23 Jun 2013, 09:45
ދަވްޙާ (ޖޫން 23): އަފްޣާނިސްތާނުގެ ތާލިބާން ޖަމާއަތާ އެކު ސުލްޙައިގެ ކަންތައްތައް ކުރިޔަށްނުދާ ނަމަ ޤަތަރުގައި ދާދިފަހުން ހުޅުވި އެޖަމާއަތުގެ އޮފީސް ބަންދުކުރަން ޖެހޭނެ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ (ފޮޓޯ) ވިދާޅުވެއްޖެ އެވެ.
ޤަތަރުގައި ވާހަކަ ދައްކަވަމުން ކެރީ ވިދާޅުވީ ތާލިބާނުންގެ އޮފީހެއް ޤަތަރުގައި ހުޅުވުމުގެ ބޭނުމަކީ އެޖަމާއަތުން ސުލްޙަ ޚިޔާރުކުރުމަށް ފުރްސަތު ދިނުންކަމަށާއި މިފުރުސަތުގެ ބޭނުން ނުހިފޭ ނަމަ އެއޮފީސް ބަހައްޓަން ޖެހޭ ކަމަށް އެމެރިކާ ނުދެކޭކަމުގަ އެވެ. ޤަތަރުން އެގައުމުގައި ތާލިބާނުންގެ އޮފީހެއް ހުޅުވައި ދިނީ އެމެރިކާގެ އެދުމުގެމަތިން ކަމަށް ވަނީ ބެލެވިފަ އެވެ. ތާލިބާނުންނާއެކު ބޭއްވުމަށް ރޭވިފައިވާ ސުލްޙައިގެ ވާހަކަތައް ފަށާގޮތަށް ކުރިންއޮތީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ނަމަވެސް އަފްޣާން ސަރުކާރު އެއްފަރާތްކޮށްލައި ތާލިބާނުންނާ އެކު ސުލްޙައިގެ ކަންތައްތަކުގައި އެމެރިކާ މާބޮޑަށް އިސްވެ ގަނެގެން އުޅުމުން އެއީ އަފްޣާން ދާޚިލީކަންކަމުގެ ތެރެއަށް ވަނުން ކަމަށް ބުނެ އެމެރިކާ ނުފޫޒުގެ ދަށުގައިވާ ކަމަށް ބެލެވޭ އަފްޣާން ރައީސް ޙާމިދު ކަރުޒާއިގެ ސަރުކާރުން ވަނީ އެވާހަކަތަކުގައި ބައިވެރިވުމަށް ދެކޮޅުހަދާފަ އެވެ.
މީގެއިތުރުން ތާލިބާނުންގެ އޮފީސް ޤަތަރުގައި ހުޅުވާފައިވަނީ އަފްޣާނިސްތާނުގެ އިސްލާމީ އިމަރޭޓްގެ ނަމުގައި ކަމަށްވެފައި އެނަމަށް ޚާއްސަކޮށްފައިވާ ވަކި ދިދައެއް ވެސް އެ އޮފީހުގައި ނަގާފައިވާތީ އަފްޣާން މަސްއޫލުވެރިން ވަނީ ވަރަށް ބޮޑަށް ކޯފާވެފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަނެއްކޮޅުން ތާލިބާނުން އިއްޔެ ވެސް ބުނެފައި ވަނީ އެމެރިކާ ސިފައިންނާއި އެމީހުންނާ ގުޅިފައިވާ ބޭރުގެ ބާރުތައް އަފްޣާނިސްތާނުން ފައްސާ ލެވެންދެން އެފަރާތްތަކާ ދެކޮޅަށް ހަނގުރާމަ ކުރާނެކަމަށާ ހަތިޔާރު ނުބަހައްޓާނެ ކަމުގަ އެވެ. އަދި އެމެރިކާއާ އެކު ސުލްހައިގެ ވާހަކަތަކެއްގައި ބައިވެރިވާނެކަން ތާލިބާނުން އެއްވެސް ވަރަކަށް ކަށަވަރުކޮށްދީފައިނުވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.
ނަމަވެސް ތާލިބާނުންނާ އެކު ބާއްވާ ސުލްޙައިގެ ވާހަކަތަކުގައި ބައިވެރިވެރިވާ އެމެރިކާގެ މަންދޫބު، ޤަތަރުގެ ވެރިރަށް ދަވްޙާއަށްއިއްޔެވަނީ ވަޑައިގެންފަ އެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާ އިން ބުނީ ތާލިބާނުންނާ އެކު ދަވްޙާގައި ބާއްވާ ސުލްޙައިގެ ވާހަކަތަކުގައި އެމެރިކާގެ ފަރާތުން ބައިވެރިވެވަޑައިގަންނަ ވަނީ އަފްޣާނިސްތާނަށާއި ޕާކިސްތާނަށް ކަނޑައަޅާފައިވާ އެމެރިކާގެ ޚާއްސަ މަންދޫބު ޖޭމްސް ޑޮބިންޒް ކަމަށާ އޭނާ އިއްޔެ ދަވްޙާ އަށް ވަޑައިގެންފައިވާ ކަމުގަ އެވެ. ތާލިބާނުންނާ އެކު ބޭއްވުމަށް ރޭވިފައިވާ ސުލްޙައިގެ ވާހަކަތައް ފަށާނެ ތާރީޚެއް އެމެރިކާއިން ހާމަކޮށްފައެއްނުވެ އެވެ.
އެމެރިކާ ވަނީ އަފްޣާނިސްތާނުގައި މިހާރު ޙަރަކާތްތެރިވާ އެމެރިކާ ސިފައިންގެ 60 ހާސްމީހުން އަންނަ އަހަރުގެ މެދުތެރޭގައި އެގައުމުން ބާލާނެކަން ހާމަކޮށްފަ އެވެ. އަދި އަފްޣާނިސްތާނުގެ ސަލާމަތާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ހުރިހާ ޒިންމާތަކެއް މިހާރު ވަނީ އެމެރިކާގެ މަދަދުލިބޭ އަފްޣާން ސަރުކާރާ ޙަވާލުކޮށްފަ އެވެ. (ނޫސްއެޖެންސީތައް)