މިއަހަރުގެ ސެޕްޓެމްބަރު 1 ން 11 އަށް ނޭޕާލްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސާކް ސަރަހައްދުގެ ގައުމުތައް ބައިވެރިވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕް ފަސް ކޮށްދިނުމަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން އެދިއްޖެ އެވެ.

މިއަދު އެފްއޭއެމްއަށާއި، ކުޅިވަރާ ބެހޭ ވަޒީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) އަދި އޭއެފްސީގެ އެކްސްކޯގައި ރާއްޖެ ތައްސީލްކުރާ މެންބަރު އަލީ އާޒިމަށް ނިއުއިން ފޮނުވާފައިވާ ސިޓީ ތަކުގައި އެދިފައި ވަނީ، ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕް އަންނަ ޑިސެމްބަރު މަހަށް ފަސްކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން މަސައްކަތް ކޮށްދިނުމަށެވެ.

ނިއުގެ ޑައިރެކްޓާ އޮފް ފުޓްބޯލް އަންވަރު އަލީ ވިދާޅުވީ ކްލަބުން އެގޮތަށް އެދުނީ މިހާރު އޮތް ގޮތުން ސާފް ޗެމްޕިއަންޝިޕް ނިންމާލާފައި އޭއެފްސީ ކަޕަށް ތައްޔާރުވުމަށް ނިއުއަށް ލިބޭނީ މަދު ދުވަސްކޮޅަކަށް ވުމުން ކުލަބަށާއި އަދި ގައުމަށްވެސް އެކަމުން ވަރަށްބޮޑު ގެއްލުމެއް ލިބޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ޓީމުގައި އެބަތިބި ގައުމީ ޓީމްގެ 50 އިންސައްތަ ކުޅުންތެރިން. އަދި އެ ކުޅުންތެރިން މި ޖެހެނީ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލު ކުރަންވެސް އަދި ހަމަ އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން އޭއެފްސީ ކަޕްގައި ނިއު ތަމްސީލު ކުރަން ވެސް. އަޅުގަނޑުމެން ބޭނުންވޭ ސާފް ޗެމްޕިއަންގައި ވެސް އަދި އޭއެފްސީ ކަޕްގައި ވެސް ރާއްޖެއަށް ރީތި ނަން ހޯދައިދޭން،" އަންވަރު ވިދާޅުވި އެވެ.

އޭއެފްސީ ކަޕްގެ ކުއާޓާ ފައިނަލްގައި އަންނަ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު އެ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ކުވޭތު ސްޕޯޓްސްއާ ވާދަކުރުމަށް ތައްޔާރުވަމުން އަންނަ ނިއުއިން މިއަދު ތިން ފަރާތަކަށް ފޮނުވި ސިޓީގައި ފާހަގަ ކޮށްފައިވާ ގޮތުގައި ދެ މުބާރާތުގައި ވެސް އެއް ކުޅުންތެރިންތަކެއް، ނިއުއާއި އަދި ރާއްޖޭގެ ގައުމީ ޓީމު ތަމްސީލުކުރަން ތިބިއިރު އެ ދެ މުބާރާތުން ވެސް ލިބޭ ކާމިޔާބަކީ ސީދާ ރާއްޖޭގެ ނަމާއި ގުޅިފައިވާ ކާމިޔާބުކަން ފާހަގަ ކޮށްފައިވެ އެވެ.

"ނިއުރޭޑިއަންޓް އޭއެފްސީ ކަޕްގައި ވާދަ މިކުރަނީ އަށް އަހަރުގެ މެދު ކެނޑުމަކަށްފަހުގަ އެވެ. އަދި މުބާރާތުގައި ވާދަކުރި 17 ގައުމެއްގެ 34 ޓީމުގެ ތެރެއިން ނިއުރޭޑިއަންޓް މިހާރުވަނީ މުބާރާތުގެ އެންމެ މޮޅު 8 ޓީމުގެ ތެރޭގައި ހިމެނިފަ އެވެ." ނިއުގެ ސިޓީގައިވެ އެވެ. "ސާފް ޗެމްޕިއަންޝިޕް މިހާރު ތާވަލް ކޮށްފައިވާ ގޮތުން އޭއެފްސީ ކަޕަށް ތައްޔާރުވުމަށް މި ކްލަބަށް މައްސަލަތަކެއް ދިމާވެ އެވެ. ގައުމީ ޓީމް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ވަގުތު ބޭނުންވާ ފަދައިން އޭއެފްސީ ކަޕަށް ތައްޔާރުވުމަށް ނިއުރޭޑިއަންޓް އަށްވެސް ވަގުތު ބޭނުން ވާނެ އެވެ."

ސާފްޗެމްޕިއަންޝިޕަށް ގައުމީ ޓީމް ތައްޔާރު ކުރުމުގެ ގޮތުން އެފްއޭއެމްއިން މިހާރު ނިންމާފައި ވަނީ ދިރާގު ދިވެހި ލީގުގެ ތިންވަނަ ބުރުގެ މެޗުތަކާއި އަދި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލް މެޗުތައް ކުޅެ ނިމުމުން އަންނަ އޯގަސްޓް މަހުގެ 6 ވަނަ ދުވަހުން ފެށިގެން ފުޓްބޯޅަ ސީޒަން މެދު ކަނޑާލުމަށެވެ.