23 Jun 2013, 17:04
ރިޔާސީ އިންތިހާބަށް ތައްޔާރުވަމުންދާއިރު އަމާޒަކީ އެންޓި ކެމްޕެއިން ކުރުން ނޫން ކަމަށާއި އެމްޑީޕީގެ އަމާޒަކީ އެ ޕާޓީގެ ސިޔާސަތުތައް ރައްޔިތުންނަށް ބުނެދީގެން އިންތިހާބު ކާމިޔާބު ކުރުން ކަމަަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ތ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ކުރެއްވި ދަތުރުފުޅަށް ފަހު މިއަދު ސަން އަށް ދެއްވި އިންޓަވިއުގައި ރައީސް ނަޝީދު ވިދާޅުވީ ރަނގަޅު ސިޔާސީ ނިޒާމެއް ގާއިމުކުރެވޭނީ ރަނގަޅު ކެމްޕެއިންތަކެއް ކުރެވިގެން ކަމަށް އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ އެންޓި ކެމްޕެއިން ކުރުމެއް ނޫން. އަމާޒަކީ އަޅުގަނޑުމެންގެ ސިޔާސަތުތަކުގެ މައުލޫމާތު ރައްޔިތުނަށް އޮޅުން ފިލުވަދީގެން ރައްޔިތުންގެ ވޯޓު އަޅުގަނޑުމެން ހޯދުން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީން ރިޔާސީ އިންތިހާބަށް ކުރަމުންދާ ކެމްޕެއިންގައި އަމަލީ ގޮތުން 20،000 އަށްވުރެ ގިނަ މީހުން ހަރަކާތްތެރިވަމުންދާ ކަމަށާއި ކެމްޕެއިންގެ ހުރިހާ ކަމެއް ވެސް ދާގޮތާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހިވަޑައިގަންނަވާ ކަމަށެވެ.
ތ. ތިމަފުއްޓަށާއި މަޑިފުއްޓަށާއި އަދި އޮމަދޫ އަށް ކުރެއްވި ދަތުރުފުޅަށް ފަހު ރައީސް ނަޝީދު ވިދާޅުވީ އެ އަތޮޅުގެ ތަރައްގީ އަށް ފެށިފައިވާ މަސައްކަތްތައް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި އެ އަތޮޅުތަކުން ފުޅާ އަގުލަބިއްޔަތެއް ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.