23 Jun 2013, 09:20
ރާއްޖޭގެ މައި ދޮރާށި، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިންޑިއާގެ ޖީއެމްއާރަށް 25 އަހަރަށް ދިނުމަކީ ސިޔާސީ ގޮތުން ވަރަށް ބޮޑަށް ކެކިގެން ދިޔަ މައްސަލައެކެވެ. ނަޝީދުގެ ވެރިކަން ބަދަލުވެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި އެތައް ބައެއްގެ ޕްރެޝަރާ ހެދި އެއާޕޯޓުގެ އެއްބަސްވުން އުވާލުމުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ދާދިފަހުން ވަނީ އެއާޕޯޓް ހިންގަން ހަވާލުކުރި ގޮތާ ބެހޭ ކަންތައްތައް ހިނގައިދިޔަ ގޮތާ ބެހޭ ގޮތުން ރިޕޯޓެއް ނެރެފަ އެވެ. އަދި އެރިޕޯޓް ނުކުމުމާ އެކު ހޫނު ގަދަ ބަހުސްތަކެއް ވަނީ ފެށިފަ އެވެ.
މިދިޔަ ހޯމަ ދުވަހު އޭސީސީ އިން ނެރެފައިވާ ރިޕޯޓްގައި ބުނެފައި ވަނީ ޖީއެމްއާރަށް އެއާޕޯޓް ދިނުމުގެ ބިޑް އިވެލުއޭޝަން މަރުހަލާގައި ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ ކަމަށެވެ. އޭސީސީގެ އެ ނިންމުމާ އެކު އުފެދުނު ހޫނު ގަދަ ބަހުސްތަކާ އެކު އެންމެ ބޮޑަށް ފާހަގަކުރެވިގެން ދިޔަ ކަމަކީ ޖީއެމްއާރަށް އެއާޕޯޓް ދިނުމާއި ދެކޮޅަށް މަސައްކަތް ކުރި ފަރާތްތައް އޭސީސީ އާ މެދު ކުރަން ފެށި ތުހުމަތުތަކާއި އެ ރިޕޯޓްގައި ނެތް ބައެއް ވާހަކަތައް ދައްކަމުންދިޔަ ތަނެވެ. އަދި ޖީއެމްއާރަށް ތާއީދުކުރާ އެމްޑީޕީން ޖީއެމްއާރުން އެއްވެސް ކޮރަޕްޝަންގެ އަމަލެއް ނުހިންގާ ކަމާއި ޖީއެމްއާރުން ރާއްޖޭގައި ހުރިހާ ކަމެއް ކޮށްފައި ވަނީ ރަނގަޅަށް ކަމަށް ބުނެ ވާހަކަދައްކަމުންނެވެ. އެ ހުރިހާ ބަހުސްތަކެއް އެގޮތަށް ހުރި ނަމަވެސް ހަގީގަތަކީ އޭސީސީގެ ރިޕޯޓްގައި ބުނެފައި ވަނީ ހަމައެކަނި ބިޑިން ޕްރޮސެސްގެ ވާހަކަތައް އެކަނިކަމެވެ.
އޭސީސީގެ ރިޕޯޓްގައި ބުނެފައި ވަނީ އައިއެންއައިއޭ ހިންގުމަށް ޝައުގުވެރިކަން ފާޅުކުރި ހަ ފަރާތުގެ އެޕްލިކޭޝަން އިވެލުއޭޓްކުރުމަށް ފަހު ފާސްވެފައިވާ ކަމަށާއި އެގޮތުން ހުރިހާ ފަރާތަކަށް ވެސް ބިޑް ކުރުމާއި އިވެލުއޭޝަން ކުރިއަށް ގެންދާނެ ގޮތުގެ ފުރިހަމަ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެންމެ ބޮޑު ކޮންސެޝަންފީގެ ނެޓް ޕްރެސެންޓް ވެލިއުއެއް ހުށަހަޅާފައި ވަނީ ޖީއެމްއާރު ކޮންސޯޓިއަމުން ކަމަށް ބުނެފައިވެ އެވެ. އެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އެއާޕޯޓް ހަވާލުކުރުމުގެ މަރުހަލާގައި އެންމެ މަތިން މާކްސްއެއް ލިބުނީ ޖީއެމްއާރަށެވެ. އަދި ބިޑް އިވެލުއޭޝަން ކޮމެޓީއިން އެގޮތަށް ނިންމާ އެގޮތަށް އެކޮމެޓީގެ މެމްބަރުން ސޮއިކޮށްފައިވާތީ އެކަމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގި ކަމަށް ބެލެވެން ނެތް ކަމަށް އޭސީސީ ވަނީ ނިންމައިފަ އެވެ.
