ތިމަރަފުށީ އެއާޕޯޓްގެ މަސައްކަތް އަވަސްކޮށް މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ކުރީގެ ރައީސް އަދި އެެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

އެމްޑީޕީން ރޭ ތ. މަޑިފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެ އަތޮޅުގެ ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކޮށް އެ އަތޮޅަށް ޓޫރިސްޓުންނަށް ދެވޭނެ ރަނގަޅު ނިޒާމެއް ގާއިމްކޮށް ގެސްޓްހައުސްގެ ވިޔަފާރި އަށް މަގުފަހިކުރުމަށް ޓަކައި ތިމަރަފުށީ އެއާޕޯޓްގެ މަސައްކަތް އަވަހަށް ނިމެން ޖެހޭ ކަމަށެވެ. އެގޮތުން މިހާރު ތިމަރަފުށީ އެއާޕޯޓްގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބަށް ބަލާ އިރު ކުރިއަށް މަސް ދުވަސްތެރޭގައި އެ މަސައްކަތް ނިންމެން ޖެހޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"ހަގީގަތުގައި ގެސްޓް ހައުސްގެ ވިޔަފާރިއަށް ފަހިކުރުމަށް ޓަކައި. ބޭނުން ވަނީ މަތިންދާ ބޯޓު ޖެއްސޭނޭ ގޮތެއް ކޮޅުމަޑުލުގައި ވެސް އޮތުން. އެގޮތް އިރާދަކުރެއްވިއްޔާ މިދަނީ ފުރިހަމަވަމުން. އަޅުގަނޑު ތިމަރަފުށިން ބަލައިލި އިރުގައި ރަނގަޅަށް މަސައްކަތްކޮށްފި ނަމަ، ކުރިއަށް މިއޮތް މަހެއްހައި ދުވަހުގެ ތެރޭގައި ތިމަރަފުށީ އެއާޕޯޓް ހުޅުވޭނެ. އަދި އަޅުގަނޑު އުއްމީދު ކުރަނީ އެ އެއާޕޯޓް ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ހުޅުވަމަށް،" ނަޝީދު ވިދާޅުވި އެވެ.

ތިމަރަފުށީ އެއާޕޯޓް އަޅާ ބިން ހިއްކުމުގެ މަސައްކަތް ފެއްޓެވީ ނަޝީދު ވެރިއަކަށް ހުންނަވަނިކޮށެވެ. ނަމަވެސް އެއާޕޯޓް އެޅުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑާ މިދިޔަ އަހަރު ހަވާލު ކުރެއްވީ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުންނެވެ.

ކުރީގެ ރައީސް ނަޝީދު ރޭ ވިދާޅުވީ އެމްޑީޕީ ސަރުކާރުގެ ދެ އަހަރުގެ ތެރޭގައި ކޮޅުމަޑުލަށް ގެސްޓހައުސްގެ ވިޔަފާރި ތަޢާރަފްކޮށް ދެ އަހަރު ތެރޭގައި 2000 ޓުއަރިސްޓު އެނދު އެ އަތޮޅުގައި ތަރައްގީ ކުރައްވާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީގެ އަމާޒަކީ ކޮޅުމަޑުލުގައި ދަތުރުފަތުރު ކުރެވޭނެ އެކަށީގެންވާ ނިޒާމެއް ގާއިމް ކުރުންކަމަށެވެ. އެގޮތުން އެމްޑީޕީ ސަރުކާރުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ކޮޅުމަޑުލުގެ ހުރިހާ ރަށެއްގައި ފެރީޓާމިނަލް ގާއިމްކޮށް ދުވަހުން ދުވަހަށް ގަޑިންގަޑިއަށް އެ އަތޮޅުގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ ފެރީގެ ނިޒާމެއް ގާއިމް ކުރާނެ ކަމަށެވެ.

"އަޅުގަނޑުގެ ބޭނުމަކީ މި އަތޮޅުގެ ހުރިހާ ރަށްތަކަކަށް ކޮންމެ ދުވަހަކު ވެސް އައިސް ގޮސް އެންމެ މަދުމިނުން އެއްފަހަރު އައިސް ގޮސް ހެދޭނޭ ގޮތަށް ދަތުރު ފަތުރުގެ ނިޒާމް ތަރައްގީކުރުން. ތިޔަ ބޭފުޅުންނަށް ކުރިއަށް އޮތް ތަނުގައި އެންމެ ބޮޑަށް ފާހަގަވާ އެއް ބިނާގެ ގޮތުގައި މީން ކޮންމެ ރަށެއްގައި ފެނިގެން ދާނީ ފެރީ ޓަމިނަލްއެއް. އެ ފެރީ ޓަމިނަލް ވަށައިގެން ވިޔަފާރި އުފެދޭނެ. ފެރީ ޓާމިނަލްއާ ގުޅިގެން މާރުކޭޓް އުފެދޭނެ، ގެސްޓް ހައުސް އުފެދޭނެ އަދި ދަތުރު ފަތުރު ކުރުމުގެ ނިޒާމް ހަރުދަނާ ވެގެންދާނެ." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު 2009 ވަނަ އަހަރު ވެސް ވަނީ އެ އަތޮޅުގެ އެއްފަޅުން ގުޅިފައިވާ ރަށްތަކެއްގެ ދޭތެރޭގައި ދިގު ފާލަމެއް އަޅުއްވާނެ ކަމުގެ ވައުދުވެވަޑައިގެންފަ އެވެ. އެގޮތުން ތިމަރަފުއްޓާއި ގުރައިދުއާ ދޭތެރޭގައި ހައިވޭ، ފާލަމެއް އަޅުއްވައި ދެއްވައި ވޭމަންޑު އާއި ހިރިލަންދު އާ ދޭތެރޭގައި ފާލަމެއް އަޅުއްވައި ވިލުފުއްޓާއި ދިޔަމިގިއްޔާ ދޭތެރޭގައި ވެސް ހައިވޭ ފާލަމެއް އަޅުއްވާނެ ކަމަށެވެ.