23 Jun 2013, 15:34
ނިއުރޭޑިއެންޓުން ވަނީ ސާފް ޗެމްޕިއަންޝިޕް ފަސްކުރުމަށް މަސައްކަތް ކޮށްދިނުމަށް އެފްއޭއެމްގައި އެދިފައި
ނޭޕާލުގެ ކަތުމަންޑޫގައި އަންނަ ސެޕްޓެމްބަރު މަހުގެ 1-11އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ގައުމީ ޓީމަށް ފުރުސަތު ދިނުމުގެ ގޮތުން އޯގަސްޓް މަހު ފުޓްބޯޅަ ސީޒަން މެދު ކަނޑާލަން އެފްއޭއެމްއިން ނިންމައިފި އެވެ.
އެފްއޭއެމްގެ އެކްސްކޯ މެންބަރު އަހްމަދު މުހައްމަދު (ދޮނާ) ވިދާޅުވީ ގައުމީ ޓީމު، ސާފްޗެމްޕިއަންޝިޕަށް ތައްޔާރުވުމަށްޓަކައި މިއަހަރުގެ ފުޓްބޯޅަ ސީޒަން މެދު ކަނޑައިލާއިރު ދިވެހި ލީގުގެ ކުޅުން އޮންނާނީ ނިމިފައި ކަމަށާއި އަދި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގެ މެޗުތައްވެސް އޭރު އޮންނާނީ ކުޅެ ނިމިފައި ކަމަށެވެ. އަދި އެކަން ވާނީ މިހާރު ކްލަބް ތަކާވެސް ހިއްސާ ކުރެވިފައި ކަމަށެވެ.
"އޯގަސްޓް މަހުގެ 6 ވަނަ ދުވަހުން ފެށިގެން ސީޒަން މެދު ކަނޑާލަން އަޅުގަނޑުމެން ނިންމާފައި މިވަނީ. އެކަމަކު އޭރު އޮންނާނީ ދިވެހި ލީގުގެ ކުޅުން ނިމިފައި އަދި އެފްއޭކަޕްގެ ކުއާޓާ ފައިނަލްގެ މެޗުތައް ވެސް ކުޅެ ނިމިފައި. ދެން ސީޒަން އަލުން ފަށާނީ ނިއުރޭޑިއަންޓް އޭއެފްސީ ކަޕްގައި ކުރިއަށްދާ ގޮތަށް ބަލާފައި،" ދޮނާ ވިދާޅުވި އެވެ.
ސާފްޗެމްޕިއަންޝިޕަށް ގައުމީ ޓީމު ތައްޔާރުވުމުގެ ގޮތުން އެފްއޭއެމްއިން ފުޓްބޯޅަ ސީޒަން މެދުކަނޑާލަން ނިންމާފައިވާ އިރު އޭޝިޔާ ސަރަހައްދުގެ އެންމެ ވަރުގަދަ އެއް ކްލަބް ފުޓްބޯޅަ މުބާރާތް ކަމަށްވާ އޭއެފްސީ ކަޕްގައި މިވަގުތު ރާއްޖެ ތަމްސީލުކުރާ ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބުން ވަނީ ސާފް ޗެމްޕިއަންޝިޕް ޑިސެމްބަރު މަހަށް ފަސްކޮށްދިނުމަށް މަސައްކަތް ކޮށްދިނުމަށް އެފްއޭއެމްގައި އެދިފަ އެވެ.
އެފްއޭއެގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ހާނިމް ވިދާޅުވީ ނިއުގެ ސިޓީއެއް ލިބިފައިވާ ކަމަށާއި އެ ސިޓީއާ ބެހޭ ގޮތުން އެފްއޭއެމްގެ ފަރާތުން ނިއުގެ މެނޭޖްމަންޓާ މަޝްވަރާ ކުރުމަށްފަހު ވަރަށް އަވަހަށް ޖަވާބެއް ދެއްވާނެ ކަމަށެވެ.
"ނިއުރޭޑިއަންޓަށް ރަނގަޅު ގޮތެއް ހޯދައި ދިނުމަށް އަޅުގަނޑުމެން، ސާފް ޗެމްޕިއަންޝިޕް އަވަސް ކުރުމަށް ވެސް އެދިފައި ވާނީ. ނިއުއާއި އިންޑިޔާގެ އީސްޓް ބެންގާލް އޭއެފްސީކަޕްގައި ވާދަ ކުރާތީ ދެ ގައުމުގެ ފުޓްބޯޅައިގެ އިދާރާއިން ސާފް ޗެމްޕިއަންޝިޕް އިންތިޒާމް ކުރާ ފަރާތާ ވާހަކަ ދައްކައިގެން މުބާރާތް އަވަސް ކުރަން ނިންމާފައި އެވަނީ ވެސް،" ހާނިމް ވިދާޅުވި އެވެ.
ހާނިމް ވިދާޅުވީ ސާފް ޗެމްޕިއަންޝިޕަކީ ގައުމީ ޓީމު ވާދަކުރާ މުބާރާތަށް ވުމުން އެ މުބާރާތަކީ ވަރަށް މުހިންމު މުބާރާތެއް ކަމަށާއި އަދި އޭއެފްސީ ކަޕްގައި ނިއުރޭޑިއަންޓް މިހާރު ގޮސްފައި އޮތް ހިސާބުން އެ މުބާރާތް ވެސް މިވަނީ ރާއްޖެއަށް ވަރަށް މުހިއްމު ވެފައި ކަމަށެވެ. އެހެން ނަމަވެސް ކުރިން އެފްއޭއެމްއިން އެދިގެން ސާފް ޗެމްޕިއަންޝިޕް އަވަސް ކޮށްފައި އަނެއްކާ އެ މުބާރާތް ފަސްކުރުމަށް އެދުމުން އެކަމަކީ މުބާރާތް ބާއްވާ ގައުމަށް ވެސް އެހާ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.
"އަޅުގަނޑުމެން ބަލާނަން ނިއުރޭޑިއަންޓުން އެދިފައިވާ ގޮތަށް މަޝްވަރާ ކޮށްގެން ކަންތައްތައް ކޮށްދެވޭތޯ. މިހާރު އެ ދެ މުބާރާތަކީ ވެސް އަޅުގަނޑުމެންނަށް މުހިއްމު ދެ މުބާރާތް. އެކަމަކު ކުރިން ހަމަ އަޅުގަނޑުމެން އެދިގެން ސާފް ޗެމްޕިއަންޝިޕް އަވަސް ކުރުމަށްވެސް ނިންމާފައި އެވަނީ. ދެން އަނެއްކާ އެމުބާރާތް ފަސްކުރުމަށް އެދުމުން، މުބާރާތް ހޯސްޓް ކުރާ ގައުމަށްވެސް އެހާ ފަސޭހަކަމަކަށް ވާނޭހެނެއް ހިޔެއް ނުވޭ، މުބާރާތުގެ ތާރީޚް އިރުއިރުކޮޅުން ބަދަލު ކުރުން،" ހާނިމް ވިދާޅުވި އެވެ.