އޭސީސީގެ ރިޕޯޓާއި ގުޅިގެން ޖީއެމްއާރުގެ މައްސަލަ ދިރާސާކުރި ސަރުކާރުގެ ކޮމިޓީގެ މެމްބަރު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވި ގޮތުގައި ޖީއެމްއާރުގެ މައްސަލާގައި އޭސީސީން ނެރުނީ ފުރިހަމަ ނުވާ ރިޕޯޓެކެވެ. އަދި އެރިޕޯޓްގައި ވަރަށް ގިނަ ކަންކަން އެ ނުހިމަނާ ކަމަށާއި އެހެންކަމުން އޭސީސީގެ އިހުމާލެއް އެބައޮތްކަމަށް ގަބޫލުކުރައްވާ ކަމަށް އާޒިމާ ވިދާޅުވި އެވެ.
"ގަސްދުގައި ނުހިމެނުއްވީތޯ ނުވަތަ އޯވަ ލުކް ކުރެއްވީތޯ؟ އެކަމަކު އަޅުގަނޑުމެން މި ދަންނަވާ ކަހަލަ ވަރަށް ގިނަ ފެކްޓްސް އޯވާލުކް ކުރައްވާފައި އެ އެއްޗެހިތައް ނުހިމަނައޭ ރިޕޯޓު ނިންމާފައި ވަނީ، ދައުލަތަށް މިއިން ވަރަށް ބޮޑަށް ގެއްލުންވޭ. ހާއްސަކޮށް ޝަރުއީ މައްސަލައެއްގެ ތެރޭގައި ގައުމު އޮންނައިރު ގައުމަށް ވަރަށް ބޮޑެތި ގެއްލުން ވާނެ މިކަހަލަ ކަންތައް ވީމާ،" އާޒިމާ ވިދާޅުވި އެވެ.
މިހާރުގެ ސަރުކާރަށް ނިސްބަތްވާ އަދި ޖީއެމްއާރުން އެއާޕޯޓް ހިންގުމާއި ދެކޮޅު ފަރާތްތަކުގެ ބަސް އެގޮތަށް ހުރިއިރު ޖީއެމްއާރަށް އެއެއާޕޯޓް ދިން ރައީސް ނަޝީދު ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ އެންމެ މުހިންމު އެއް ވާޖިބަކީ ޖީއެމްއާރާއި އެއާޕޯޓު ހަވާލުކުރި އެއްބަސްވުން އަލުން އަނބުރާ އިއާދަކުރުމަށް އެ ކުންފުންޏާ އެކު މަޝްވަރާ ކުރެވޭނެ ގޮތެއް ހޯދައިދިނުން ކަމަށެވެ. ރައީސް ނަޝީދާއި އެމްޑީޕީއިން ބުނަމުން ދަނީ ޖީއެމްއާރު ރާއްޖެ ގެނަންޖެހޭ ކަމަށެވެ. އަދި އަޑަށް ބާރުލާ ދައްކާ ހެއްކަކީ އޭސީސީގެ ރިޕޯޓެވެ.
