23 Jun 2013, 09:39
ދަވްޙާ (ޖޫން 23): ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް ހަތިޔާރު ފޯރުކޮށްދިނުމަށް ސޫރިޔާގެ ރަޙްމަތްތެރިންގެ ނަމުގައި ޙަރަކާތްތެރިވާ ގައުމުތަކުން ނިންމައިފި އެވެ.
ޤަތަރުގެ ވެރިރަށް ދަވްޙާގައި އިއްޔެ ނިންމާލި "ސޫރިޔާގެ ރައްޔިތުންގެ ރަޙްމަތްތެރިން"ގެ ގޮތުގައި ޙަރަކާތްތެރިވާ ގައުމުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރު ވައްޓާލަން މަސައްކަތްކުރާ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް ބޭނުންވާ އަވަސް އެހީއާއި ވަސީލަތްތަކާއި ފޯރުކޮށްދިނުމަކީ ސޫރިޔާގައި ހިނގަމުންދާ އަހްލީ ހަނގުރާމައިގެ ތިލަފަތް އެއްކޮޅަކަށް ބުރަވެފައިވުން ނިމުމަކަށް ގެނައުމަށް ކޮންމެހެން ބޭނުންކަމެއް ކަމުގަ އެވެ. އަދި މިކަން ކުރިޔަށް ގެންދާނީ "ސޫރިޔާގެ ރައްޔިތުންގެ ރަޙްމަތްތެރިން"ގެ ގޮތުގައި ޙަރަކާތްތެރިވާ ގައުމުތަކުގެ ތެރޭން ކޮންމެ ގައުމަކުން ވެސް އެގައުމަކަށް ފެންނަގޮތަކަށް ކަމަށް އެބަޔާނުގައި ބުނެފައިވެ އެވެ.
ނަމަވެސް ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް ފޯރުކޮށްދިނުމަށް ނިންމި އަވަސްއެހީ ތަކާއި ވަސީލަތްތަކަކީ ހަތިޔާރު ކަމަށް ސީދާ ގޮތެއްގައި މިބަޔާނުގައި ބުނެފައެއްނުވެ އެވެ. ސޫރިޔާގެ ރައްޔިތުންގެ ރަޙްމަތްތެރިންގެ ނަމުގައި ޙަރަކާތްތެރިވާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ އެމެރިކާ އާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުގެ އިތުރުން ތުރުކީ، މިސްރާއި އުރުދުން އާއި ޤަތަރު ފަދަ ބައެއް ޢަރަބި ގައުމުތައް ހިމެނެ އެވެ.
ސޫރިޔާގެ ރަޙްމަތްތެރިންގެ ނަމުގައި ޙަރަކާތްތެރިވާ ގައުމުތަކުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޤަތަރުގެ ޚާރިޖީ ވަޒީރު ޙަމަދް ބިން ޖާސިމް އާލް ޘާނީ ވަނީ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް ހަތިޔާރު ފޯރުކޮށްދީގެން މެނުވީ އެގައުމުގެ މައްސަލަ ޙައްލުނުކުރެވޭނެ ކަމަށް ވިދާޅުވެ ހަތިޔާރު ފޯރުކޮށްދިނުމުގެ މުހިއްމުކަމާބެހޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ. އެމެރިކާ އިން ވަނީ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިން ހަތިޔާރުފޯރުކޮށްދޭނެކަން ތަންކޮޅެއްކުރިން ހާމަކޮށްފަ އެވެ. އަދި ހުޅަނގުގެ އަނެއް ދެބާރުކަމަށްވާ އިނގިރޭސީންނާއި ފަރަންސޭސީން ވެސް ވަނީ އެމީހުންނަށް ހަތިޔާރު ފޯރުކޮށްދޭނެކަން ހާމަކޮށްފަ އެވެ.
ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ކޮމާންޑަރަކު އިއްޔެ ވަނީ ހަނގުރާމަވެރިންނަށް ޒަމާނީ ހަތިޔާރު ގިނައަދަދަކަށް ދާދިފަހުން ލިބިފައިވާކަން ހާމަކޮށްފަ އެވެ. (ނޫސްއެޖެންސީތައް)