ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބްގެ މިހާރުގެ މެނޭޖްމަންޓުގެ އަމާޒަކީ ދިގު މުއްދަތަކަށް ރާއްޖޭގެ ފުޓްބޯޅައިގެ ރަސްގެފާނުގެ ގޮތުގައި އެ ކްލަބް ބޭއްވުން ކަމަށް ނިއުގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު (ބަލަކް) ވިދާޅުވެއްޖެ އެވެ.

ބަލަކް ވިދާޅުވީ ނިއުގެ އާ މެނޭޖްމަންޓް ކްލަބާ ހަވާލުވީ ފަހުން ކުރު މުއްދަތެއްގެ ތެރޭގައި އެ ކްލަބް ހޯދާފައިވާ ކާމިޔާބު ތަކާ ދޭތެރޭގައި ސުވާލުކުރާނެ ފަރާތެއް ފާޑުކިޔުންތެރިންގެ ތެރޭގައި ވެސް ނުތިބޭނެ ކަމަށެވެ.

"މިވީ ދޮޅު އަހަރު ދުވަހުގެ ތެރޭގައި އިންސްޓަންޓް ކާމިޔާބީއެއް ނުވަތަ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަޅުގަނޑުމެން ހޯދާފައިވާ ކާމިޔާބީއާ ދޭތެރޭގައި ސުވާލުކުރާނެ ފަރާތެއް، ފާޑުކިޔުންތެރިންގެ ތެރޭގައި ވެސް ނުތިބޭނެ. އެހެން ވީމާ މިހާރު އަޅުގަނޑުމެން އަމާޒު ހިފާފައި މިހިރީ، ނިއުރޭޑިއަންޓް، ދިގު މުއްދަތަކަށް ރާއްޖޭގެ ފުޓްބޯޅައިގެ ރަސްގެފާނު ކަމުގައި ބޭއްވުން،" ބަލަކް ވިދާޅުވި އެވެ.

ބަލަކް ވިދާޅުވި ގޮތުގައި ތަފާސް ހިސާބުތަކަށް ބަލައިގެން ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބްގެ ލަގަބު އެކި ގޮތްގޮތަށް އެނބުރުމަކީ ވަރަށް ހިތާމަ ކުރާ ކަމެއް ކަމަށާއި އޭނާ ގަބޫލުކުރައްވާ ގޮތުގައި މިހާރު ވެސް ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބަކީ ނިއުރޭޑިއަންޓް އެވެ.

"އަޅުގަނޑުމެން އަސްލު ވަރަށް ދެރަވޭ، ސްޓެޓިސްޓިކަލީ ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބްގެ ލަގަބް، އެކި ގޮތްގޮތަށް އެނބުރެމުން ދާތީ. އެހެންވީމާ އަޅުގަނޑުމެން މިހާރު ގަބޫލުކުރަނީ ރާއްޖޭގެ ފުޓްބޯޅައިގެ ރަސްގެފާނަކީ ނިއުރޭޑިއަންޓް ކަމަށް. އެހެންވީމާ އެގޮތުގައި ނިއުރޭޑިއަންޓް ބޭއްވުން އަޅުގަނޑުމެންގެ މަގްސަދަކީ. އަދި އަޅުގަނޑުމެން ބޭނުންވަނީ އެ ޓެގް، ނިއުރޭޑިއަންޓަށް ހޯދައިދިނުން،" ޗެއާމަން ވިދާޅުވި އެވެ.

ރާއްޖޭގެ ގައުމީ ފުޓްބޯޅަ މުބާރާތުގައި 1980 ވަނަ އަހަރުން ފެށިގެން ވާދަ ކުރަމުން އައި ނިއުރޭޑިއެންޓަކީ އެ މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބު ކުރި ކުލަބަށް ނުވި ނަމަވެސް ގައުމީ މުބާރާތުގެ ފައިނަލުގައި އެންމެ ގިނައިން ކުޅުނު އެއް ޓީމަކަށް ނިއުރޭޑިއަންޓް ވާނެ އެވެ. އެގޮތުން ވޭތުވެ ދިޔަ 32 އަހަރު ދުވަހުގެ ތެރޭގައި ނިއުރޭޑިއެންޓް ވަނީ އެ މުބާރާތުގެ ފައިނަލުގައި 18 ފަހަރު މަތިން ވާދަކޮށް 9 ފަހަރު އެ މުބާރާތް ކާމިޔާބު ކޮށްފައެވެ. ގައުމީ މުބާރާތުގެ ފައިނަލުގައި 24 ފަހަރު ވާދަކޮށް އެ މުބާރާތް އެންމެ ގިނަފަހަރު ކާމިޔާބު ކުރި ކުލަބަކީ ވިކްޓްރީ ސްޕޯޓްސް ކުލަބެވެ. އެކުލަބު ވަނީ 17 ފަހަރު ގައުމީ މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