ސަރުކާރާއި އެއްކޮޅު އަދި އިދިކޮޅު ފަރާތްތަކުގެ ބަސް އެގޮތަށް ހުރިއިރު އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ ސިޔާސީ ފަރާތްތަކުން އޭސީސީގެ ރިޕޯޓްގެ ވާހަކަދައްކާ ފާޑުކިޔަމުން ދަނީ ރިޕޯޓް ކިޔާނުލައި ކަމަށާއި އެއީ ޒިންމާދާރުގޮތެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ އެ ރިޕޯޓްގައި ބުނެފައި ވަނީ ޖީއެމްއާރަށް އެއާޕޯޓް ދިނުމުގެ ބިޑިން ޕްރޮސެސްގައި އެއްވެސް ކޮރަޕްޝަންގެ އަމަލެއް ހިންގާފައިނުވާ ވާހަކަ ކަމަށާއި ނަމަވެސް ޖީއެމްއާރު އެއާޕޯޓާއި ހަވާލުވެގެން ކުރިއަށް ގެންގޮސްފައިވާ ހުރިހާ ކަމެއްގައި ކޮރަޕްޝަން އެކުނުލެވޭ ކަމަށް ބުނެފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭސީސީގެ ބަސް އެގޮތަށް ހުރި އިރު އެ ރިޕޯޓްގައި ސުވާލު އުފެދޭ އިތުރު ކަމެއްވެ އެވެ. އޭސީސީން ބުނާ ބުނުމުން ނަމަ އެ ރިޕޯޓަކީ ޖީއެމްއާރަށް އެއާޕޯޓް ދިނުމުގެ ބިޑިން ޕުރޮސެސްގައި ކޮރަޕްޝަން އެކުލެވޭތޯ ނުވަތަ ނޫންތޯ ބެލުމަށް ހެދި ރިޕޯޓެއް ނަމަ އެ ރިޕޯޓްގައި އޭސީސީން ހެދި ހިސާބުތައް ދައްކާގޮތުން އެމްއޭސީއެލް އިން އެއާޕޯޓް ހިންގައިފި ނަމަ 25 އަހަރު ދުވަހުގެ ތެރޭގައި ސަރުކާރަށް ލިބެނީ ސާފު ފައިދާގެ ގޮތުގައި ގާތްގަނޑަކަށް 254 މިލިއަން ޑޮލަރުކަމަށާއި ޖީއެމްއާރުން އެ މުއްދަތުގައި އެއާޕޯޓް ހިންގައިފިނަމަ 534 މިލިއަން ޑޮލަރު ސަރުކާރަށް ލިބޭނެކަމަށް ބެލެވޭތީ ސަރުކާރަށް ބޮޑަށް ފައިދާ ވާނީ އެއާޕޯޓް ޕްރަވެޓައިޒް ކުރުމުން ކަމުގައި ބުނެފައިވަނީ ކީއްވެބާ އެވެ؟ ބިޑިން ޕްރޮސެސްގައި ކޮރަޕްޝަނެއް އެކުލެވޭތޯ ހެދި އެ ރިޕޯޓްގައި އެގޮތަށް ފާހަގަކުރަންވީ ކީއްވެތޯ އެވެ؟
ޖީއެމްއާރުން އެއާޕޯޓް ހިންގިއިރު އޭޑީސީގެ 25 ޑޮލަރު ކޮންސެޝަން ފީން ކަނޑާ މައްސަލަ ބަލައި ނިންމައި ދިވެހި ދައުލަތައް ގެއްލުންވި 350 މިލިއަން ރުފިޔާ ހޯދުމަށް އޭސީސީން ތަހުގީގުކޮށް ދައުވާކުރުމަށް ޕީޖީއަށް ފޮނުވާފައިވާ އިރު އޭސީސީން މުޅިން މަސައްކަތް ކުރަނީ ޖީއެމްއާރުގެ ދިފާއުގައި ކަމަށް ސިޔާސީ މައިދާނުގައި ކުރާ ތުހުމަތުތަކަށް އެއްބަސްވެވޭކަށް ނެތެވެ. އަދި މިހާރު ވެސް އޭސީސީން ޖީއެމްއާރާއި ގުޅުން ހުރި ތަފާތު މައްސަލަތައް ތަހުގީގު ކުރަމުންދާކަން ފާހަގަކޮށްލެވެ އެވެ.
