02 Nov 2010, 15:17
22:36
ނިޝާތަށް އިތުރަށް ފަރުވާދިނުމަށް ރާއްޖޭން ބޭރަށް ގެންދިއުމަށް އާއިލާގެ ފަރާތުން އެދެފި އެވެ.
ނިޝާތުގެ މަންމަ އައިމިނަތު ޝޮބީހާ ސަން އޮންލައިނަށް މައުލޫމާތުދެމުން ބުނީ ނިޝާތު ރާއްޖޭން ބޭރަށް ގެންދިއުމަށް އާއިލާގެ ފަރާތުން މިރޭ އައިޖީއެމްއެޗްގައި އެދިފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ ހާލަތު ހުރި ގޮތުން އަދި ހުއްދަ ދެއްވެން ނެތް ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
ޝޮބީހާ ބުނީ ނިޝާތު އަށް ހަމަލާދީފައި ވަނީ ގޭގައި ޓީވީ ބަލަން އިނދެފައި އެ ފިހާރައަށް ގޮސް ހުއްޓާ ކަމަށެވެ.
20:41- ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ ނިޝާތުގެ ހަށިގަނޑުގެ ގިނަ ތަންތަނަށް ވަޅިން
ހަމަލަދީފައިވާއިރު ބޮލާއި ދެ އަތާއި ކަނާތު ކޮނޑާއި ބުރަކައްޓަށް ވަނީ ފުންކޮށް ވަޅި ހަރާފަ އެވެ. ފުރަގަހުން ބޮލަށް ވަޅި ހެރުމުގެ ސަބަބުން ބޮލުގެ ނާށިގަނޑަށް ވެސް ވަނީ ވަރަށް ބޮޑު ގެއްލުންތައް ލިބިފަ އެވެ.
ފުލުހުން ބުނީ މި ހަމަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
20:28- ވަޅިން ހަމަލާދީ ޒަހަމްކޮށްލާފައި ވަނީ ބަނޑޭރިކޮށީ ނަމްބަރު 164 ގެ އަހުމަދު ނިޝާތު ނަސީރު 27، އެވެ. ހޮސްޕިޓަލުގެ އިމްޖެންސީ ރޫމުގައި އޭނާގެ ހަށިގަނޑު ސާފު ކުރަމުން އެބަ ދެ އެވެ. ވަޅި ހަރައި ޒަހަމްކޮށްލާފައި ވަނީ ހަށިގަނޑުގެ ކިތައް ތަނަށް ކަމެއް އަދިވެސް ސާފެއް ނުވެ އެވެ. އޭނާގެ ހާލު ވަރަށް ދެރަ އެވެ.
20:25- މަންޒަރު ދުއް މީހަކު ބުނީ ޒުވާނާ އަށް ވަޅި ހަމަލާދީ ޒަހަމްކޮށްލާފައި ވަނީ ބިންމާ ސްޓޯރުގެ ކައިރިން ދިލްބަހާރު މަހުގައި ހުންނަ ފަރަންސާ ސްޓޯރުގެ ތެރޭގައި ހުއްޓަ އެވެ. އޭނާ އަށް ފަރުވާދޭން ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ފުލުހުން ޕިކަޕަކަށްލައިގެނެވެ.
20:00- މއ. ބިންމާ ސްޓޯރު، ފިހާރައިގެ ކައިރީ ފިހާރައެއްގެ ތެރޭގައި ހުއްޓާ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
މިރޭ ގާތްގަނޑަކަށް 8:00 ޖަހާކަންހާއިރު މި ހަމަލާ ދީފައިވަނީ އެ ޒުވާނާ ފިހާރަ ތެރޭގައި ހުއްޓާ ކަމަށް މައުލޫމާތު ލިބެ އެވެ.
ވަޅި ހަރައި ޒަހަމްކޮށްލާފައިވާ ޒުވާނާ އައިޖީއެމްއެޗަށް ގެންގޮސް މިހާރު ފަރުވާ ދެމުން އެބަދެ އެވެ.
ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ ޒުވާނާގެ ހަށިގަނޑުގެ އެކި ދިމަ ދިމާއަށް ވަޅި ހަރާފައިވާ ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށެވެ. (ތަފުސީލު އަންނަނީ)
(މިހާދިސާގެ ފޮޓޯ 2747 އަށް ފޮނުވައިދެއްވާ)