާދު) ބުނީ މިއަދުގެ މެޗުގައި އޭނާގެ ޓީމު ދެއްކި ކުޅުމާ ދޭތެރޭގައި ހިތްހަމަ ޖެހޭ ކަމަށާއި އަދި ނިއުރޭޑިއަންޓަކީ މޮޅަށް ކުޅޭ ވަރުގަދަ ޓީމަކަށްވުމުން މެޗުގެ ނަތީޖާއާ ދޭތެރޭގައި ވެސް މައްސަލައެއް ނެތް ކަމަށެވެ.

ނާދު ބުނީ ގަދަ ހައެއްގެ ތެރޭގައި ހިމެނިފައި އޮތުމުން، މިއަދުގެ މެޗުން އޭވައިއެލް ބަލިވި ނަމަވެސް އެ ޓީމަށް އިތުރަށް ގެއްލޭނޭ އެއްޗެއް ނެތްކަމަށާއި އެހެންކަމުން ކުޅުންތެރިންނަށް މެޗުގައި ކޮންމެވެސް ވަރަކަށް ފަރުވާ ކުޑަކޮށް ލެވުނީ ކަމަށްވެސް ވެދާނޭ ކަމަށެވެ.