ފުލުހުންގެ ގާނޫނު ދަށުން ވިޔަފާރިކުރުމަށް އުފައްދާފައިވާ ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ)ގެ ހިއްސާއެއް 100ރ. އަށް ފުލުހުންނަށް ވިއްކަން ފަށައިފި އެވެ.

ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ ޕޮލްކޯގެ ހިއްސާ ފުލުހުންނަށް ހިއްސާ ވިއްކުމުގެ ފުރުސަތު ފުރަތަމަ ހުޅުވާލާފައި ވަނީ މިދިޔަ އަހަރުގެ ފުލުހުންގެ އަހަރީ ދުވަސް ކަމުގައިވާ މާރޗް 29 ވަނަ ދުވަހު ކަމަށެވެ. އަދި މަހުގެ 16 ވަނަ ދުވަހު ބޭއްވި ޕޮލްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައި އެގޮތަށް ނިންމުމާ ގުޅިގެން އެ ކުންފުނީގެ ހިއްސާ ވިއްކުމުގެ މުއްދަތު ވެސް ވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

އެ ކުންފުނިން ހިއްސާ ވިއްކާ ގޮތުގެ އިތުރު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.

ފުލުހުން ނެރުނު ނޫސްބަޔާނުގައި ވަނީ އެ ކުންފުނީގެ ހިއްސާދާރުންގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފަރާތަަކަށް ހައްޖު ދަތުރެއް ދިނުމަށް ވެސް ޕޮލްކޯގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.

ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީއަކީ ފުލުހުންގެ ވެލްފެއާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ ކުންފުންޏެކެވެ.

އެ ނޫސްބަޔާނުގައި ބުނެފައި ވަނީ ފުލުހުންގެ އިންސްޓިޓިއުޝަން ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒްއިން ހިންގާ އެކި އެކި ކޯސްތަކުގައި ބައިވެރިވާ ފުލުހުންގެ އަތުން ހިނގާ މާލީ ހަރަދުތައް ލުއި ފަސޭހަ ގޮތެއްގައި ކޮށްދެވޭނެ އިންތިޒާމްތަކެއް ހަމަޖެއްސުމުގެ ގޮތުން އައިލްސްއާއެކު މެމޮރަންޑަމް އޮފް އަންޑެސްޓޭންޑިއެއްގައި އެ ކުންފުނިން ސޮއިކޮށްފައިވާ ކަމަށެވެ. އަދި އެ އެމްއޯޔޫގެ ދަށުން އައިލްގެ ފުރަތަމަ ޑިގްރީ ޕްރޮގްރާމުގައި ބައިވެރިވެފައިވާ ފުލުހުންގެ ކޯސް ފީ ހަމަޖައްސައިދިނުމުގައި ލުއި ގޮތްތަކެއް ޕޮލްކޯއިން އިންތިޒާމްކޮށްދީފައިވާ ކަމަށް ވެސް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.