ގައުމީ ފެންވަރުގައި ނިއުއިން ހޯދާފައިވާ ރަން ވަނަތަކަށް ބަލާއިރު ގައުމީ މުބާރާތް 9 ފަހަރު ކާމިޔާބު ކުރުމުގެ އިތުރުން ރާއްޖޭގެ އެފްއޭ ކަޕުގެ އެންމެ ކާމިޔާބު ކުލަބަކީ ނިއު އެވެ. އެގޮތުން އެ ކްލަބް ވަނީ އެފްއޭ ކަޕުގެ 24 އަހަރު ދުވަހުގެ ތާރީހުގެ ތެރޭގައި އެމުބާރާތުގެ ފައިނަލުގައި 17 ފަހަރުމަތިން ކުޅެ 10 ފަހަރު މުބާރާތުގެ ތަށި އުފުލައިލާފަ އެވެ. އަދި އެމުބާރާތުގެ ތަށި ޖެހިޖެހިގެން ތިންފަހަރަށް ހޯދައި ދެފަހަރު ތަށި މިލްކު ކޮށްފައި ވެ އެވެ.

އެފްއޭ ކަޕުގެ ތާރީހުގައި ނިއު ނޫން ކުލަބެއް އެތަށި މިލްކު ކޮށްފައެއް ނުވެ އެވެ. އެފްއޭ ކަޕުގެ އިތުރުން ނިއު ވަނީ، ރާއްޖޭގެ ކަޕްވިނާސް ކަޕް ހަތަރު ފަހަރު، ޕްރެޒިޑެންޓް އޮފް މޯލްޑިވްސް އިންވިޓޭޝަނަލް ސޮކަ ކަޕް (ޕޮމިސްކަޕް) ތިން ފަހަރު، ދިވެހި ލީގު ދެ ފަހަރު، މާލޭ ލީގު އެއް ފަހަރު އަދި ހުސްވި އަހަރުގެ ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށްފަ އެވެ.

ނިއުގެ ޗެއާމަން ވިދާޅުވީ ނިއު ރޭޑިއަންޓްގެ ސްކޮޑަށް މިފަހަކަށް އައިސް ގެނެވުނު ބޮޑެތި ބަދަލުތަކުގެ ސަބަބުން، އެޓީމު މާބޮޑަށް ވަރުގަދަވެ ވާދަވެރި ޓީމެއްނެތި ފުޓްބޯޅައިގެ ފޯރި ގެއްލޭ ކަމަށް ބައެއް ފަރާތްތަކުން ސިފަކޮށްފާނެ ކަމަށާއި އެހެން ނަމަވެސް ނިއު ތައްޔާރުވަނީކީ ހަމައެކަނި ރާއްޖޭގެ މުބާރާތްތަކަށް އެކަނި ނޫން ކަމަށާއި ބައިނަލްއަގްވާމީ ފެންވަރުގައި ވެސް ރާއްޖެއަށް ރީތި ވަނަތައް ހޯދައި ދިނުމަކީ ނިއުގެ އަމާޒެއް ކަމަށެވެ.

