އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަގާމުން ދުރުކޮށްފައިވާ ސިވިލްސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ފަހުމީ ހަސަން އޮފީހަށް ނުކުންނަވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އަންގަވާފައިނުވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފަހުމީ މަގާމުން ވަކިކުރުމަށް ފާސްކުރިކަން ރައްޔިތުންގެ މަޖިލީހުން ރައީސް އަށް އެންގެވުމާ ގުޅިގެން ސިވިލްސާވިސް ކޮމިޝަންގެ ގާނޫނުގައި ބުނެފައިވާ ގޮތުގެމަތިން އޭނާ ވަޒީފާ އިން ވަކިކުރައްވާފައިވާކަން ރައީސް ވަހީދު އަންގަވާފައިވާ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ އެކަން ހިނގާފައި ވަނިކޮށް ސުޕްރީމް ކޯޓުން ކުރި ހުކުމަކުން ފަހުމީ ވަޒީފާ އިން ވަކިކުރިކުރުން ބާތިލުކުރައްވާފައިވާ ކަމަށާއި އެހެންކަމުން ވަޒީފާ އިން ވަކިކުރައްވާފައިވާކަން އަންގަވައި ރައީސް ފޮނުއްވި ސިޓީ ބާތިލުކުރައްވައި އޭނާ އަށް އަންގަވާއިވާ ކަމަށެވެ. ނަމަވެސް ވަޒީފާ އަށް ނުކުންނަވާކަށް ރައީސް އަންގަވާފައި ނުވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

ކުރީގެ ބަންޑާރަ ނާއިބް އާއިޝަތު އާޒިމާ ޝަކޫރު އާއި މިހާރުގެ ބަންޑާރަ ނާއިބް އާއިޝަތު ބިސާމް ވެސް ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގެ ހުކުމަށް ބަލާ އިރު ފަހުމީއަށް ވަޒީފާއަށް ނުނިކުންނެވޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހާ ދެކޮޅަށް ފަހުމީ ހުށަހެޅުއްވި ދުސްތޫރީ މައްސަލަ ބެލުމަށް ފަހު ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ފަހުމީ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުމަކީ ގާނޫނު އަސާސީ އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށްވާތީ އެނިންމުމަކީ ބާތިލު ނިންމުމެއް ކަމަށެވެ.

ފަހުމީ އޮފީހަށް ނުކުންނަވާތީ ސިވިލްސާވިސް ކޮމިޝަންގެ މެންބަރުންނާއި ސަރުކާރުގެ އިސް ފަރާތްތަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީ އަށް މާދަމާ 2:00 އަށް ހާޒިރުކުރުމަށް ވަނީ ނިންމާފަ އެވެ.