23 Jun 2013, 11:01
ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެސްޓީއޯ އިން މި އަހަރުގެ ރޯދަ މަހަށް ހާއްސަކޮށްގެން ގެނައި ފިޔާ އަލުވި ބިސް މިއަދު ވިއްކަން ފަށާނެ ކަމަށް އެކުންފުނިން ބުނެފި އެވެ.
އެސްޓީއޯގެ ޖެނެރަލް މެނޭޖަރު ސޭލްސް އެންޑް މާކެޓިން އާދަމް އާޒިމް މިއަދު "ސަން" އަށް ވިދާޅުވީ އެކުންފުނިން ރޯދަޔަށް ހާއްސަކޮށްގެން ގެނައި ބާވަތްތައް ބާޒާރުގައި އެތަކެތި މިހާރުލިބެން ހުރި އަގަށް ވުރެ ހެޔޮއަގުގައި އެސްޓީއޯގެ ކާބޯތަކެތި ވިއްކާ ހުރިހާ ފިހާރައަކުން ވެސް މިއަދު މެނދުރުން ފެށިގެން ގަންނަން ލިބޭނެ ކަމަށެވެ.
ރޯދަޔަށް ހާއްސަކޮށްގެން އެސްޓީއޯ އިން ފިޔާ ބަސްތާއެއް 230 ވިއްކާ އިރު މިހާރު މާލޭ ބާޒާރުގައި ފިޔާ ބަސްތާއެއްގެ އަގު ހުރީ 290ރ. އިން މަތީ އަގުތަކެއްގަ އެވެ. އަދި އެސްޓީއޯ އިން އަލުވި ބަސްތާއެއް 190ރ. އަށް ވިއްކާ އިރު ބާޒާރުގައި އަލުވި ބަސްތާއެއް ލިބެން ހުރީ 270ރ. ގައެވެ. އަދި އެސްޓީއޯ އިން ބިސް ކޭހެއް 280ރ. އަށް ވިއްކާ އިރު ބާޒާރުގައި ބިސްކޭހެއްގެ އަގު އުޅެނީ 340ރ. ގަ އެވެ. އަދި އެސްޓީއޯ އިން ދަނީ ހެޔޮ އަގުގައި އެބާވަތްތަކުން ވަކި ކިލޯ ވެސް ވިއްކަމުންނެވެ. ނަމަވެސް ވަކި ކިލޯތަކުގެ އަގުތައް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
އާޒިމް ވިދާޅުވީ ރޯދަޔަށް ހާއްސަކޮށްގެން ދަޅުކާނާގެ ބާވަތްތަކާއި ކުކިން އޮއިލް އާއި ކަނޑުމަހުގެ ބާވަތްތައް ވެސް އެސްޓީއޯގެ ފިހާރަތަކުން ރޯދަޔާއި ދިމާކޮށް ހެޔޮ އަގުގައި ލިބެން ހުންނާނެ ކަމަށެވެ.
ކޮންމެ އަހަރެއްގެ ރޯދަމަހު ގިނަ ބާޒާރުގައި ބައެއް ބާވަތްތަކުގެ އަގު ބޮޑުވެ އެވެ. އެއާ އެކު ތަކެތީގެ އަގު އެއްވަރެއްގައި ހިފަހައްޓަން އެސްޓީއޯ އިން އާންމު ކާބޯތަކެތީގެ ބައެއް ބާވަތްތައް ރާއްޖެ ގެނެސް އަގު ވަކި ވަރެއްގައި ހިފަހަޓަން މަސައްކަތް ކުރެ އެވެ.