މުއްދަތެއް ނެތްގޮތަށް ގދ. ތިނަދޫގައި އެސްއޯ ފުލުހުން ބައިތިއްބައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މުއްދަތެއް ނެތްގޮތަށް ތިނަދޫގައި އެސްއޯ ފުލުހުން ބައިތިއްބާފައި ވަނީ އެރަށު ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދީ ރަށުގައި އަމާން ވެއްޓެއް ގާއިމް ކުރުމަށް ކަމަށެވެ.

އެރަށުގައި ތިބި އެސްއޯ ފުލުހުން މަސައްކަތް ކުރާނީ އެރަށު ޕޮލިސް ސްޓޭޝަންގައި ތިބި ފުލުހުންނާ ގުޅިގެން ކަމަށާއި ތިނަދޫގެ އިތުރުން އެ ސަރަހައްދުގެ ރަށްތަކުގެ ސަލާމަތާއި ރައްކާތެރިކަން ގާއިމް ކުރުމަށް އެސްއޯ ފުލުހުން މަސައްކަތް ކުރާނެ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މީގެކުރިން ފުލުހުން ވަނީ އައްޑޫ ސިޓީގައި ވެސް މުއްދަތެއް ނެތްގޮތަށް ފުލުހުން ބައިތިއްބާފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ވަގުތާއި ހާލަތަށް ބެލުމަށްފަހު އެވަގުތަކު އެސްއޯ ފުލުހުން ބައިތިއްބަން ޖެހޭ ރަށްތަކުގައި އެސްއޯ ފުލުހުން ބައިތިއްބާނެ ކަމަށެވެ.

ތިނަދޫ އަކީ އާންމުގޮތެއްގައި ސިޔާސީ ފަރާތްތަކުން ހަމަނުޖެހުން ހިންގަމުން ގެންދާ ރަށެއް ކަމަށް ވަނީ ފާހަގަކުރެވިފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހު އެމްޑީޕީ ސަޕޯޓަރުން އެރަށުގައި ކުރި މުޒާހަރާ ހަމަނުޖެހުމަކަށް ބަދަލުވެ ގދ. އަތޮޅު ކައުންސިލްގެ އިދާރާ އާއި ތިނަދޫ މެޖިސްޓްރޭޓް ކޯޓާއި އެރަށު ޕޮލިސް ޓޭޝަނާއި އެތަނުގެ ވެހިކަލްތަކުގައި ވަނީ ހުޅުޖަހައި އަންދާލާފައެވެ.

ހުޅުޖެހި މައްސަލަ ތަހުގުގީގު ކުރުމަށް މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި އެރަށަށް ދިޔަ ފުލުހުންގެ ޓީމަށް ވެސް އެމްޑީޕީއަށް ތާއީދުކުރާ ފަރާތްތަކުން ވަނީ ހުރަސްއަޅާފަ އެވެ.

ކޯޓުއަމުރު ތަކެއް ހިފައިގެން މިދިޔަ އަހަރުގެ މާޗްމަހުގެ ތެރޭގައި ފުލުހުން އެރަށަށް ގޮސް ހުޅުޖެހި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރުމަށް ކުރި މަސައްކަތަށް އެމްޑީޕީ ސަޕޯޓަރުން ހުރަސްއެޅުމުން ފުލުހުން ވަނީ މީހުން ހައްޔަރު ކުރުމުގެ މަސައްކަތް ވަގުތީގޮތުން ހުއްޓާލާފަ އެވެ. އޭގެފަހުން އެމީހުން ހައްޔަރުކޮށްފައި ވަނީ އެސްއޯ ފުލުހުންގެ ޓީމެއް އެރަށަށް ގޮސްގެނެވެ.

ދާދިފަހުން ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެމަނިކުފާނުގެ ކޯލިޝަން ޓީމާ އެކު އެރަށަށް ވަޑައިގަތުމުން އެމްޑީޕީ ސަޕޯޓަރުން ވަނީ މުޒާހަރާ ކޮށް އެމަނިކުފާނަށް ހުރަސްއަޅާފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ފެށިގެން އައިދުވަސްކޮޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެރަށަށް ވަޑައިގަތުމުން ވެސް އެރަށު ބަޔަކު ވަނީ އެމަނިކުފާނާ ދެކޮޅަށް މުޒާހަރާކޮށް ހަމަނުޖެހުން ހިންގަން މަސައްކަތް ކޮށްފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްތަލިބު އެރަށް ވަޑައިގަތް ދެ ފަހަރުވެސް އެރަށު ބަޔަކު ވަނީ އޭނާއާ މެދު މާރާމާރީ ހިންގާފަ އެވެ.