ދެން އޮތީ އެހެން ކަމެކެވެ. އެއާޕޯޓް ޖީއެމްއާރަށް ދިން ގޮތާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލް އެކުލަވާލި ހާއްސަ ރިޕޯޓުގައި އެއާޕޯޓް ޖީއެމްއާރަށް ދިނުމާ މެދު ކަންބޮޑުވުންތަކެއް ފާޅުކޮށްފައިވެ އެވެ. ޖީއެމްއާރާ އެކު ކޮށްފައިވާ އެގްރިމަންޓްގެ ސަބަބުން ދައުލަތަށް 20 ބިލިއަން ރުފިޔާގެ ގެއްލުންވާނެ ކަމަށް އަންދާޒާ ކުރެވިފައިވާ ކަމަށް އެރިޕޯޓްގައި ބުނެފައިވެ އެވެ. އަދި އެ އެގްރިމަންޓްގެ ސަބަބުން އިގްތިސޯދަށް އަސަރުތަކެއް ކޮށްފައިވާ ކަމަށާއި އެގޮތުން އެއާޕޯޓުން ނަގާ ބައެއް ފީތައް ޖީއެމްއާރްއިން ބޮޑުކުރުމުގެ ސަބަބުން ރާއްޖެ އަށް ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަ ބައެއް ފްލައިޓްތަކުގެ ދަތުރުތައް މަދުވަމުން ގޮސްފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި ޑިއުޓީ ފްރީތައް ހިންގުން ޖީއެމްއާރަށް ދޫކޮށްލާފައި ވާތީ އެ ވިޔަފާރިތައް ދިވެހިންނަށް ގެއްލިފައިވާ ކަމަށް ވެސް އޮޑިޓާ ޖެނެރަލް ރިޕޯޓްގައި ބުނެފައިވެ އެވެ. އުފެދޭ ސުވާލަކީ އެދެ ރިޕޯޓް ފުށުއަރާބާ އެވެ؟
އޭސީސީގެ ރިޕޯޓާ ގުޅިގެން އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް ވިދާޅުވީ އޭސީސީގެ ރިޕޯޓަކީ ވަރަށް ހިޔާލު ތަފާތުވެފައިވާ މައްސަލައެއް ކަމަށާއި ނަމަވެސް އޭސީސީގެ ރިޕޯޓުގައި ބުނެފައި ވަނީ ބިޑިން ޕްރޮސެސްގައި ކަންތައްތައް ހިނގާފައިވާގޮތް ކަމަށް އެ މުއައްސަސާ އިން ބުނާ އިރު އޮޑިޓާ ޖެނެރަލްގެ އޮޑިޓް ރިޕޯޓްގައި ވެސް ބިޑިން ޕުރޮސެސްގައި މާ ބޮޑު މައްސަލަތަކެއް އެކުލެވިގެންވާ ކަމަށް ބުނެފައިނުވާނެ ކަމަށެވެ. ނަމަވެސް އޮޑިޓާ ޖެނެރަލްގެ އޮޑިޓް ރިޕޯޓްގައި ޖީއެމްއާރަށް އެއާޕޯޓް ދިނުމުގައި ބެސްޓް ޕްރެކްޓިސްއާ ފުށުއަރާ ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ރިޕޯޓްގައި ބިޑިން ޕްރޮސެސްގައި ކޮރަޕްޝަން އެކުލެވޭއެކޭ ބުނެފައެއް ނޯނާނެ، ނަމަވެސް ބިޑިން ޕުރޮސެސްގައި އަދި ޕާޓީއެއް ސެލެކްޓްކުރުމުގައި ދޯހަޅި ކަންކަން ފާހަގަވެފައި ވާތީ އަޅުގަނޑުމެންގެ ރިޕޯޓްގައި އެކަންކަން ފާހަގަކޮށްފައިވާނެ،" އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ.
ދެން އޮތީ ސަރުކާރުން ކުރަމުންދާ އެހެން ތުހުމަތެކެވެ. ސަރުކާރަށް ތާއީދު ކުރައްވާ ފަރާތްތަކުން އޭސީސީގެ ރިޕޯޓްގެ ސަބަބުން ކޯޓުގައިވާ ޖީއެމްއާރުގެ މައްސަލާގައި އެ ކުންފުންޏަށް އިތުރު ފައިދާތަކެއް ވާނެކަމަށް ތުހުމަތުތަށް ކުރަމުންދެ އެވެ. އެތުހުމަތުތަކާއި އެކު ދެން ފެނިގެން ދިޔައި އޭސީސީގެ ރިޕޯޓް ނުކުތުމާއެކު އެއާޕޯޓް އަތުލުމުގެ ބަދަލުގެ ގޮތުގައި 1.4 ބިލިއަން ޑޮލަރު ދިވެހި ސަރުކާރުން އަތުލަން ސިންގަޕޫރުގެ އާބިޓްރޭޝަން ސެންޓަރަށް ޖީއެމްއާރުން ހުށަހެޅި ތަނެވެ.
