23 Jun 2013, 14:35
މޯލްޑިވްސް ވިލާ ކޮލެޖާއި މޯލްޑިވްސް ލޯ އިންސިޓިއުޓް ގުޅިގެން އައްޑޫ ސިޓީގެ ހުޅުމީދޫގައި ވިލާ ކޮލެޖްގެ ކެމްޕަހެއް މިއަދު ހުޅުވައިފި އެވެ.
އައްޑޫ ސިޓީގެ ހުޅުދޫ މީދޫގައި ހުންނަ އެސްޓީއޯގެ އިމާރާތެއްގައި ހުޅުވި މި ކެމްޕަހަކީ ގާނޫނީ ދާއިރާ އިން މަތީ ތައުލީމް ހާސިލް ކުރަން ބޭނުންވާ ދަރިވަރުންނަށް އަމާޒުކޮށްގެން ހުޅުވި ކެމްޕަހެކެވެ.
ކެމްޕަސްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މި އަހަރުގެ ދެ ޕްރޮގްރާމެއް ކެމްޕަސްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި އެގޮތުން ސެޓްފިކެޓް ލެވެލް 3 ކްރިމިނަލް އިންވެސްޓިގޭޝަންގެ ކޯހަކާއި ފައުންޑޭޝަން ކޯހެއް ހިނގުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ކެމްޕަހުގައި މިއަހަރު ކިޔެވުން ކުރިއަށް ގެންދާނީ އެސްޓީއޯގެ އިމާރާތުގެ ދެވަނަ ފަންގިފިލާގައި އެކަނި ކަމަށާއި އަންނަ އަހަރުގެ ޑިގްރީ ކޯސްތައް ފެށުމުން ތިން ވަނަ ފަންގިފިލާގައި ވެސް ކިޔަވައިދޭން ފަށާނެ ކަމަށް ވެސް އޮފިޝަލަކު ވިދާޅުވި އެވެ.
މި އަހަރު ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރެއިން ސެޓްފިކެޓް ލެވެލްގެ ކޯހުގައި 16 ކުދިން އަދި ފައުންޑޭޝަންގެ ކޯހުގައި 14 ކުދިން ބައިވެރިވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.