23 Jun 2013, 15:12
މިއަހަރުގެ ތެރޭގައި އެންމެ ފުރިހަމައަށް އަދި އެންމެ ބޮޑުކޮށް ހަނދު ފެންނާނީ މިރެއެވެ. މި ގޮތަށް ހަނދު ފެންނަ ފެނުމަށް ކިޔަނީ "ސުޕަރމޫން" އެވެ. އެހެންނަމަވެސް މިއީ ޓެކްނިކަލް ނަމެއް ނޫނެވެ. ފަލަކީން މި ހާލަތަށް ދީފައިވާ ނަމަކީ "ޕެރިޖީ މޫން" އެވެ. ޕެރިޖީ އަކީ ހަނދާއި ބިމާ އެންމެ ކައިރިވި ވާ ނުގުތާއެވެ.
"ސުޕަރމޫން" ފެންނާން މެދުވެރި ވަނީ ހަނދު ހިނގާ ރޮނގުގައި ދުނިޔެއާ އެންމެ ކައިރިއަށް އަންނަ ހަނދު އަންނަ ދުވަސްވަރާއި ހަނދު އެންމެ ފުރިހަމަވާ ދުވަސްތަކާ ދިމާވުމުންނެވެ. މި ގޮތުން މިއަހަރު ދުނިޔެ އާއި ހަނދާ އެންމެ ކައިރިވާ ދުވަހަކީ މިއަދެވެ. އެހެންކަމުން ދުނިޔޭގެ ހުރިހާ ތާކަށް ވެސް މިއަހަރު އެންމެ ބޮޑުކޮށް ހަނދު ފެންނާނީ މިރޭ ކަމަށް އެމެރިކާގެ ޖައްވީ ހޯދުންތަކާ ބެހޭ އިދާރާ (ނާސާ) އިން ބުނެއެވެ.
މިއަދުގެ ހެނދުނަށް ބަލާއިރު ފަލަކީ ގޮތުން ހަނދު ހުންނާނީ ވަރަށް ބޮޑުކޮށެވެ. ދުވާލު ކަމުން ހަނދުގެ އުޖާލާކަން މާ ބޮޑަށް ހެނދުނު ފާހަގަ ނުވި ނަމަވެސް ވަރަށް އަލިގަދަކޮށް މިރޭ ހަނދު ފެންނާން ހުންނާނެއެވެ.
ނާސާއިން ބުނާ ގޮތުގައި ހަނދު މަހުގައި އާންމުކޮށް ފުރިހަމަ ހަނދު ފެންނަ ވަރާ އަޅާ ބަލާ އިރު، "ސުޕަރމޫން" ގެ އަލިގަދަކަމުގެ ނިސްބަތް 30% އިތުރުވާނެއެވެ. އަދި ހަނދު ފެންނާން ހުންނަ މިން ވެސް އާދައިގައި ހުންނަ މިނަށް ވުރެ 14% ބޮޑުވާނެއެވެ.
ހަނދު އެންމެ ފުރިހަމަވާ ވަގުތު ހަނދާއި ބިމާ ދެމެދު 357000 ކިލޯމީޓަރު ހުންނާނެއެވެ. ހަނދު އެންމެ ފުރިހަމަ ވެގެންދާނީ ރާއްޖެ ގަޑިން ހަވީރު 4:33 ގައެވެ. އެހެންކަމުން މިއީ ހަނދު ބަލާން އެންމެ ރަނގަޅު ވަގުތުކަމަށް ފަލަކީން ހާމަ ކުރެއެވެ. އެހެންނަމަވެސް ހަމަލޮލަށް ހަނދު ފެންނާނީ ކޮންމެ ގައުމަކަށް ވެސް ހަނދު އެރުމުންނެވެ.
އާންމު އެހެން ދުވަސްތަކުގެ ހަނދެކޭ އެއްފަދައިން "ސުޕަރމޫން" ވެސް އެންމެ ބޮޑުކޮށް ފެންނާނީ ހަނދު އަރާ ވަގުތާއި ހަނދު އޮއްސޭ ވަގުތުއެވެ. ރާއްޖެއަށް މިއަދު ހަނދުއަރާނީ 6:19 ގައެވެ. ހަނދު އޮއްސޭނީ މިރޭ ފަތިހު 5:33 ގައެވެ. ހާއްސަކޮށް މިރޭ ފަތިހު 4:00 އާއި 5:00 އާ ދެމެދު ފުރިހަމަ ހަނދު ވަރަށް ރީއްޗަށް ފެންނާން ހުންނާނެއެވެ. ބިމާ އެންމެ ކައިރިއަށް ހަނދު އަންނާނީ ރާއްޖެ ގަޑިން ހަވީރު 4:00 ގައެވެ. އެ ވަގުތު ހަނދާއި ބިމާ ދޭތެރޭ ހުންނާނީ 356991 ކިލޯމީޓަރެވެ.
ދެން "ސުޕަރމޫން" އެއް އެންމެ އަވަހަށް ފެންނާނީ މި އަންނަ އަހަރުގެ އޯގަސްޓް މަހުގެ 10 ވަނަ ދުވަހުއެވެ.