"ބައެއް ފަރާތްތަކުން ވިދާޅުވޭ، ފުޓްބޯޅައިގެ ފޯރި ކެނޑޭވާހަކަ. އެއީކީ އަޅުގަނޑުމެން ބަލަންޖެހޭ ކަމެއް ނޫން. އަޅުގަނޑުމެން ފުޓްބޯޅަ މި ކްލަބް މިހިންގަނީކީ ހަމައެކަނި، ދިވެހިރާއްޖޭގެ މުބާރާތްތަކަށް އަމާޒު ކޮށްގެނެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ މިހާރު ހަމަ އޭޝިޔާގަ ކޮންމެ އަހަރަކުވެސް ނިއުރޭޑިއަންޓްގެ ނަން، ރާއްޖޭގެ ނަން، އޭއެފްސީގެ މުބާރާތްތަކުގައި ގުގުމަމުން ދާތަން ދުށުން،" ބަލަކް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ދިވެހި ލީގުގެ އެއްވެސް މެޗަކުން ބަލިނުވެ ލީގް ޓްރޮފީ އުފުލައިލި ނިއުއިން ވަނީ މިއަރުގެ ފުޓްބޯޅަ ސީޒަނަށް އެކްލަބްގެ ސްކޮޑް ވަރަށް ބޮޑަށް ވަރުގަދަ ކޮށްފަ އެވެ. އެ ގޮތުން ނިއުއަށްކުޅޭ ގައުމީ ޓީމުގެ މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި، މުޙައްމަދު އުމޭރު، އަލީ ފާސިރު (ސެންޓޭ)، މޫސާ ޔާމީން، ހުސައިން ނިޔާޒު (ބޮކުރީ)، މުޙައްމަދު ޝިފާން (ކުޑައްޓޭ)، ރިލްވާން ވަހީދު (ރިލޭ)، އަލީ އަޝްފާގު (ދަގޭ)، އިމްރާން މުހައްމަދު (އިންމަ)، އަދި މިހާރު އަކްރަމް އަބްދުލް ޣަނީ (އަކޫ)އާއި އިސްމާއީލް އީސާ (މެސީ)ވެސް ވަނީ އެ ކްލަބްގެ ސްކޮޑްގައި ހިމަނާފަ އެވެ.

ބަލަކް ވިދާޅުވީ ގައުމީ ޓީމު ލީޑުކުރާ ހުރިހާ ކުޅުންތެރިން ނިއުރޭޑިއަންޓުގައި ކުޅޭތަން ދުށުމަކީ ކްލަބްގެ މިހާރުގެ މެނޭޖްމަންޓުން އެންމެ ފުރަތަމަ ދުވަހުއްސުރެންވެސް ދެކެމުން އައި ހުވަފެނެއް ކަމަށާއި އަދި ނިއުގެ މިހާރުގެ ސްކޮޑްގެ ސަބަބުން ރާއްޖޭގެ ގައުމީ ޓީމަށްވެސް ވަރަށް ބޮޑު ފައިދާއެއް ކުރާނޭ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މި ކުޅުންތެރިންތައް އެއް ޓީމަކަށް އައުމަކީ މި ކުޅުންތެރިންނަށާއި އަދި ގައުމީ ޓީމަށް ލިބިގެންދާނޭ ވަރަށްބޮޑު ކުރިއެރުމެއް،" ބަލަކް ވިދާޅުވި އެވެ.

ބަލަކް އިތުރަށް ވިދާޅުވީ ވާދަވެރި އެހެން ކްލަބް ތަކަށް ދަންނަވާލަން އޮތީ ނިއުގެ ޒުވާން މެނޭޖްމަންޓް އޮތީ ހުރިހާ ގޮންޖެހުންތަކާ ކުރިމަތިލާން ތައްޔާރަށް ކަމަށާއި އަދި ނިއުރޭޑިއަންޓް އެހެން ކްލަބްތަކަށްވުރެ ދަށުގައި އޮވެއްޖެނަމަ ފަހަތުން އަރައި ކުރިއަރާނޭ ކަމަށެވެ.

"އަޅުގަނޑުމެން ވާދަވެރި ކްލަބްތަކާއި އަދި މީޑިއާއަށްވެސް ދަންނަވާލަން މި ތަށީގެ އަދަދުތައްވެސް އިއުލާނު ކޮށްދެއްވަން. އަޅުގަނޑުމެންމީ ޒުވާން ލީޑަޝިޕެއް. އަޅުގަނޑުމެން ދަށުގަ އޮވެއްޖިއްޔާ އަޅުގަނޑުމެން ހިފާ އަތުލާނަން،" ނިއުގެ ޒުވާން ޗެއާމަން ވިދާޅުވި އެވެ.

ނިއުގެ އެންމެ ކާމިޔާބު އަހަރަކީ 1997 ވަނަ އަހަރެވެ. އެ އަހަރު އެކުލަބުވަނީ ސީޒަންގެ ހުރިހާ މުބާރާތެއް ކާމިޔާބު ކޮށްފައެވެ. އެއީ އެފްއޭ ކަޕް، ޕޮމިސްކަޕް އަދި ގައުމީ ފުޓްބޯޅަ މުބާރާތެވެ.