23 Jun 2013, 09:42
ސާ އެލެކްސް ފާގަސަންގެ އިރުޝާދުގެ ދަށުން މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗަށް، އޭނާގެ އަތުން ލިޔެ ސޮއިކޮށްފައިވާ ފުރަތަމަ "ޓީމް ޝީޓް" އިނގިރޭސި ވިލާތުގެ ނީލަމެއްގައި 19،000 ޕައުންޑަށް ވިކިއްޖެ އެވެ.
އޮކްސްފޯޑް ޔުނައިޓެޑް އަތުން 1986ގައި 2-0ން މެންޗެސްޓާ ޔުނައިޓެޑް ބަލިވި އެމެޗުގެ ފުރަތަމަ 11ގައި ޔުނައިޓެޑްގެ ޓީމްގައި ހިމެނުނު ކުޅުންތެރިންގެ ތެރޭގައި، ޕޯލް މެކްގްރެތު، ކެވިން މޯރަން، ފްރެންކް ސްޓެޕްލެޓަން، ސްކޮޓިޝް މިޑްފީލްޑަރު ގްރައިމް ހޮގް، އަދި އިންގްލޭންޑް ސްޓްރައިކާ ޕީޓާ ޑެވެންޕޯޓް ފަދަ ކުޅުންތެރިން ހިމެނެ އެވެ.
ޔުނައިޓެޑްގެ ކުރީގެ ކޯޗް، ރޮން އެޓްކިންސަން ކޯޗުކަމުން ވަކިވެ، ފާގަސަންއާ ޓީމު ހަވާލުކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، އޮކްސްފޯޑް ޔުނައިޓެޑާ ދެކޮޅަށް ކުޅެން ނެރެނުމަށްޓަކައި، ފާގަސަން އޭނާގެ އަތުން ލިޔެފައިވާ އެ ޓީމް ލިސްޓް، އޮކްސްފޯޑް ޔުނައިޓެޑްގެ ފޭން އަކަށް ލިބިފައިވަނީ، އެ ކްލަބްގެ ކުރީގެ ކުޅުންތެރިއެއް ކަމަށްވާ ޕީޓާ ރޯދެސް ބްރައުންގެ އަތުންނެވެ.
އިނގިރޭސި ވިލާތުގެ އޮފިޝަލް ފުޓްބޯލް ލީގް ކަރުދާހުގައި ސާ އެލެކްސް ފާގަސަންގެ އަތުން ލިޔެ ސޮއިކޮށްފައިވާ ޓީމްލިސްޓް، މެޗް އޮފިޝަލުންނާ ހަވާލުކުރުމުން އެމީހުން އޭތި ގެންގޮސް ހަރުކޮށްފައިވަނީ، އެ މެޗު ކުޅުނު އޮކްސްފޯޑް މޭނާ ގްރައުންޑް ސްޓޭޑިއަމްގެ ޗޭންޖިން ރޫމެއްގެ ފާރުގައި ކަމަށް ވެއެވެ.
މިއަހަރުގެ މޭމަހު ކޯޗުކަމުން ރިޓަޔާކުރި، 71 އަހަރުގެ ސާ އެލެކްސް ފާގަސަން ވަނީ، އޭނާ ޔުނައިޓެޑްގައި ހޭދަކުރި 26 އަހަރުގެ ދިގު މުއްދަތުގެ ތެރޭގައި އެ ކްލަބަށް 38 ޓްރޮފީ ހޯދައިދީފަ އެވެ.
އިނގިރޭސި ވިލާތުގައި އެ ނީލަން ބޭއްވި ފަރާތް ކަމަށްވާ އެންޑްރޫ އަލްޑްރިޖް ބުނީ، ހެންރީ އަލްޑަރިޖް އެންޑް ސަންސްގެ އެ ނީލަމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އާދަޔާ ހިލާފު ޝައުގުވެރިކަމެއް ފެނިގެން ގޮސްފައިވާ ކަމަށެވެ.