23 Jun 2013, 20:05
ވަތަނިއްޔާއިން ވިޔަފާރިތަކަށް ހާއްސަކޮށްގެން "ޑަބްލިއުނެޓް 4G"ގެ ނަމުގައި 4G އިންޓަނެޓް އާ ޕެކޭޖެއް މާލެ ސަރަހައްދަށް މިއަދު ތައާރަފްކޮށްފި އެވެ.
ވަތަނިއްޔާ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަތަނިއްޔާގެ ސީނިއާ ސްޕެސަލިސްޓް ޕީއާރް މާކެޓިން ކޮމިއުނިކޭޝަން މަރިޔަމް އަހުމަދު ދީދީ ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ތައާރަފްކުރި އެ ޕެކޭޖުގެ ފީގެ ގޮތުގައި ދައްކަން ޖެހެނީ މަހަކު 1999ރ. ކަމަށެވެ. އަދި އެ ހިދުމަތާ އެކު 24 ޖީބީ ގެ ޑޭޓާ އެލަވަންސްއަކާއި 4G ރައުޓަރެއް ހިލޭ ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއަދު މި ތައާރަފްކުރި 4G ޕެކޭޖަކީ ވަތަނިއްޔާ ފޯ ބިޒުނަސް ޕޯޓްފޯލިއޯގެ ދަށުން، ސުޕާ ފާސްޓް ސްޕީޑް ބޭނުންވެފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ތައާރަފްކުރެވުނު ޕެކޭޖެއް،" މަރިޔަމް ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަތަނިއްޔާގެ ހެޑް އޮފް މާކެޓިން އައިޝަތު ޒަމްރާ ޒާހިރު ވިދާޅުވީ މިއަދު ތައާރަފްކުރި 4G ގެ ހިދުމަތް ބޭނުންވާ ވިޔަފާރިކުރާ ތަނެއް ރަނގަޅަށް ސާވޭކުރާނެ ކަމަށެވެ. އަދި އެ ޕެކޭޖާއެކު ފާސްޓް އިންޓަނެޓްގެ ހިދުމަތް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ވަތަނިއްޔާއަކީ ރާއްޖެ އަށް ފުރަތަމަ ފަހަރަށް 4G ނެޓްވޯކްގެ ހިދުމަތް ތައާރަފްކުރިފަރާތެވެ. އެގޮތުން 3G ނެޓްވޯކުގައި 14.4 އެމްބީޕީއެސް ލިބޭ އިރު 4G ނެޓްވޯކުގައި 100 އެމްބީޕީއެސް ލިބެ އެވެ.