23 Jun 2013, 16:10
މިއަހަރުގެ ފެބްރުއަރީ މަހު ކްލަބް ވެލެންސިއާގެ މެނޭޖަރުކަމަށް ހަމަޖެއްސި އެ ކްލަބްގެ ކުރީގެ މަޝްހޫރު ވޮލީ ކުޅުންތެރިޔާ އަހްމަދު ޝާފީ މެނޭޖަރުކަމުން މިއަދު އިސްތިއުފާ ދީފި އެވެ.
ސަންއާ ވާހަކަ ދައްކަމުން ޝާފީ ބުނީ އޭނާ ވެލެންސިއާގެ މެނޭޖަރުކަމުން އިސްތިއުފާ ދިނީ ކްލަބްގެ އިސް މެނޭޖްމަންޓާ މުއާމަލާތް ކުރުމުގައި ބޮޑެތި ދަތިތަކެއް ހުރުމުން ކަމަށެވެ.
"އަޅުގަނޑު ވެލެންސިޔާގެ މެނޭޖަރު ކަމުން އިސްތިއުފާ ދިނީ ކްލަބްގެ މެނޭޖްމަންޓާ ޑީލްކުރަން އުނދަގޫ ކަމުން. އެ ބޭފުޅުން ދައްކަވާ ވާހަކައާ ކުރާ ކަންތަކާ ދިމަލެއް ނުވޭ. އެހެންވެ އަޅުގަނޑަށް ފެނުނު އެންމެ ރަނގަޅު ގޮތަކީ އިސްތިއުފާ ދިނުން،" ޝާފީ ބުންޏެވެ.
ވެލެންސިޔާގެ މެނޭޖަރު ކަމަށް މިއަހަރުގެ ފެބްރުއަރީ 18 ވަނަ ދުވަހު ޝާފީ ހަމަޖެއްސީ، ޖެނުއަރީ މަހުގެ ނުވަ ވަނަ ދުވަހު އެ ކްލަބުގެ މެނޭޖަރުކަމަށް ހަމަޖެއްސި މުހައްމަދު ހާނިމް، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމާ ހަވާލުވުމަށްޓަކައި ވެލެންސިޔާގެ މެނޭޖަރުކަމުން އިސްތިއުފާ ދެއްވުމުން ނެވެ.
ވެލެންސިޔާގެ އެސިސްޓެންޓް މެނޭޖަރު އަލީ ޝާހިދު (ސްޓެޕް އައްޔަ) ބުނީ ޝާފީ އިސްތިއުފާ ދީފައި ވަނީ ކުޅުންތެރިން ހޯދުމާއި ރިލީޒް ކުރުމުގައި ކްލަބްގެ އިސް މެނޭޖްމަންޓުން މެނޭޖަރާއި އަދި އެސިސްޓެންޓް މެނޭޖަރު ލެވެލްގެ އެއްވެސް ފަރާތަކާ މަޝްވަރާ ކުރުމެއް ނެތި ކަންތައްތައް ނިންމާފައި ވާތީ ކަމަށެވެ.
"އަޅުގަނޑު ކައިރީ ޝަފީ އިސްތިއުފާ ދިނުމުގެ ކުރިން ބުނެފައިވަނީ، އޭނާ އިސްތިއުފާ ދޭން ނިންމީ، ކުލަބްގެ ސީނިއާ މެނޭޖްމަންޓުން، ކުލަބް ކުރިއަރުވަން އެއްވެސް މަސައްކަތެއް ނުކުރުމާއި، އަދި ކްލަބްގައި ތިބި އިސް ކުޅުންތެރިން އެއްވެސް ބެލުމެއްނެތި ދޫކޮށް ހަދާފައިވުމާއި އަދި ސީނިއާ މެނޭޖްމަންޓުން އެފަދަ އެއްވެސް ކަމެއްގައި މެނޭޖަރުގެ މަޝްވަރާ ނުހޯދާތީ ކަމަށް،" އައްޔަ ބުންޏެވެ. "އަޅުގަނޑުވެސް ޝާފީގެ އެ ވާހަކަތަކަށް ތާއީދު ކުރަން. އެކަމަކު މޯހަން ފަދަ ރަނގަޅު ކޯޗަކު ހުރުމުން އަޅުގަނޑު އަދި ގަސްދު ކުރަނީ، ކްލަބްގައި މިހާރު ތިބި ޒުވާން ކުޅުންތެރިން ގޮވައިގެން ވެސް ކްލަބަށް ރަނގަޅު ގޮތެއް ހޯދޭތޯ މަސައްކަތް ކުރަން،"
މިހާރު ކުރިއަށްދާ ޓްރާންސްފާގައި މާލީ ދަތިކަމާ ހުރެ ކްލަބް ވެލެންސިޔާއަށް އެއްވެސް ކުޅުންތެރިއަކު ހޯދާފައި ނުވާއިރު އެ ކްލަބުން ވަނީ ކުލަބްގެ ފުރަތަމަ 11ގައި ކުޅޭ ގިނަ ކުޅުންތެރިންތަކަކަށް އެހެން ކްލަބްތަކަށް ބަދަލުވުމަށް ރިލީޒް ދީފަ އެވެ.