23 Jun 2013, 11:09
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން އައްޑޫގައި ހިންގާ ހެރެތެރެ އައިލެންޑް ރިސޯޓުގެ ވެރިފަރާތް ބަދަލުކުރަން ޓޫރިޒަމް މިނިސްޓްރީ އަށް ހުށަހަޅައިފި އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ޓޫރިޒަމް ކުންފުނީގެ އެންމެ އަގު ބޮޑު އެސެޓް ވިއްކާލަނީ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސެއިން އަފީފްގެ ހިއްސާ އޮންނަ ޓްރީ ޓޮޕް އިންވެސްޓްމަންޓަށެވެ. އެ ރިސޯޓު އަފީފްގެ ކުންފުންޏަށް ވިއްކާލަނީ 30 މިލިއަން ޑޮލަރަށެވެ.
އެ މިނިސްޓްރީން ބުރާސްފަތި ދުވަހު ނެރުނު އިއުލާނުގަައި ވަނީ ހެރަތެރޭގައި ޓޫރިސްޓު ރިޒޯޓެއް ތަރައްގީކޮށް ހިންގުމަށް ކުއްޔަށް ހިފާފައިވާ ފަރާތުން، އެ ރަށް ކުއްޔަށް ދިނުމަށް ކޮށްފައިވާ އެގްރީމަންޓްގެ ދަށުން ލިބިފައިވާ އެންމެހާ ހައްގުތައް އެހެން ފަރާތަކަށް ބަދަލު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފައި ވާތީ، އެރަށާ ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްފަރާތެއްވާ ނަމަ، އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ކުރިން އެ މިނިސްޓްރީއަށް ލިޔުމަކުން އެންގުމަށެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ އޮތް އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި މެނޭޖިން ޑިރެކްޓަރު މުހައްމަދު މަތީން ވިދާޅުވީ ހެރެތެރެ ހިންގައިގެން ވޭތުވެ ދިޔަ އަހަރު ކުންފުންޏަށް ގާތްގަނޑަކަށް 17 މިލިއަން ޑޮލަރު ގެއްލުންވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެވަރު ގެއްލުމެއް ލިބެމުން އަންނަ ތަނަކަށްވާތީ އެތަން ވިއްކާލަން ވަރަށް މަސައްކަތްކުރެވުނު. އެގޮތުން ވިއްކާލަން އެތައް ފަހަރަކު މަސައްކަތްކުރެވުނު. އެގޮތުން ހުށަހެޅީ ހެރެތެރެ 30 މިލިއަން ޑޮލަރަށް ގަނެގެން ހިންގަން އެއް ފަރާތެއް. އަދި ސިންގަޕޫރުގެ ކުންފުންޏަކުން ހުށަހެޅި 17 މިލިއަން ޑޮލަރަށް ގަންނަން. އަދި ޗައިނާގެ ޓުއަ އޮޕަރޭޓަރަކު ހުށަހެޅި ދެ މިލިއަން ޑޮލަރު ދިނުމަށް ފަހު ސަބްލީސްކޮށްގެން ހިންގަން ވެސް. ނަމަވެސް އޭގެ ތެރެއިން އެންމެ ރަނގަޅު ހުށަހެޅުމަކީ 30 މިލިއަން ޑޮލަރަށް ގަންނަކަމަށްވާތީ ބޯޑު ނިންމީ އެ ފަރާތަށް ވިއްކާލަން،" މަތީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހެރެތެރެ ހިންގައިގެން މިދިޔަ ދެ އަހަރު އެ ކުންފުންޏަށް 17 މިލިއަން ޑޮލަރު ގެއްލުމެއް ލިބުނު ކަމަށެވެ. އަދި ހެރެތެރެ ތަރައްގީކުރަން ބީއެމްއެލް އިން ނެގި ލޯނަށް ދައްކަން ޖެހޭ 17 މިލިއަން ޑޮލަރު އެބައޮތް ކަމަށް ވެސް މަތީން ވިދާޅުވި އެވެ.