ދ. ހުޅުދެއްޔަށް ވަރަށް ބޮޑަށް އުދައަރަމުން އެބަދާ ކަމަށް އެ ރަށު ކައުންސިލް އިދާރާ އިން ބުނެފި އެވެ.

ހުޅުދެލީ ކައުންސިލްގެ ޒިންމާދާރު އިސްވެރިޔާ މުހައްމަދު އަބުދުލްބާރީ މިއަދު "ސަން" އަށް ވިދާޅުވީ މިއަދު 1:15 އިން ފެށިގެން އެ ރަށަށް ވަރަށް ބޮޑަށް އުދައަރަމުންދާ ކަމަށާއި އެގޮތުން އެ ރަށުގެ ބަނދަރު ހުޅަނގުފަރާތުން 150 ފޫޓަށް ވުރެ ބޮޑަށް އުދައަރަމުންދާ އިރު އެ ރަށުގެ އިރުމަތީކޮޅުން 60 ފޫޓަށް އުދައަރަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ އުދައެރުމުގެ ސަބަބުން އެއްވެސް މީހަކަށް އަދި އެއްވެސް ގެއަކަށް ގެއްލުމެއް ނުވާ ކަމަށެވެ.

"ގޭގެއަށް ލޮނު ނުވަދެ ހުރީ ހަމަކިރިޔާ، ގޭގޭގައި ރާނާފައި ހުރި ފާރުގެ ސަބަބުން ގޭގޭތެރެއަށް ލޮނު ނުވަދެހުރީ މިހާރު އެހެރީ، ނަމަވެސް މަގުތަކުގައި ވަނީ ފެން ބޮޑުވެފައި،" އަބުދުލްބާރީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއަދު އެ ރަށަށް މޫސުން ރަނގަޅު ކަމަށެވެ. އަދި މިދުވަސްކޮޅުގައި ދޭތެރެ ދޭތެރެއިން އުދައަރަމުންދާ ކަމަށާއި ނަމަވެސް މިއަދު އުދައަރަނީ އެހެން ދުވަސްތަކާއި ތަފާތުކޮށް މާބޮޑަށް ކަމަށް އަބުދުލްބާރީ ވިދާޅުވި އެވެ.

މެޓް އޮފީހުގެ ޑެޕިއުޓީ ޑައިރެކްޓާ ޖެނެރަލް އަލީ ޝަރީފް މިއަދު "ސަން" އަށް ވިދާޅުވީ އަތޮޅުތެރޭ ބައެއް ރަށްރަށަށް މިހާރު އުދައަރަމުން ދަނީ ހުޅަގު މޫސުމުގެ މޫސުން ގޯސްވުމާ ގުޅިގެން ކަމަށެވެ. އަދި މިދުވަސްކޮޅު ބައެއް ރަށްރަށަށް އުދައެރުން އެކަށީގެންވާ ކަމަށާއި ހާއްސަކޮށް މާލެ އަތޮޅުގައި ދިޔަވަރު ބޮޑު ކަމަށް ވިދާޅުވި އެވެ.