އޭސީސީގެ ރިޕޯޓް ނުކުތުމާ އެކު ފެށުނު ހޫނު ބަހުސްތަކާ އެކު އޭސީސީއަށް ސިޔާސީ ފަރާތްތަކުން ކިޔަމުންދިޔަ ފާޑުކިޔުންތަކުގެ ޖަޒުބާތުގައި އޭސީސީ ޖެހިގެން ދިޔަ ދިޔުމަކީ ވެސް ފާހަގަކޮށްލެވޭ ކަމެކެވެ. އޭސީސީން ނެރުނު ރިޕޯޓަށް އަދާލަތު ޕާޓީގެ ރައީސް ޝެއިހު އިމްރާން އަބްދުﷲ ފާޑު ވިދާޅުވުމުން އެކަމަށް ރައްދު ދެއްވައި އޭސީސީގެ ރައީސް ލުތުފީ ދެއްކެވި ވާހަކަތަކުގެ ސަބަބުން އިތުރު ތުހުމަތުތަކެއް އޭސީސީ އާ މެދު ކުރުމުގެ މަގު ފަހިވި އެވެ. އިމްރާނަށް ދިން ރައްދަކީ ސިޔާސީ މީހަކު ދައްކާ ވާހަކައަކަށް މިނިވަން މުއައްސަސާއެއްގެ ރައީސްއެއް ދެއްވަންޖެހޭ ފަދަ ރައްދެއް ނޫންކަމަށް ބުނާ ފަރާތްތައް ވެސް މަދެއް ނޫނެވެ.
އޭސީސީގެ ރިޕޯޓާއި ގުޅިގެން ތަފާތު ހޫނު ބަހުސްތަކާއި ގިނަ ސުވާލުތަކެއް ސިޔާސީ މައިދާނުގައި އުފައްދަމުން ދާއިރު އެރިޕޯޓްގައި ޖީއެމްއާރުން ޖުމުލަ ގޮތެއްގައި ރާއްޖޭގައި ކަންތައްތައް ކޮށްފައި ވަނީ ރަނގަޅަށް ނޫންތޯ ވެސް ކަނޑަނޭޅޭ ކަމެވެ. އޭސީސީން ޖީއެމްއާރަށް ވާގިވެރިވި ކަމަށް ސަރުކާރަށް ނިސްބަތްވާ ސިޔާސީ ފަރާތްތަކުން ކުރަމުންދާ ތުހުމަތުތަކަކީ ވެސް ރަނގަޅު ތުހުމަތުތަކެކޭ ބުނެވޭކަށް ނެތެވެ.
އެހެން ނަމަވެސް ޖީއެމްއާރު އެގްރީމަންޓް އޮތް ގޮތަށް ސޮއިކުރުމަށް އެމްއޭސީއެލް ބޯޑުގެ ބައެއް މެންބަރުން އިއުތިރާޒު ކުރުމުން އެ ބޯޑް 24 ގަޑި އިރުގެ ތެރޭގައި ބަދަލުކޮށް އެގްރީމެންޓްގައި ސޮއި ކުރުމަކީ ކޮރަޕްޝަނެއް ނޫންތޯ އެވެ؟ ނަމަވެސް އޭސީސީ އަށް އެއީ ވެސް ކޮރަޕްޝަނަކަށް ނުވެ އެވެ. އަދި ފަހުން އެގްރީމަންޓަށް ބަދަލު ގެނެސް ފިއުލް ޗާޖުން ދައުލަތަށް ލިބޭ އާމްދަނީ މަދުވާ ގޮތަށް ފަހުން އެގްރީމަންޓް ބަދަލުކުރުމަކީ ވެސް މުޅި ޕްރޮސެސްގައި ހުރި ކޮރަޕްޝަން އެވެ. އާޒިމާ ވިދާޅުވާ އޯވާ ލުކްކުރުން ނޫނީ މަތިމަތީން ބަލާލުމަކީ އެފަދަ ބައިވަރު ކަންކަން އެ ޕްރޮސެސްގައި ހުރުމެވެ.
އޭސީސީގެ އެ ރިޕޯޓާ ގުޅިގެން ވަނީ ޖީއެމްއާރުގެ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. އަދި ރިޕޯޓަކުން އެ މައްސަލަ މުޅިން ސާފެއް ނޫނެވެ. އޮޅުން ނުފިލާ އެތައް ކަމެއް އެބަ ހުއްޓެވެ. އެކަންކަން މުޅިން ސާފުވާނީ އާބިޓްރޭޝަންގައި އޮތް މައްސަލަ ނިމޭ ގޮތަކުންނެވެ.