23 Jun 2013, 13:32
ދެހާސް ދިހަ ވަނަ އަހަރުގެ ތެރޭގައި 14 އަހަރުގެ އަންހެން ކުއްޖަކު ގަދަކަމުން ވިލިމާލޭ އެންޓަނާ ސަރަހައްދަށް ގެންގޮސް ރޭޕް ކުރި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކުރި ހަ މީހުންގެ މައްޗަށް ކުށް ސާވިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ރޭޕްކުރުމުގެ ކުށް ސާބިތުނުވާކަމަށް ހުކުމް ކޮށްފައި ވަނީ އދ. ދިގުރަށް ފިނިހިޔާގޭ އާޒިމް އަލީ އާއި މ. އެތުމާ އަލީ އަޝްރަފް އާއި ގދ. ވާދޫ ޗިޗަންޑާގޭ އިނާޝް އަބްދުﷲ އާއި މާލޭ މުނިސިޕަލްޓީގެ ދަފްތަރު 6471 ހޫދު މުހައްމަދު ޒާހިރު އާއި ޏ. ފުވައްމުލައް ޒާވިޔާ އަބްދުﷲ ނަޒީފް އާއި ވ. ފަޒީލާމަންޒިލް މުހައްމަދު ޝިފާއުގެ މައްޗަށެވެ.
އެ ހަ މީހުންގެ ތެރެއިން ޝިފާއު އާއި ނަޒީފް އަކީ 2011 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ވިލިމާލޭ ޕާކް ސަރަހައްދުގައި ނ. މާޅެންދޫ ވައިޓްހައުސް އަހްމަދު މިރުޒާ ހުއްޓައި ލަކުޑިބުރިއަކުން ހަމަލާދީ އޭނާ މަރާލިކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައިވާ ދެ މީހުންނެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ 2010 ވަނަ އަހަރުގެ ޖޫންމަހުގެ ފަސް ވަނަ ދުވަހުގެ ވަގުތެއްގައި 14 އަހަރުގެ އަންހެންކުއްޖަކު ގަދަކަމުން ވިލިމާލޭ އެންޓަނާ ސަރަހައްދަށް ގެންގޮސް އެ ހަ މީހުން އެ އަންހެންކުއްޖާ ރޭޕްކުރި ކަމުގެ ތުހުމަތުގައި ދައުލަތުން ކުރި ދައުވާގެ އަސްލަށް އެ ހަ މީހުން ވެސް އިންކާރުކޮށްފައިވާ ކަމަށެވެ.
އެ މީހުންގެ މައްޗަށް ދައުލަތުން ކުރި ދައުވާ އަކީ އެކަކަށްވުރެ ގިނަ މީހުން ބައިވެރިވެގެން ކުޑަކުއްޖަކާ ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ ކޮށްފައި ވަނީ ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުންނެވެ.
ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކީގެ ނިސްބަތަށް ބަލާއިރު ގާނޫނުގައި ބުނާ މިންވަރަށް ދައުލަތުން ހެކި ހުށަހަޅާފައި ނުވާތީ ދައުވާގައި ބުނެފައިވާ ފަދަ އަމަލެއް އެ މީހުން ކުރިކަން ޝަރީއަތަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.