ކ. ކުޑަވިލިނގިލި ތަރައްގީ ކުރަން ސަރުކާރާއި ޔޮޓް ޓުއާސް މޯލްޑިވްސް ގުޅިގެން އުފައްދާފައިވާ ޖޮއިންޓްވެންޗާ ކުންފުނީގައި އޮތް ޔޮޓް ޓުއާސްގެ ހިއްސާ ބޭރުގެ އިންވެސްޓަރަކަށް ވިއްކާލަން ހުށަހެޅުމުން ޓޫރިޒަމް މިނިސްޓްރީން ހުއްދަ ދީފި އެވެ.

ސަރުކާރުގެ ފަސް ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ކުޑަވިލިނގިލި އިންވެސްޓްމަންޓް އުފެއްދީ 2010 ވަނަ އަހަރުގެ ފަހުކޮޅު އެވެ. އެ ކުންފުނި އުފެއްދީ ކ. ބިޔާދު އަށް ބިޑްކުރުމުގެ ޔޮޓް ޓުއާސް އަށް ގެއްލިފައި ވާތީ އެކަމުގެ ބަދަލު ދައުލަތުން ދިނުމަށް ސުޕްރީމް ކޯޓުން ފެބްރުއަރީ 25 ،2010ގައި ކުރި ހުކުމަކާ ގުޅިގެންނެވެ.

އެ މިނިސްޓްރީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ކުޑަވިލިނގިލި އިންވެސްޓްމަންޓްގައި އޮންނަ ޔޮޓް ޓުއާސްގެ 95 ޕަސެންޓް ހިއްސާ ވިއްކާލަން ހުއްދައަށް އެދި އެ ކުންފުނިން ހުށަހެޅުމުން މިދިޔަ ހަފުތާގެ ތެރޭގައި އެ ހުއްދަދީފައިވާ ކަމަށެވެ.

"ސަރުކާރުން އެ އެއްބަސްވުން ހެދި އިރު އޮތީ އެ ކުންފުނީގެ ހިއްސާ ބޭނުންއިރަކު ވިއްކާލެވޭ ގޮތަށް. އެކަން ހުއްޓުވުމަށް ކުރެވޭނެ ކަމެއް ނޯވޭ." އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްުދުﷲ ޖާބިރުގެ ހިއްސާ އޮންނަ ކުންފުންޏަށް 36 މަސް ދުވަހުގެ ތެރޭގައި ކުޑަވިލިނގިލި ތަރައްގީކުރަން ހުއްދަ ދިނުމުން އެ ރަށުގެ އެންވަރަންމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހަދައި ހުށަހެޅުމުން 2010 ވަނަ އަހަރު ހުއްދަ ދީފައިވާ ކަމަށެވެ. ނަމަވެސް އެ ރަށުގެ ޑީޓެއިލް ޑްރޯވިން ހުށަހަޅާފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ކުޑަވިލިނގިލި އިންވެސްޓްމަންޓްގެ ހިއްސާ އެހެން ފަރާތަކަށް ބަދަލުކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެ ހިއްސާ ބަދަލުކުރުމުގެ ކުރިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުމެއް ހޯދަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފިނޭންސް މިނިސްޓްރީން އޭޕްރިލް 27، 2012ގައި ނެރުނު ސާކިއުލާއެއްގައި އޮވޭ ކުންފުނިތަކުގެ ހިއްސާ ބަދަލުކުރުމުގެ ކުރިން މީރާގެ ނޯ އޮބްޖެކްޝަން ލެޓާއެއް ހޯދަން ޖެހޭނެ ކަމަށް. އެ ކުންފުނީގެ ހިއްސާ ބަދަލުކޮށްދެވޭނީ މީރާ އިން ދޭ ޖަވާބެއްގެ މައްޗަށް ބިނާކޮށް،" އެ އޮފިޝަލް ވިދާޅުވި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ކުޑަވިލިނގިލީގެ 95 ޕަސެންޓް ހިއްސާ ވިއްކާލަން ނިންމާފައި ވަނީ 17 މިލިއަން ޑޮލަރަށް އިންޑިއާގެ ކުންފުންޏަކަށެވެ.

ޖާބިރުގެ ހިއްސާ އޮންނަ ޔޮޓް ޓުއާސް މޯލްޑިވްސް އިން ހިންގާ އދ. ކުޑަރަށް ރިސޯޓާއި ހއ. އަލިދޫ ރިސޯޓުން ދައުލަތަށް ދައްކަން ޖެހޭ ހަތް މިލިއަނަށް ވުރެ ގިނަ ޑޮލަރު ނުދައްކައިގެން އެ ދެ ރިސޯޓް ސަރުކާރަށް ނެގުމަށް ސަރުކާރުން ކުރި މަސައްކަތް ސިވިލް ކޯޓުގެ ވަގުތީ އަމުރަކުން ވަނީ ހުއްޓުވައިފަ އެވެ.