ވިލުރީފު ރިސޯޓްގައި ޓޫރިސްޓް ދެމަފިރިއަކު ކުރި ރަމްޒީ ކައިވެނީގައި ބޭއަދަބީ ބަހުން މުހާތަބްކޮށްފައިވާ މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވާ ދެ މީހުން ބަންދުގައި ބޭތިއްބުމުގެ މުއްދަތު 15 ދުވަހަށް ކްރިމިނަލް ކޯޓުން އިތުރު ކޮށްދީފި އެވެ.


ކްރިމިނަލް ކޯޓުގެ އިސް އޮފިޝަލަކު މިރޭ ވިދާޅުވީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ސ. ހިތަދޫ ބޯށިވަލުގޭ، އުމުރުން 30 އަހަރުގެ ހުސައިން ދީދީ އާއި ސ. ހުޅުދޫ ކަންމަތީގޭ، އުމުރުން 39 އަހަރުގެ އަލީ ޝަރީފްގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން މިރޭ އިތުރު ކޮށްދީފައިވާ ކަމަށެވެ.


އެ މައްސަލާގައި އެ ދެ މީހުންގެ މައްޗަށް ތުހުމަތު ކޮށްފައި ވަނީ ކައިވެނިކޮށްދިނުމުގެ ރަމްޒީ އިހުތިފާލެއް ރާވައި ހިންގުމުގައި އިސްކޮށް ތިބެ އިތުރު ބަޔަކާއި ބައިވެރިވެގެން ދެ ޓޫރިސްޓުންގެ އަބުރާއި އިއްޒަތް ގެއްލޭ ގޮތަށް ދިވެހި ބަހުން ހަޑި ހުތުރު ބަސްތައް ބޭނުންކޮށް އިސްލާމް ދީނަށް ފުރައްސާރަކޮށް ރަމްޒީ ކައިވެނީގެ ހަފުލާ ކުރިއަށް ގެންދިޔަ ގޮތުގެ މަންޒަރުތަކާއި އަޑު ރެކޯޑުކޮށް އިންޓަނެޓުގައި އާއްމުކޮށް ޝާއިއުކޮށް ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތުގަ އެވެ.


އެ ދެމަފިރިންގެ ރަމްޒީ ކައިވެނީގައި ބޭއަދަބީ ބަހުން މުހާތަބްކޮށްފައިވާ މައްސަލަ ބައިނަލް އަގުވާމީ މުޖުތަމައުގެ ސަމާލުކަމަށް އައުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވެސް ވަނީ އެދެމަފިރިންގެ ކިބައިން މައާފަށް އެދިވަޑައިގެންފަ އެވެ. އަދި އެހާދިސާއާ ގުޅިގެން ވިލުރީފު ރިސޯޓްގެ މެނޭޖްމަންޓުން ވެސް ވަނީ އެދެމަފިރިންގެ ކިބައިންނާއި ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކާއި ދިވެހި ސަރުކާރާއި ރައްޔިތުންގެ ކިބައިން މައާފަށް އެދިފަ އެވެ. އަދި އެކަމުގައި ބައިވެރިވި އެރިސޯޓްގެ މުވައްޒަފުންގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް އެދި ފުލުހުންނަށް ހުށަހަޅައިފަ އެވެ.