20 Mar 2010, 10:07
ރާއްޖެ، އިސްލާމްދީނަށް ބަދަލުވި ދުވަހުން ފެށިގެން މެދުނުކެނޑި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި މިވަނީ އިސްލާމީ އުޞޫލުތައް ވަރަށް ރަނގަޅަށް އަށަގަނެފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އާދަވެގެން ކޮންމެ ހުކުރު ދުވަހެއްގައި ދެއްވާ އެމަނިކުފާނުގެ ރޭޑިއޯ ޚިޠާބުގައި، ރާއްޖެ އިސްލާމްވި ދުވަހުގެ މައްޗަށް ބައްލަވާލައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖެއަށް އިސްލާމްދީން އައިގޮތާއި، އިސްލާމީ އުސޫލުތަކާއި، އިސްލާމީ ތަޢުލީމު ރާއްޖޭގައި ފެތުރިގެން އައި ގޮތުގެ މައްޗަށް ވަރަށް ތަފްސީލްކޮށް ބައްލަވައިލެއްވި އެވެ. ރާއްޖެއަށް އިސްލާމްދީން ތަޢާރުފު ކުރެއްވުމުގައި، އެންމެ އިސްކޮށް ތިއްބެވި ދަންނަބޭކަލުންނަކީ، ސޫފީ ދަންނަ ބޭކަލުންކަން ބަޔާންކުރައްވަމުން، އެބޭކަލުން ރާއްޖެ އަށް އިސްލާމްދީން ތައާރުފުކުރެއްވީ، އެއްވެސް ޙާލެއްގައި ކަނޑީގެ ބާރަކުން ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ދުނިޔޭގެ އެހެން އިސްލާމީ ޤައުމުތަކުން ވެސް ރާއްޖޭގެ މި ދިގު އިސްލާމީ ތާރީޚުގެ މައްޗަށް ދިރާސާކޮށް، އަދި ރާއްޖެ މިކަން ކޮށްފައި މިވާގޮތް ދެނެގަތުމަކީ، އިސްލާމީ ޢިލްމަށް ބަލާއިރު ވެސް އަދި އިސްލާމީ ތާރީޚުގެ ދިރާސާއަށް ބަލާއިރު ވެސް ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ޔޫރަޕްގެ ހަތަރު ޤައުމަކަށް ކުރެއްވި ދަތުރުފުޅުގެ މައްޗަށް އަލިއަޅުވާލައްވާ ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެ ދަތުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށާއި އިރާދަކުރެއްވިއްޔާ އެދަތުރުފުޅުގެ ސަބަބުން ރާއްޖެގެ އެކިއެކި ރަށްރަށަށް އެކިއެކި އެހީތެރިކަން ވަރަށް ކައިރި މުސްތަޤްބަލެއްގައި ފޯރުކޮށްދެއްވާނެ ކަމުގައި ވިދާޅުވި އެވެ. އެގޮތުން، ޖަރުމަނުވިލާތަށް ކުރެއްވި ދަތުރުފުޅަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލައްވަމުން، ރާއްޖޭގެ އެކިއެކި ތަޢްލީމީ ކަންކަމަށް، ޚާއްޞަކޮށް، ޝަރީޢާ އެންޑް ލޯ އިންސްޓިޓިއުޓް ވަރުގަދަ ކުރުމަށް ޖަރުމަން ސަރުކާރުން އެހީތެރިކަން ދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން މިހާރުވަނީ ލިބިވަޑައިގެންފައިވާ ކަމުގައި ވިދާޅުވި އެވެ. އަދި ރާއްޖޭގައި ހަކަތައިގެ އުފެއްދުމަށާއި، ކަރަންޓް ދިނުމުގެ ކަންކަމަށާއި، ޔޫޓިލިޓީ ކުންފުނިތަކަށް އެހީތެރިވެދެއްވާނެ ކަމަށްވެސް ޖަރުމަން ސަރުކާރުން ވަރަށް ސާބިތުކަމާ އެކީގައި ފާހަގަކޮށްފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
އައިސްލެންޑަށް ކުރެއްވި ދަތުރުފުޅަށް ބައްލަވާލައްވައި، އައިސްލެންޑަކީ ދިވެހި ރާއްޖެއާ ވަރަށް އެއްގޮތް ކަންތައްތަކެއް ގިނަ ޤައުމެއްކަން ރައީސް ނަޝީދު ފާހަކުރެއްވި އެވެ. އަދި އެޤައުމުގެ ހުރިހާ ހަކަތައެއް އުފައްދަނީ، ތެޔޮ ބޭނުންކޮށްގެން ނޫން ކަމަށާއި، އިޢާދަކުރަނިވި ހަކަތައިގެ ގޮތުގައި ޖިއޮތަރމަލް ހަކަތަ ބޭނުންކޮށްގެންކަން ހާމަކުރައްވަމުން، މީގެ ސަބަބުން އެޤައުމު މިހާރުވަނީ ޔޫރަޕްގެ އެންމެ މުއްސަނދި އެއްޤައުމަށްވެފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ތަރައްޤީއަށާއި އަދި އެހެނިހެން ކަންކަމަށް އެހީތެރިވެދޭނެ ގޮތްތައް ހޯއްދެވުމަށްޓަކައި އައިސްލެންޑާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެއްވުމުގެ ވާހަކަތައް ދެކެވެމުންދާކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވި އެވެ. އަދި އައިސްލެންޑްގެ ޔުނިވަރސިޓީތަކުން ރާއްޖޭގެ ދަރިވަރުންނަށް ސްކޮލަރޝިޕް ލިބޭނެ މަގުވެސް، މިއެއްބަސްވުމާ ހަމައަށް އާދެވުމުން، ހަމަޖެހިގެންދާނެ ކަމުގެ ވަރަށްބޮޑު ޔަޤީންކަމެއް އެބައޮތް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ސްވިޒަލަންޑަށް ކުރެއްވި ދަތުރުފުޅުގައި، ބެންޖަމިން ރޮތްސްޗައިލްޑްގެ ގްރޫޕާ ބައްދަލުކުރައްވައި ވާހަކަ ދެއްކެވި ކަމަށާއި، ރާއްޖޭގެ ރަށްތަކަށް ރަނގަޅު އިތުބާރު ހުރި ގޮތުގައި އަދި މާޙައުލަށާއި ތިމާވެށްޓަށް ރައްކާތެރި ގޮތުގައި ހަކަތަ އުފައްދައި ހަކަތަ ފޯރުކޮށްދިނުމަށް އަދި ކަރަންޓް ފޯރުކޮށްދިނުމަށް އެގްރޫޕާއެކު އެއްބަސްވުންތަކެއްގައި ސޮއިކުރެއްވި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ފިންލެންޑަށް ކުރެއްވި ދަތުރުފުޅުގައި، ރާއްޖެއަށް 25 މެގަވޮޓްގެ ވައިގެ ހަކަތަ ދިނުމުގެ މަޝްރޫޢެއްގައި ފިންލެންޑް ކުންފުންޏެއް ކަމަށްވާ ވިންވިންޑާއެކު އެއްބަސްވުމެއްގައި ސޮއިކުރެއްވިކަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.