ފީފާ ކޮންފެޑެރޭޝަންސް ކަޕްގައި ރޭ މެންޗެސްޓާ ޔުނައިޓެޑްގެ ފޯވަޑް ހާވިއާ ހެނާންޑޭޒް (ޗިޗަރިޓޯ) މެކްސިކޯއަށް ކާމިޔާބުކޮށްދިން ދެ ލަނޑުން، ޖަޕާނުގެ މައްޗަށް 2-1 އިން ކުރި ހޯދައިގެން މެކްސިކޯ އެ މުބާރާތް މޮޅަކުން ނިންމާލައިފި އެވެ.

މެޗުގެ 54 ވަނަ މިނިޓުގައި މެކްސިކޯގެ ފުރަތަމަ ލަނޑު، ހެނާންޑޭޒް ކާމިޔާބުކޮށްފައި ވަނީ، އަންދްރޭ ގުއަޑާޑޯ ނަގައިދިން ހުރަހެއް ބޮލުން ޖަހައި ޖަޕާނުގެ ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. އަދި ދެވަނަ ލަނޑު ވެސް އޭނާ ކާމިޔާބު ކޮށްފައި ވަނީ ބޮލުން ޖަހައިގެންނެވެ. މެޗުގެ 66 ވަނަ މިނިޓުގައި ހެނާންޑޭޒްއަށް ލަނޑު ޖަހާނެ ފުރުސަތު ތަނަވަސްކޮށްދިނީ، ޖިއޮވާނީ ޑޮސް ސަންތޯސް ނަގައިދިން ކޯނަރަކުންނެވެ. މެޗުގެ ފަހު ވަގުތުގައި މެކްސިކޯއަށް ލިބުނު ޕެންލްޓީއެއް، ހެނާންޑޭޒް ބޭކާރު ކޮށްލާފައިވެ އެވެ.

އެއްވެސް މެޗަކުން މޮޅު ނުވެ، ގްރޫޕް ބީގެ ފުލުގައި އޮވެ މުބާރާތް ނިންމާލި ޖަޕާން، އެ މެޗުގައި ކާމިޔާބު ކުރި ހަމަ އެކަނި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ، މެޗުގެ 86 ވަނަ މިނިޓުގައި ޝިންޖީ އޮކަޒަކީ އެވެ.

ރޭގެ ނަތީޖާއާއެކު ގްރޫޕް "އޭ"ގެ އެއްވަނައިގައި އޮތް ބްރެޒިލްއަށް 9 ޕޮއިންޓް ލިބިފައިވާއިރު ދެވަނައަށް ދިޔަ އިޓަލީއަށް ލިބިފައި ވަނީ 6 ޕޮއިންޓެވެ. އަދި މެކްސިކޯ 3 ޕޮއިންޓާއެކު ތިންވަނައިގައި އޮތްއިރު ޖަޕާން ގްރޫޕުގެ ފުލުގައި އޮތީ ޕޮއިންޓެއް ނުލިބި އެވެ.

ކޮންފެޑެރޭޝަންސް ކަޕްގައި މިރޭ ކުޅޭނީ ގްރޫޕް "ބީ"ގެ ފަހު މެޗު ތަކެވެ. ރާއްޖޭ ގަޑިން މިރޭ 00:00ގައި ގްރޫޕް ބީގެ ސްޕެއިންއާއި ނަޖީރިއާ ބައްދަލުކުރާއިރު ހަމަ އެގަޑިގައި އެ ގްރޫޕްގެ އަނެއް މެޗުގައި އުރުގުއޭއާއި ޓަހީޓީ ވާދަކުރާނެ އެވެ.